Hadhiya (Part 7)


"ތިކޮޅުގަ ހުންނާނެ ހިޔާ ނަމަކަށް ކިޔާ ގެއެއް. އެގޭގެ ކުއްޖެއްގެ ލެޕްޓޮޕްގަ މައްސަލައެއް ޖެހިގެން މިއުޅެނީ. އެ ގެ މަޝްހޫރުވާނީ ވަޑާންކުރާ ލަތީފްގެ ގޭގެ ނަމުން. އެގެއަށް ގޮސްދެވިދާނެތޯ؟" މިރްޒާން އެކޮޅުން ކިޔުނު ނަމަކާއެކީ އެންމެ ފަހުން ކޮށްލި ސުވާލުން އައްޒާމް ހުއްޓުންއެރިއެވެ. ދާދި ދެންމެއަކު އޭނަ ކުރަމުންދިޔަ ޚިޔާލުތަކާއި މުޅިން އިދިކޮޅަށް ކަންތައްވާން އުޅޭހެން ހީވުމުން އޭނައަށް ދެބުމަ ކައިރި ކޮށްލެވުނެވެ. ކަންވެދާނެ ގޮތަކާމެދު އޭނަގެ ހިތުގެ ބައެއް އުފާވެގެން ދިޔަ ހިނދު އެ ހިތް ނުތަނަވަސް ވެސްވިއެވެ.

"ހެލޯ؟" އައްޒާމް ވާހަކަ ނުދައްކައި ގިނައިރުވާން ފެށުމުން އެކޮޅުން ބުނެލި އަޑު އިވުނެވެ. އެއާއެކު ހަމަހޭވެރިކަމެއް ލިބިގެން ދިޔަ އައްޒާމަށް ވާހަކަ ދެކެވުނެވެ.

"އާދެ މައްސަލައެއްނެތް އިނގޭތޯ؟ އަޅުގަނޑު ގޮސްލަދޭނަން މިއަދު ހެނދުނު." އައްޒާމް އޭނައާއި ވާހަކަ ދައްކަމުން ދިޔަ ފަދަ މީހެއްގެ އެދުމަށް ފުރަގަސްދޭން ބޭނުމެއް ނުވީތީ ބުނެލިއެވެ. އެއާއެކު އެކޮޅުން މިރްޒާން އޭނައަށް ޝުކުރު އަދާކުރުމަށްޓަކައި ބުނެލީ އޭނަ އުއްމީދު ކުރި ގޮތާއި ޚިލާފަށް ޢަރަބި ބަސްކޮޅެކެވެ. އެއީ އޭނައަށް އޭނަގެ އެކުވެރިޔާ ހަސަންގެ ފަރާތުން ފުދޭވަރަކަށް އިވިފައިވި ބަސްކޮޅަކަށް ވިޔަސް އައްޒާމަށް އެއިން ކިޔާ އެއްޗެއް ސާފުވެފައި ނުވާ ބަސްކޮޅެކެވެ. މިރްޒާން އެފަދަ ބަސްތަކެއް ބޭނުން ކުރުމުން އައްޒާމް ޙައިރާންވާ ގޮތްވިއެވެ. އެހާ މޮޅު ޑިރެކްޓަރަކު ދީނީ ޝޯވްތައް މަދުމަދުން ހެދިޔަސް އެހާވަރަށް ދީންވެރި ވެދާނެ ކަމަށް ހީކުރެވިފައި ނެތުމުންނެވެ. އޭނަ ދެކޭ ގޮތުގައި ފުރިހަމައަށް ދީންވެރި ވާނީ ހަމައެކަނި ޝޭޚުންނާއި އިސްލާމް މުދައްރިސުންނެވެ. ދީނަކީ އެހެން ދާއިރާތަކުގައި އުޅޭ އޭނަ ކަހަލަ 'އާދައިގެ' މީހުންނާއި ގުޅޭ ކަހަލަ ކަމެއްނޫނެވެ.

އައްޒާމް އަމިއްލަ ޚިޔާލުތަކުގައި ވަނިކޮށް މިރްޒާން ދެންވެސް ވާހަކަ ދެއްކިއެވެ. ލެޕްޓޮޕް ރަނގަޅު ކުރުމަށްފަހު އޭނައަށް ގުޅާލުމުން ފައިސާ ޓްރާންސްފާރ ކުރާނެ ވާހަކަ އޭނަ ބުންޏެވެ. އައްޒާމް އެކަމަށް އެއްބަސްވުމުން ދެމީހުންގެ ވާހަކައަށް ނިމުމެއް އައިސް ފޯނު ކެނޑުނެވެ. އެއަށްފަހު އައްޒާމް ފުން ނޭވައެއް ދޫކޮށްލަމުން އަނެއްކާވެސް ވާރޭގެ ތެރެއަށް ނިކުމެ ދުވަން ފެށީ ގެއާއި ދިމާލަށް މިޞްރާބު ޖަހަމުންނެވެ.

**

އަތަށް ތަދުވަމުން ދިޔައެއްކަމަކު ލެޕްޓޮޕެއްނެތި ކުރާނެ އިތުރު މަސައްކަތެއް ނެތުމުން މާޝާ ކޮޓަރި ތެރެ ސާފުކުރަން ފެށިއެވެ. މޭޒުމަތީގައި އެކި ދުވަސްމަތިން ބޭއްވިފައިހުރި ގަނޑުތަކާއި ފޮތްތަކުގެ ބަރީގައި ހުރި އެއްޗެހި ބަލައި އެކި އެއްޗެހި އުކަމުން އަނެއް އެއްޗެހި ތަރުތީބުކޮށް ކަބަޑުތަކަށް ލަމުން ދިޔައެވެ. ކިޔަވާ މޭޒުމަތީގައި އޮތް އޭނަގެ ފޯނު ރިންގުވާން ފެށީ އޭނަ ކަބަޑު ކައިރީގައި ހުއްޓައެވެ. ވަގުތުން ގޮސް ފޯނު ބަލާލިއިރު ދޮންބެގެ ނަން ފެނިފައި އޭނަ ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ. ހެލޯއޭ ކިޔާލުމާއެކު ދޮންބެ އެކޮޅުން ވާހަކަ ދެއްކިއެވެ.

"އާނ މާޝް....އިރުކޮޅަކުން ކުއްޖަކު އަންނާނެ އިނގޭ ލެޕްޓޮޕް ބަލަން. ބައްޕަ ކައިރި ބުނާތި ދޮންބެ ޕޭ ކުރާނެއޭ." ދޮންބެ ބުނެލި އަޑު އިވުނެވެ.

"އާނ އޯކޭ." މާޝާ ބުނެލިއެވެ. ދޮންބެ އެކޮޅުން ފޯނު ކަނޑާލުމުން އޭނައަށް ހުރެވުނީ ވިސްނުމެއްގެ ތެރޭގައެވެ. އިރުކޮޅަކުން 'ކުއްޖަކު' އަންނާނެއޭ ދޮންބެ ބުނެލި ގޮތުންނެވެ. ދޮންބެ އެހެން ބުނާނީ ހަމަ ގައިމުވެސް ދޮންބެއަށްވުރެ ބޮޑުތަން ހަގު މީހަކަށްވުމުންކަން މާޝާއަށް ޔަޤީންވިއެވެ. އެ ވާނީ ބަލާލަން ރީތި، އޭނައާއި އެއް ޢުމުރެއްގެ ފިރިހެން ކުއްޖަކަށް ހެއްޔެވެ؟ އެ ސުވާލު ހިތަށްވެރިވުމާއެކު އީމާންކަމުން ދުރުވެފައިވި މާޝާގެ ހިތުތެރޭގައި އެ ޚިޔާލު އިތުރަށް ޒީނަތްތެރިވެގެން ދިޔައެވެ. ރީތި ފިރިހެން ކުއްޖަކާ އޭނަ ވަކިން ބައްދަލުވާން އުޅޭ ކަމުގެ ޚިޔާލެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނަ ކޮޓަރި އިހުނަށްވުރެ ވެސް ބޮޑަށް ރީތި ކުރަން ފެށީ އެ 'ކުއްޖަކު' އައުމުން ވެދާނެ ގޮތެއްގެ ޚިޔާލީ ފޮލާ ކައްކަމުންނެވެ.

ގެއާއި ހަމައަށް އައްޒާމަށް ދެވުނުއިރު ކާފަވެސް ހޭލައިގެން އުޅެއެވެ. ކާފަ ފެނުމާއެކު އޭނަ ކޮންމެވެސް ގެއަކަށް ދާންޖެހޭ ވާހަކަ އައްޒާމް ބުނެލީ ނޭނގޭ ސަބަބަކާހުރެ އަވަސްވެފައިވި ހިތަކާއެކީގައެވެ. އެކަމާމެދު އިތުރަށް ނުވިސްނަން މަސައްކަތް ކުރަމުން އައްޒާމް ތެތް އެއްޗެހި ބަދަލުކޮށް ތާޒާވެލައިގެން ގަމީހަކާއި ޖިންސަކަށް ހެދުން ބަދަލުކުރިއެވެ. މޫނުބަލާ ލޯގަނޑަށް ބަލަހައްޓައިގެން ހުރެ އޭނައަށް އާދައިގެ ދުވަސްތަކާއި ޚިލާފަށް ތަންކޮޅެއް ގިނައިރު ވަންދެން އޭނަގެ އިސްތަށިގަނޑު ހުރީ ރަނގަޅަށްތޯ ބެލުނެވެ. އެކަން އެނގުންވުމުން އައި ސިނގު ރުޅިއާއެކީ އޭނައަށް ބޯހޫރުވާލަމުން ލޯގަނޑަށް ފަސްދެވުނެވެ. މިއީ ހައްތަހާވެސް އޭނަގެ އެކުވެރިން އެކަންތައް ކުރާތީ އޭނަ އެ އެކުވެރިންނަށް މަލާމާތްކުރާ ކަންތައްތަކެވެ. ހަމައެކަނި އަންހެން ކުއްޖަކަށް ރީތިވެދާނެ ކަމުގެ އުއްމީދުގައި ލާނެ ގަމީހެއްގެ ކުލައާއި އިސްތަށިގަނޑު ހުންނާނެ ގޮތަކާމެދު ބޯ ގޭނުމެވެ. އައްޒާމް އަބަދުވެސް ބުނާ ގޮތުގައި އޭގެ ބަދަލުގައި އެ ވަގުތުގެ ބޭނުން އަމިއްލަ އުފަލަށްޓަކައި ކުރާ ކޮންމެވެސް ކަމެއް ކުރިޔަސް މާ ބުއްދިވެރިވާނެއެވެ. އެހެނަސް އޭނައަށް މިވަނީ ކީއްހެއްޔެވެ؟

އެގެއަށް ގޮސް އޭނަގެ މަސައްކަތް ކުރުމަށްޓަކައި ބޭނުންވާނެ އެއްޗެހި ލެޕްޓޮޕް ދަބަހަށް އަޅަމުން ދިޔަ އައްޒާމަށް އެ ސުވާލާއިމެދު ވިސްނެމުން ދިޔައެވެ. މާޝާގެ ކިބައިގައިވަނީ ވަކި ކޮން ޚާޞިއްޔަތުކަމެއް ހެއްޔެވެ؟ އެއަށްވުރެ މާ ރީތި ކުދިންވެސް އޭނައަށްވަނީ ފެނިފައެވެ. އޭނައަށް ކަމުދަނީ މާޝާގެ ހިތްވަރު ހެއްޔެވެ؟ ފިރިހެން ކުއްޖަކު މަގުމައްޗަށް ދޫކޮށްފައި ދިޔުމުން ވެސް އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވުނު ގޮތް ހެއްޔެވެ؟ އެހެންނޫނީ އޭނައަށް ފެނިފައިވި ގިނަ އަންހެން ކުދިން ފަދައިން އޭނައާއި އަޅައިގަނެގެން ނުއުޅުނު ގޮތް ހެއްޔެވެ؟ މާޝާ ފުރަތަމަ ފެނުނު ދުވަހު އެއީ އެކަހަލަ ކުއްޖެއްހެން ހީވި ނަމަވެސް ދެވަނަ ދުވަހު ފެނިގެން ދިޔައީ މުޅިން ތަފާތު މަންޒަރެކެވެ. މާޝާގެ އަސްލު ޝަޚްޞިއްޔަތަކީ ދެވަނަ ދުވަހު އެ ފެނުނު ގޮތް ހެއްޔެވެ؟

ސިކުނޑިއަށް ވެރިވަމުން ދިޔަ ސުވާލުތަކަށް ޖަވާބު ހޯދަން އައްޒާމަށް އުދަގޫވިއެއްކަމަކު އޭނަ ދެންވެސް އޭނަގެ އިޙްސާސްތަކުގެ މައްޗަށް ބާރުފޯރުވަން ޢަޒުމް ކަނޑައެޅިއެވެ. މިފަދަ އިޙްސާސްތައް ހިތުތެރޭގައި އަށަގެންފިނަމަ މޮޔަ ކަންތައްތަކެއް ނޫނީ ނުކުރެވޭނެކަން އޭނައަށް ޤަބޫލުކުރެވޭތީވެއެވެ. މާޝާގެ ގެއަށް ދިޔުމަށްޓަކައި ކާރަށް އަރައި ކާރު ސްޓާޓްކޮށްލީ، އޭނަ މާޝާއާއި ވާހަކަ ދައްކާނީ އެހެން އަންހެން ކުދިންނާ ވާހަކަ ދައްކާވަރަށް ވުރެ ވެސް ސީރިއަސްކޮށްކަމަށް ނިންމަމުންނެވެ.

ހެނދުނު 8:30 ވާން ގާތްވެފައިވަނިކޮށް މާޝާ އިނީ ސިޓިންގް ރޫމުގެ ސޯފާގައި ޓީވީ ބަލާށެވެ. ބަލާނެ ވަކި އެއްޗެއް އެގަޑީގައި ނެތުމުންނާއި ކޮންމެވެސް ކަމަކަށް ކެތްމަދުވެފައިވުމުން އޭނައަށް ފޫހިވެފައި އިނދެ ޗެނަލްތައް ބަދަލުކުރެވެމުން ދިޔައެވެ. އެހެން އިންއިރު އޭނައަށް ދޮންބެ ބުނި ވާހަކައާމެދު އިހުނަށްވުރެ ބޮޑަށް ވިސްނެމުން ވެސް ދިޔައެވެ. ނޭނގޭ ސަބަބަކާހުރެ އެ ވާހަކައިން އޭނަ އައްޒާމް މަތިން ހަނދާންވަމުން ދިޔައެވެ. ލެޕްޓޮޕެއް ރަނގަޅު ކުރެވިދާނެ 'ކުއްޖަކަށް' އޭނަ ދަންނަ ކުއްޖަކު އެ އަވަށާއި އަވަށުގެ ކައިރީގައި އުޅޭކަން ވެސް އޭނައަށް އެނގިފައި ނެތުމުންނެވެ. އެއީ އައްޒާމަށް ވެދާނެތޯ ހިތަށް އެރި ވަގުތަކީ ކޮޓަރިއެއްގެ ތެރޭގައި ހެދުން އިސްތިރިކުރަން ހުރި މަންމަ ވާހަކަ ދެއްކި އަޑު އިވުނު ވަގުތެވެ.

"މާޝާ އަދިވެސް ތި މީހަކު ނާންނަނީތަ؟" ހާފިޒާ އަހާލި އަޑު އިވުނެވެ.

"އާނއެކޭ މަންމާ." މާޝާ އިންތާ އިނދެ މަންމައަށް އިވޭނެ ވަރަށް ޖަވާބުދިނެވެ.

"ބައްޕަ ހޭލާއިރުވެސް އޭނަ ނައިއްޔާ އައިމަ ވަރެއްކޮށްލާނެ." ހާފިޒާ އެހެން ބުނެލުމުން މާޝާއަށް ހީލެވުނީ ބައްޕަ އައްޒާމާއި ދިމާލަށް އެއްޗެހި ގޮވައިފިނަމަ އައްޒާމަށް ވެދާނެ ގޮތެއް ހިތަށްއެރުމުންނެވެ.

**

އައްޒާމްގެ ކާރު ގޮސް 'ހިޔާ' ގެ ކުރިމައްޗަށް މަޑުކޮށްލީ އޭނަ ދުއްވަން ފެށިތާ 20 ވަރަކަށް މިނެޓް ފަހުންނެވެ. ކާފަ ކައިރިން އެ ގެ ހުންނަތަން އަހައިގެން ދިޔައެއްކަމަކު އޭނައަށް މުޅިން އާ މަގުތަކުން ދުއްވަން ވުމުން މަގުމަތިން ފެނުނު މީހުން ކައިރިން ވެސް ސުވާލު ކުރަން ޖެހުމުންނެވެ. ކާރު ޕާކް ކުރުމަށްފަހު އައްޒާމް އޭނަ ގެނައި ދަބަހާއެކީ ކާރުން ފޭބިއެވެ. އެވަގުތު ވެސް ތުނިކޮށް ވާރޭ ވެހެމުން ދިޔައީތީ އައްޒާމް މަޑުނުކޮށް ދިގު ފިޔަވަޅުތަކެއްގައި އެގޭގެ މައިދޮރުން ވަދެގެން ދިޔައެވެ. ގޭގެ ހިޔާކުރެވިފައި ނެތް ފެންޑާގައި ގާތަކުގެ މަގެއްވީއިރު ދެ ފަރާތުން އެކި ކުލަކުލައިގެ މާ ގަސްތައް ފެންނަމުން ދިޔައެވެ. ކުރިމަތިން ފެންނަމުން ދިޔައީ ހުދުކުލައިގެ ފާރުތަކާއި މުށިކުލައިގެ މޮޅު ވަކަރުން ހެދިފައިވި ދޮރުތަކެއް ލިބިފައިވި ގެއެކެވެ. އެ ގެ ހެދިފައިވީ ކިތަންމެ އާދައިގެ ގޮތަކަށް ކަމަށްވިޔަސް ގޭގެ ތެރެއަށް ވަދެވޭ ދޮރު ދެފަރާތަށް ހުޅުވޭ ގޮތަށް ރީތިކޮށް ފަރުމާ ކުރެވިފައިވުމުން ގޭގެ ހައިބަތު ހުރިކަމަށް ދައްކައެވެ. ވަޑިއެއްގެ ގެއެއްތާއޭ ހިތާހިތުން ކިޔަމުން އައްޒާމް އަވަސްއަވަހަށް އެ ދޮރު ކައިރިއަށް ދިޔައީ އެ ތަންކޮޅު ހިޔާ ކުރެވިފައިވުމުންނެވެ. އެއަށްފަހު އޭނައަށް އިތުރު ޚިޔާލުތަކެއް ނުކުރެވެނީސް އޭނަ މަޑުމަޑުން އެ ދޮރުގައި ޓަކި ޖަހާލިއެވެ.

އެ ޓަކީގެ އަޑު ސިޓިންގް ރޫމުގައި އިން މާޝާއަށް އިވުމާއެކު ސޯފާގައި އިނދެ އޭނައަށް ފަސްއެނބުރި ގޭގެ ދޮރާއި ދިމާލަށް ބަލާލެވުނެވެ. އޭނަ އަވަސްއަވަހަށް ސޯފާއިން ތެދުވެލީ އަވަސްވެގެން ދިޔަ ހިތަކާއި އެކީގައެވެ. ވިހުރާލެވިފައި އޮތް އިސްތަށިގަނޑުގައި ގޮށެއް ޖަހަމުން އޭނަ ކޮޓަރިއާއި ދިމާލަށް މިޞްރާބު ޖެހި ވަގުތު މަންމަ ބަދިގެ ތެރޭގައި ހުރެ އެއޮތް އައީ ނޫންހޭ ބުނެލި އަޑު އިވުނެވެ. މާޝާ ލަސްތަކެއް ނުކޮށް ކޮޓަރިއަށް ވަދެ ޖަހާފައި އޮތް އާދައިގެ ކަޅު ބުރުގާއެއް ބޮލަށް މަހާލުމަށްފަހު ލޯގަނޑުން އޭނަ ހުރިގޮތް ބަލާލީ އެ ދޮރުމަތީގައި ހުންނާނީ ހަމަ އޭނަ އުއްމީދު ކުރާ މީހެކޭ ހިތް ބުނަމުން ދިޔަ ވަރުންނެވެ. އެހެން ދުވަސްދުވަހާއި ޚިލާފަށް ޓީޝާޓަކާއި ޖިންސެއްގެ ބަދަލުގައި އޭނައަށް އަތްދިގު ކުރުތާއަކާއި ދޫކޮށްއޮތް ހަރުވާޅެއް ލައިގެން ހުރެވުނީވެސް އެމީހަކަށް ކަމުދާނީ އެގޮތްހެން ހީވުމުންނެވެ. ކޮޓަރީގައި ހުއްޓާ އަނެއްކާވެސް ޓަކި ޖަހާލި އަޑަށް މަންމަވެސް އޭނައަށް ގޮވާލުމުން މާޝާ ބުރުގާގެ ދެކަން އެއްކޮށް ގޮށެއްޖަހަމުން އަވަސް ފިޔަވަޅުތަކެއްގައި ގޮސް ގޭގެ ދޮރު ކައިރީގައި މަޑުކޮށްލިއެވެ. އެއަށްފަހު ފުން ނޭވައެއް ދޫކޮށް އެ ދޮރު ހުޅުވާލިއެވެ. އެއާއެކު ފެނިގެން ދިޔަ ސޫރައިން މާޝާއަށް ހީވީ އޭނަގެ މޭމައްޗަށް ފިނިފެން އެއްޗެއް އޮއްސާލެވުނު ހެންނެވެ. ފެނުނު މަންޒަރުން އޭނަ އެހާ ބޮޑަށް ޙައިރާންނުވީ އެ މަންޒަރު އޭނައަށް އެތައް ފަހަރެއްގެ މަތިން ޚިޔާލުތަކުގެ ތެރެއިން ކުޅެވިފައިވާތީވެއެވެ. ހަމަ އެވަގުތު ހުޅުވާލެވިފައިވި ޓީވީއިން ކިޔަން ފެށި ލޯބީގެ ލަވައަކުން އޭނައަށް އުދުހެވެން ފެށިހެންވެސް މާޝާއަށް ހީވިއެވެ. މަސްތެއްގެ ތެރެއަށް ގެއްލުނު މާޝާއަށް މިފަހަރުވެސް ފްލައިޓް ތެރޭގައިވީ ފަދައިން އައްޒާމްގެ މޫނުމައްޗަށް ވެރިވެފައިވި ސީރިއަސްކަން ފާހަގައެއްނުވިއެވެ. މާޝާއަށް ނޭނގުނުކަމަކީ މާޝާ ފެނިފައި އައްޒާމްގެ ހިތްވެސް ތެޅިލިއެއްކަމަކު އެ ލޯބީގެ ލަވަ ކިޔަން ފެށުމުން އޭނަގެ ބޮލަށް އުދަގޫވާން ފެށިކަމެވެ. އޭނަ ދެކޭގޮތުގައި އެއީ ހައްތަހާވެސް މީހުން ވަގުތު ބޭކާރު ކޮށްގެން އެހެން މީހުން ލައްވާ ވަގުތު ބޭކާރު ކުރުވުމަށްޓަކައި ކޮށްފައި ހުންނަ ކަންތައްތަކެވެ. އިވެމުން ދިޔައީ އޭނައަށް ނަފްރަތުކުރެވެމުން މިދާ އިޙްސާސްތަކަށް އިތުރު ބާރެއް ލިބޭނެ ފަދަ ލަވައެއްކަން އެނގުންވުމުން ހިތުތެރޭގައި ރުޅިވެރިކަމެއް އުފެދުނެވެ. މާޝާ ދެންމެ ހުރީ މި ލަވަ ބަލަންތާއޭ ހިތަށްއެރި ވަގުތު އަނެއްކާވެސް މާޝާއާއިމެދު ތަފާތު ނަޒަރަކުން ވިސްނަން އައްޒާމަށް މަޖުބޫރުވިއެވެ. އެ ޚިޔާލުން ސާބިތުކަމެއް ލިބުމުން އައްޒާމް ކަރުކެހިލިއެވެ. އެއާއެކު މާޝާއަށް ހަމަހޭވެރިކަމެއް ލިބުނެވެ.

"ކޮން ލެޕްޓޮޕެއްގަތޯ މައްސަލަ ޖެހިގެން އުޅެނީ؟" އައްޒާމް މާތް ރާގެއް ބޭނުންކުރީ ބަހުން ވެސް މާޝާ އޭނައާއި ދުރުކުރުވުމުގެ ނިޔަތުގައެވެ. އެހެނަސް އޭނަ އެހެން ބުނުމުން ވެސް މާޝާ ހިނިތުންވެލުމުން އެއީ ވާނެ ކަމެއްކަމަށް ހީކުރަން އޭނައަށް ދަތިވިއެވެ.

"އަޅުގަނޑުގެ ލެޕްޓޮޕްގަ. ޓަޗް ޕެޑް އެއްގޮތަކަށްވެސް މަސައްކަތް ނުކޮށްގެން މިއުޅެނީ. ވަންނަވާ!" މާޝާއަށް ވެސް ބޭއިޚްތިޔާރުގައި ބޭނުންކުރެވުނީ މާތް ބަހެވެ. ޚުދު އޭނައާއި ވެސް އެގޮތަށް މުޚާތަބު ކުރެވުމުން އެހެން ގޮތަކަށް މުޚާތަބު ކުރުމަކީ އޭނަގެ އާދައަށް ނުވާތީވެއެވެ. މާޝާ ތަންދެއްކުމުން އައްޒާމް ގޭގެ ތެރެއަށް ވަންނަން ހިނގައިގަތެވެ. އެ ހިނދު ކޮނޑުތަކުގައި އަޅުވާފައި ހުރި ހެދުންތަކާއެކީ މާޝާގެ ކޮޓަރިއަށް މިޞްރާބުޖެހި ހާފިޒާއަށް އައްޒާމް ފެނިފައި ވާހަކަ ދެއްކިއެވެ.

"އަނހާ މިއީ އެއްކަލަ ކޮއޭދޯ މާޝް؟ މާޝާ އެކްސިޑެންޓްވެގެން މަރުކަޒަށް ގެންދިޔަ ކުއްޖާ. ތިއީ ކޮމްޕިއުޓަރު ހަދާ ކުއްޖެއްތަ؟ ދައްތަ ހީކުރީ ސްކޫލް ކުއްޖެއްކަމަށް." ހާފިޒާ ނިކަން ހެވިފައިހުރެ ވާހަކަ ދެއްކުމުން އައްޒާމް ލުއި ގޮތަކަށް ހީލިއެވެ.

"ލައްބަ ދައްތާ. ކޮމްޕިއުޓަރު ހަދަނީ. ސްކޫލަކަށް ނުދަން." އައްޒާމް ހާފިޒާގެ ބަހުރުވައިން ކިޔައިދިނެވެ. އެވަގުތު މާޝާ ހެވިފައި އޭނައަށް ބަލަން ހުރިކަން އެނގުމުން އައްޒާމް ކުރިއަށް ހިނގައިގަތެވެ.

"އެންމެ ރަނގަޅު. މާޝްގެ ލެޕްޓޮޕް ހުންނާނީ މި ކޮޓަރީގަ. އޭތި ހަދައިދެއްޗޭ ބަރާބަރަށް. 24 ގަޑިއިރު އޭނަ ހުންނަނީ އޭގެ ކުރިމަތީގަވިއްޔާ." ހާފިޒާ އެހެން ބުނަމުން ހެދުންތަކާއެކީ މާޝާގެ ކޮޓަރިއަށް ވަނުމުން މާޝާ ދިގުކޮށް މަންމާއޭ ކިޔައި ގޮވާލިއެވެ. އައްޒާމް ވަކި އެއްޗެކޭ ނުބުނެ ހާފިޒާ ހުޅުވި ދޮރުން ވަދެ މާޝާގެ ކޮޓަރިއަށް ވަނެވެ. އެއްމެ އަންހެން ކުއްޖަކު އުޅެން ފުދޭވަރަކަށް ތަނަވަސްކޮށް ހެދިފައިވި އެ ކޮޓަރިއަށް އައްޒާމް ދިން އަވަސް ނަޒަރުން އެ ކޮޓަރީގެ ސާފުކަމާއި ތަރުތީބުކަން އޭނައަށް ފާހަގަވިއެވެ. އެ ދިން ނަޒަރުގައި ކިޔަވާ މޭޒުމަތީގައި ހުރި އަޅިކުލައިގެ ލެޕްޓޮޕް ފެނިފައި އައްޒާމް އޭނަގެ ދަބަސް އެ މޭޒުމަތީގައި ބާއްވަމުން އެ މޭޒުދޮށުގައި ހުރި އޮފީސް ގޮނޑީގައި އިށީނެވެ. އަދި ވަގުތުން ލެޕްޓޮޕް ހުޅުވައި މާޝާ ބުނި މައްސަލަ ހަނދާންކޮށްލަމުން އޭނަގެ މަސައްކަތް ފެށިއެވެ. ޕާސްވޯޑެއް ޖަހާފައި ނެތުމުން އޭނައަށް އެކަން ނުހަނު ފަސޭހައިން ފެށުނެވެ. ޓަޗް ޕެޑް މަސައްކަތް ކުރާވަރު ބަލާފައި އެކަން ޙައްލުކުރުމަށްޓަކައި އޭނަ އެކި ކީސްތަކަށް ފިތަން ފެށި ވަގުތު މާޝާއާއި އޭނަގެ މަންމަގެ މެދުގައި ކޮންމެވެސް ހެދުންތަކެއްގެ ވާހަކަ ދެކެވުނު އަޑު އިވުނެވެ. މާޝާގެ މަންމަ ކޮޓަރިން ނިކުމެގެން ދިޔައީ ދޮރު ހުޅުވާފައިކަން އައްޒާމަށް އެނގުނެވެ. އޭރު މާޝާ ހުރީ ހެދުން އަލަމާރި ކައިރީގައި ކޮންމެވެސް އެއްޗެއް ފަށްޖަހާށެވެ. މާޝާގެ މަންމަ ދޮރު ހުޅުވާފައި ދިޔައީ އޭނައާއި މާޝާ އެކަނި ކޮޓަރީގައި ތިބޭތީވެކަމަށް އައްޒާމަށް ހީކުރެވުނެވެ. އެ ދެމީހުން ކޮޓަރީގައި ތިބީ އެކަނިކަން އެނގުންވި ވަގުތު އައްޒާމަށް ނޭނގޭ އުދަގުލެއްވިއެވެ. އެހެނަސް އޭނަ އޭނަގެ މަސައްކަތަށް ސަމާލުކަން ދެވޭތޯ ބެލިއެވެ.

އޭނަގެ ބައެއް ހެދުންތައް އިސްތިރިކޮށްފައި އަލަމާރީގައި އަޅުވާ ދީފައި މަންމަގެ ގެނައި ބައެއް ހަރުވާޅުތައް ފަށްޖަހަން އެދުމުން މާޝާ ހުރީ އެކަމުގައި މަޝްޣޫލުވެފައެވެ. އެންމެ ފަހު އެތި ފަށްޖަހައި އަލަމާރި ތެރޭގައި ހުރި ބަރީގެ މަތީގައި ބާއްވަމުން މާޝާ އަލަމާރީގެ ދޮރު ލައްޕައި ވާތް ފަރާތަށް ބަލާލިއެވެ. އެ ހިނދު އޭނަގެ މޭޒުދޮށުގައި އިން އައްޒާމް ފެނުމުން އޭނައަށް ހިނިތުންވެލެވުނު ވަގުތު އޭނަގެ އަތްފައި ވެސް ފިނިވެގެން ދިޔައެވެ. އައްޒާމާއި ކޮންމެވެސް ވާހަކައެއް ދައްކާލަންވީ ކަމަށް ހިތް ބުންޏެއްކަމަކު އައްޒާމާއި ދެއްކޭނެ ރަނގަޅު ވާހަކައެއް އޭނަގެ ވިސްނުމަކަށް ނައެވެ. ފްލައިޓް ތެރެއިން ވެސް މިފަދަ ޙާލެއްގައި އޭނަ ވަނިކޮށް ވާހަކަ ދައްކަން އުޅުމުން ކަންތައް ގޯހުންގޯހަށް ދިޔަ ގޮތް މާޝާގެ ހަނދާނަށްއައެވެ. އެހެންކަމުން މި އާދަޔާ ޚިލާފު ފިރިހެން ކުއްޖާއާއި ވާހަކަ ދައްކަން އޭނަ ޖެހިލުންވާކަން އަމިއްލަ ނަފްސަށް ވިސްނައިދީ، އައްޒާމާއި މިއަދު ވާހަކަ ނުދައްކަން މާޝާ ނިންމިއެވެ. ހަމަ އެވަގުތު ކޮޓަރިން ބޭރަށް ދާން ވެސް އޭނަގެ ހިތަށްއެރިއެވެ. އެހެނަސް ލެޕްޓޮޕާއި ބެހޭ ގޮތުން އައްޒާމް ސުވާލެއްކުރަން ޖެހިދާނެއޭ ހިތައި އެ ޚިޔާލު ބަދަލުކުރިއެވެ. ކޮޓަރީގެ ދޮރު ހުޅުވިފައިވިކަން މާޝާއަށް ފާހަގަވީ އެވަގުތެވެ. އޭސީ ޖައްސާފައި ހުއްޓާ އަނެއްކާވެސް ހަނދާންނެތިގެން ދޮރު ހުޅުވާފައި މަންމައަށް ދެވުނީތާއޭ މާޝާގެ ހިތަށްއެރިއެވެ. މާޝާ ވަގުތުން އާދައިގެ ހިނގުމެއްގައި ގޮސް އެހެން އެއްވެސް ޚިޔާލެއްނެތި ދޮރު ލައްޕާލިއެވެ.

ދޮރު ލައްޕާލެވުނު އަޑަށް އައްޒާމަށް ލިބިގެން ދިޔަ ކުޑަ ސިހުމާއެކީ އޭނައަށް އެ ދިމާލަށް ބަލާލެވުނެވެ. އެ ހިނދު މާޝާވެސް ފަސްއެނބުރި އޭނައަށް ބަލާލީއެވެ. މާޝާ އާދައިގެ މަތިން ހިނިތުންވެލުމުން އައްޒާމަށް ނެގުނީ އޭގެ މުޅިން ނުބައި މާނައެކެވެ. އެއީ އޭނަ މާޝާއާއި ބެހޭގޮތުން ވިސްނަން ބޭނުންވެގެން ހުރީ ވެސް ގޯސްކޮށްކަމަށްވާތީ ކަންނޭނގެއެވެ. އައްޒާމަށް ހިސާބެއްގެ ރުޅިވެރިކަމަކާއެކީ ވާހަކަ ދެކެވުނީ އެހެންވެއެވެ.

"ކީއްވެ ދޮރު ލައްޕާލީ؟" އައްޒާމް އެހެން އަހާލީ ތަޙުޤީޤަކަށްޓަކައި ކުށްވެރިއަކާ ސުވާލުކުރެވޭނެ ފަދައަކުންނެވެ. އޭނަ އެ ސުވާލުކުރުމުން މާޝާގެ ހިނިތުންވުން ފިލައިދިޔައެވެ. ދެބުމަ ކައިރިވެގެން ދިޔައީ އައްޒާމް އެހާ ސީރިއަސްކަމާއެކީ އެ ސުވާލު ކުރަންޖެހުނު ސަބަބާމެދު ވިސްނެން ފެށުމުންނެވެ. މާ ގިނައިރެއްނުވެ އައްޒާމް މާނަކުރި ގޮތް ނަގައިގަނެވުމުން މާޝާގެ މޫނުމައްޗަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ.

"ހާދަ ނުބައިކޮންނޭ ތި ވިސްނަނީ." މާޝާ ދެއަތް އުރާލަމުން ނޭނގޭކަމަށް ހަދާފައި ރާގަކަށް ބުނެލިއެވެ. އައްޒާމް އިހުނަށްވުރެ ބޮޑަށް ނުރުހުންވެފައި ހުރެ ކޮޅަށް ތެދުވެލިއެވެ.

"މިތާނގަ ހެޔޮކޮށް ވިސްނަންވީ ޖާގައެއްނެތް!" އައްޒާމް ހަރުއަޑުން އެހެން ބުނެ މޭޒުމަތީގައި ހުރި ލެޕްޓޮޕާއި އޭނަގެ ދަބަސް ހިފައިގެން ކޮޓަރިން ނިކުންނަން މިޞްރާބުޖެހުމުން، މާޝާ އޭނަގެ ހުނުން ކޮންޓްރޯލްކުރަން ވަރަށް މަސައްކަތް ކުރަންޖެހުނެވެ. އައްޒާމް ދޮރު ހުޅުވަން އުޅުނު ވަގުތު ވެސް މާޝާއަށް ހެވިފައިހުރެ އަނގަމަތީގައި އަތް އަޅައިގެން ހުރި ގޮތުން މިއީ ލަދުކުޑަ އަންހެނެކޭ އޭނަގެ ހިތަށްއެރިއެވެ. ވީ ފޫއްސާއެކީ އައްޒާމް އޭނަ މަސައްކަތް ކުރާ އެއްޗެހި ހިފައިގެން ސިޓިންގް ރޫމަށް ނިކުމެ އެތާނގައި ހުރި ސޯފާގައި އިށީނދެ، މޭޒުމަތީގައި އެއްޗެހިތައް އަތުރާލިއެވެ. ދަބަހުގެ ތެރެއިން މައުސްއެއް ނަގައި އޭނަ ލެޕްޓޮޕާއި ގުޅައިގެން މަސައްކަތް ކުރަން އުޅުމުން ވެސް އެ ލެޕްޓޮޕް މަސައްކަތް ނުކުރުމުން އައްޒާމް ރުޅިވެރިކަމާއެކީ މައުސް ހަލުވަމުން ގެންދިޔައެވެ.

"ފުރަތަމަ ޕޯޓް ވޯކެއް ނުކުރާނެ. ދެވަނަ ޕޯޓް ވޯކް ކުރާނީ." މާޝާ ނިކަން ހަމަޖެހިގެން އައިސް އެތާ ވަކިން ހުރި ސްޕޮންޖް ސޯފާގެ އަތްގަނޑު މަތީގައި އިށީންނަމުން އޭނަގެ ލެޕްޓޮޕާއި ބެހޭގޮތުން އަންގާލަދިނެވެ. އެއާއެކު އައްޒާމް ބުމަގޮށްޖެހިފައިހުރެ މާޝާއަށް ނަޒަރެއް ދީފައި މައުސް ލެޕްޓޮޕާއި ވަކި ކޮށްލަމުން މާޝާ އެ ބުނި ތަނުން މައުސް ގުޅާލިއެވެ. އައްޒާމަށް ވަމުން ދިޔަ ގޮތާއިމެދު ދެންވެސް މާޝާއަށް ހެވިފައި އިނދެވުނީ ރަތްވެފައިވި މޫނަކާއެކީގައެވެ. އައްޒާމަށް ކޮންމެވެސް އެއްގޮތަކަށް ޙަޤީޤަތް އަންގަން ހިތަށްއެރި ވަގުތު އޭނަގެ މަންމަ ދުރުން ވާހަކަ ދެއްކި އަޑުއިވުނެވެ.

"މާޝް! އަނހަ ދޮރު ލައްޕާފައޭ ދޯ މިހިރީ؟ މަންމަ ހަނދާންނެތުނީ އޭސީ ޖައްސާފަ ހުރިކަން. އެ ނޫންނަމަ ލައްޕާފަ ދާނީ. ބައްޕަ ކައިރީގަ ބުނާނީ ދޯ މި ދޮރު ވަގުތުން ލެއްޕޭގޮތަށް ހަދައިދޭށޭ؟" ހާފިޒާ ވާހަކަ ދައްކަމުން މާޝާމެން ފެންނަ ހިސާބަށް އައެވެ. އަޑު އިވިގެން ދިޔަ ވާހަކަތަކުން އައްޒާމަށް ހީވީ އޭނަގެ ރުޅިވެރިކަމުގެ ހުޅުގަނޑަށް ފެންޖަހާލެވުނު ހެންނެވެ. މާޝާގެ މަންމަ އެ ދެއްކި ވާހަކަތަކުން އަނެއްކާވެސް ކޮޓަރީގައި ދެންމެ ހިނގި ކަންތައް އޭނަގެ ހަނދާނަށް އައެވެ. ދޮރު ލައްޕާލީ ކީއްވެތޯ އެހުމުން ތި ވިސްނަނީ ހާދަ ނުބައިކޮންނޭ މާޝާ ބުނެލި ގޮތެވެ. އެއާއެކު ވީގޮތް ނަގައިގަނެވުމުން އައްޒާމް ދުވަހަކުވެސް އިޙްސާސް ނުކުރެވޭވަރުގެ ލަދުވެތިކަމެއް އޭނައަށް އިޙްސާސް ކުރެވުނެވެ. ވީ ޖެހިލުންވުމެއްގެ ސަބަބުން މާޝާއާއި ދިމާލަށް ކަޅިއެއް ހިންގަންވެސް ނުކެރުނެވެ. އޭނަގެ ޙަރަކާތްތައް މުޅިންހެން ލަސްވެ ސިކުނޑީގެ މަސައްކަތް ހިނދުކޮޅަކަށް ހުއްޓުނެވެ.

"އެގޮތް އެންމެ ރަނގަޅުވާނެ މަންމާ. އެހެން ނޫނަސް އަހަންނަށް ވެސް ދެވޭ ބައެއްފަހަރު ދޮރު ހުޅުވާފަ. ލައްޕާފަ ދާން އާދަވެފައި ހަމަ ނެތީ." މާޝާ އައްޒާމަށް ވަމުން ދިޔަ ގޮތް ބަލަން އިނދެ އޭނަގެ މަންމައާއި ވާހަކަ ދެއްކިއެވެ.

"ކީއްވެ މިތާނގަ ތިތިބީ މިހާރު؟" ހާފިޒާ ޙައިރާންވެފައި ސުވާލުކުރިއެވެ. އައްޒާމް އެއަށް ޖަވާބު ދޭތޯ މާޝާ އޭނައަށް ބަލާލިއެވެ. އެހެނަސް އައްޒާމް ދެންވެސް ލަސްލަހުން އޭނަގެ މަސައްކަތް ކުރަމުން ދިޔަގޮތުން އޭނައަށް ޖަވާބެއް ނުދެވޭނެކަން މާޝާއަށް އެނގުންވިއެވެ.

"މާ ބޮޑު ކަމެއްނުވޭ. އައްޒާމް ބޭނުންވީ ހަމަ މިތާނގަ ހުންނަން." މާޝާ ބުނެލިއެވެ.

"އާނދޯ؟ ރަނގަޅަށް ތިހެދީ. ފިރިހެން ކުއްޖަކާ އަންހެން ކުއްޖަކު ވަކިން ކޮޓަރިއެއްގަ ތިބުން އެހާ ރަނގަޅެއްނޫން. ވަރަށް އުފާވެއްޖެ ހެޔޮ ވިސްނޭ ޒުވާން ކުއްޖަކު ފެނުނީމަ. އާއްމުގޮތެއްގަ ތިކަހަލަ ކުދިންނެއްނޫން މި ޒަމާނުގަ އުޅެނީ. މާ ޝާ ﷲ!" ހާފިޒާ ހިނިތުންވުމަކާއެކީ އައްޒާމަށް ތަޢުރީފު ކުރިއެވެ. އެ ވާހަކަތަކަށް މާޝާއަށް އަނގައަށް ގޮތެއް ހަދާލަމުން ހިނިތުންވެލެވުނު ވަގުތު އައްޒާމަށް ހިތާހިތުން ރޮވެމުން ދިޔައެވެ. އޭނައަށް އެ ތަޢުރީފުތައް ޙައްޤުނުވާ ކަމަށް ހިތުގެ އަޑިން އެއްބަސްވެވުނެވެ. އޭނަ މާޝާއާއި އިތުރު ވާހަކަތަކެއް ދެއްކުމެއްނެތި އެތަނުން ނިކުމެގެން އައިނަމަ ރަނގަޅުވީހެވެ. އެހެނަސް މިއަދު އޭނަވަނީ ނޭނގުމެއްގެ ތެރެއިން ވެސް ޤަދަރުވެރި އަންހެން ކުއްޖެއްގެ އަބުރު ނެތިގެންދާނެފަދަ ހީއެއް ޙައްޤަކާނުލާ ކޮށްފައެވެ. އޭނަ އެކަމަށްޓަކައި މާޝާއަށް މަޢާފަށް އެދޭނީވެސް ކިހިނެއްތޯ އޭނަގެ ހިތަށްއަރަން ފެށިއެވެ.

އެވަގުތުކޮޅުން ފެށިގެން މާޝާއާއި އައްޒާމާއި ދެމެދު އެއްވެސް ވާހަކައެއް ނުދެކެވެއެވެ. މަންމަ އެތާނގައި ހުރެފައި ބަދިގެއަށް ދިޔުމުން މާޝާވެސް މަންމައަށް އެހީވުމަށްޓަކައި ބަދިގެއަށް ދިޔައީއެވެ. ބަދިގެ ތެރޭގައި ހުއްޓާ އިރުކޮޅެއްފަހުން އައްޒާމް އޭނަގެ ދަބަހުގެ ޒިބު ދަމާލި އަޑަށް މާޝާ ބަދިގެއިން ނިކުމެ ސިޓިންގް ރޫމަށް ދިޔައެވެ. އޭނަ ބަލާލިއިރު އައްޒާމް އޭނަގެ ދަބަހާއެކީ ކޮޅަށް ތެދުވަނީއެވެ.

"ރަނގަޅުވެއްޖެތަ ލެޕްޓޮޕް؟" މާޝާ އައްޒާމާއި ވާހަކަ ދައްކަން ކުރިން ނެތް ހިތްވަރަކާއެކީ ވާހަކަ ދައްކަމުން އޭނަ ހުރި ހިސާބަށް ދިޔައެވެ. އައްޒާމް ބޯޖަހާލަމުން މޭޒުމަތީގައި ހުރި ލެޕްޓޮޕް ނަގައި މާޝާއަށް ދިއްކޮށްލިއެވެ.

"ޓަޗް ޕެޑާއި އަނެއް ޕޯޓްވެސް ރަނގަޅުކޮށްފަ ހުންނާނީ." މާޝާ އޭނަ އަތުން ލެޕްޓޮޕް ހޯދި ވަގުތު އައްޒާމް މަޑުމައިތިރި އަޑަކުން ބުނެލިއެވެ.

"އޯކޭ......ދޮންބެއަށް ގުޅާލައްޗޭ! ދޮންބެ މެސެޖެއްކޮށްފަ ބުނި ހަނދާންކޮށްދޭށޭ ގުޅަން." މާޝާ ބުނެލިއެވެ. އައްޒާމް އެއަށްވެސް ބޯޖަހާލުމުން މާޝާ އޭނައަށް ފަސްދީފައި ދާން ހިނގައިގަތެވެ. އައްޒާމް ވެސް މާޝާއަށް ބަލަން ހުރެފައި ދާން އުޅުނެވެ. އޭރުވެސް އެ މޫނުމަތިން ފެންނަމުން ދިޔައީ އަމިއްލަ ނަފްސު ކުށްވެރިކުރާ ފަދަ އަސަރެކެވެ. މާޝާއަށް ފަސްދޭން އުޅެފައިވެސް އޭނައަށް އަނެއްފަރާތަށް އެނބުރިލެވުނީ ކުރެވުނު ކުށުގެ އިޙްސާސް ކުރެވެމުން ދިޔަ ވަރުންނެވެ.

"ސްކިއުޒް!" އައްޒާމަށް އެހެން ބުނެލެވުނީ މާޝާ އޭނަގެ ލެޕްޓޮޕާއެކީ ކޮޓަރިއަށް ވަންނަން އުޅުނު ވަގުތެވެ. މާޝާ އޭނައަށް ބަލާލުމުން އޭނަ ވާހަކަ ދެއްކިއެވެ.

"މިއަދު ވީ ކަންތައްތަކަށްޓަކައި ވަރަށް ބޮޑަށް މަޢާފަށް އެދެން." އައްޒާމް މާޝާއާއި ހަތަރުކަޅި ހަމަކުރަން ނުކެރިފައި ހުރެ ބުނެލިއެވެ. މާޝާ ހިނިތުންވެލަމުން އައްޒާމާއިވީ ފަރާތަށް މުޅިން އެނބުރިލިއެވެ.

"މިއަދާއި އިއްޔެ އައްޒާމް ކޮށްދިން ކަންތައްތަކަށްޓަކައި ވަރަށް ބޮޑަށް ޝުކުރުވެރިވަން. އެ ޝުކުރުގެ ސަބަބުން ތި މަޢާފު ވަނީ މާ ކުރިން ޤަބޫލުކުރެވިފަ." މާޝާ ފަށުވި ޢިބާރާތުން އޭނަގެ ޝުޢޫރުތައް ކިޔައިދިނެވެ. ޙަޤީޤަތުގައި ވެސް އޭނަގެ ހިތުގައި އައްޒާމަށްޓަކައި ބުރަކަމެއް ނެތީ އައްޒާމް އޭނައަށްޓަކައި ކޮށްދިން ކަންތައްތަކެއްގެ ސަބަބުންނެވެ. އޭނަ އެ ވާހަކަ ބުނުމުން އައްޒާމް ހިނިތުންވެލީތަން ފެނުނެވެ. އެއަށްފަހު އައްޒާމް އޭނައަށް ފަސްދީފައި ދިޔުމުން މާޝާއަށް އިރުކޮޅަކު ހުރެފައި ކޮޓަރިއަށް ވަދެވުނެވެ.

އެދުވަސްފަހުން ދެ ޒުވާނުންގެ ހިތުގައި އުފެދެމުން ދިޔަ އިޙްސާސްތަކަށް އިންޤިލާބެއްއައެވެ. ދެމީހުން ވަކިވުމަށްފަހު ވެސް އެތައް އިރެއްވަންދެން ދެމީހުންނަށް ވެސް ހިނިތުންވެވެމުން ދިޔައެވެ. މާޝާއަށް އޭނަގެ ލެޕްޓޮޕް މަސައްކަތް ކުރަން ފެށުމުން ހުވަފެނީ ގޮތަކަށް ހިނިތުންވެވެމުން ދިޔައިރު އައްޒާމަށް ކާރަށް އަރައި ކާރު ސްޓާޓްކޮށްލެވުނީ ވެސް ޚިޔާލުތަކެއްގައި އިރުކޮޅަކު އިނުމަށްފަހުއެވެ. މާޝާ އޭނަގެ އެ އިޙްސާސްތަކާމެދު އެއްވެސް ކަމެއްކުރަން ބޭނުމެއް ނުވިއެއްކަމަކު އައްޒާމް ޖެހިލުންވަމުން ދިޔައެވެ. އެ އިޙްސާސްތައް އޭނަގެ މައްޗަށް ބާރުފޯރުވާފައިވި މިންވަރު އޭނައަށް އެނގުނީ ގެއަށް ވަދެގެން އައިއިރު ކާފައަށް ވެސް އެކަން ނުފޮރުވުމުންނެވެ.

"ކިހިނެއްވީތަ މާ ހެވިދިއްލިފަ ތިހިރީ؟" ކާފަ އެހެން އަހާލީ ހިނިތުންވުމަކާއެކީގައެވެ. އައްޒާމަށް ލުއިގޮތަކަށް ހީލުން ނޫންކަމެއް ނުކުރެވުނެވެ. އެދުވަހު ހިނގި ކަންތައް ކާފައަށް ވެސް ކިޔައިދޭކަށް ނުކެރުނެވެ. އަދި އަމުދުން އޭނަގެ ހިތުތެރޭގައި އުފަންވަމުން ދިޔަ ޖަޒުބާތުތަކުގެ ވާހަކަތައް ދުލާއި ހަމައަށް ގެނެސް އެއީ މާ ބޮޑުކަމަކަށް ހަދަން ބޭނުމެއްނުވިއެވެ. އެހެނަސް އެހެންނުވާން މާ ލަސްވެއްޖެހެން އައްޒާމަށް ހީވާންފެށީ އެރޭ ނިދަން އޮށޯތުމުން ވެސް ނިދި އަންނަ ގޮތް ނުވުމުންނެވެ. އޭނައަކީ ޤަވާޢިދުން އެއްގަޑިއެއްގައި ނިދާފައި އެއްގަޑިއެއްގައި ތެދުވާ މީހަކަށްވުމުން ކޮންމެ ރެއަކު 10 ޖަހާއިރު އޭނައަށް ނިދެއެވެ. އެހެނަސް އެރޭ 10:30 ވީއިރުވެސް އޭނައަށް ނިދޭގޮތެއް ނުވެއެވެ. އޭނައަށް ހަމަޖެހުމެއް ލިބެން އޮތީ ކޮންމެވެސް މީހަކާ ވާހަކަ ދައްކައިގެންކަން އޭނައަށް އެނގުންވިއެވެ. ހަމަ އެއާއެކު އޭނަގެ ހަނދާނަށް އައީ ހަސަންގެ ނަމެވެ. މުލަކަށް އައިފަހުން އޭނަ އަދި ހަސަނަށް ނުގުޅާކަން ހަނދާންވުމުން އައްޒާމަށް ތެދުވެލެވުނެވެ. އަދި އޭނަގެ ފޯނު ނަގައި ވަގުތުން ހަސަނަށް ގުޅުމުގެ މަސައްކަތް ފެށިއެވެ. އޭނަ މި ޒާތުގެ ވާހަކައެއް ކިޔައިދިނުމުން ހަސަން ކުރާނެ ސަމާސާތަކާމެދު ވިސްނާލެވުމުން އޭނަ އެކަމަށްޓަކައި ކެތްމަދުވިއެވެ. އެހެނަސް ހަސަންގެ ނަންބަރު ހޯދައި އެ ނަންބަރަށް ގުޅާލި ތަނާހެން އިވެން ފެށި އެއްޗަކުން އައްޒާމްގެ ދެބުމަ ކައިރިވިއެވެ. އެއީ އެ ނަންބަރުވަނީ ގުޅޭ ޞަރަޙައްދުން ބޭރުގައި ކަމަށެވެ. އެންމެ ފުރަތަމަ އެއީ ނެޓްވޯކް މައްސަލައެއްގެ ސަބަބުންވާ ކަމެއްކަމަށް އައްޒާމަށް ހީކުރެވުނެވެ. އެހެނަސް 15 މިނެޓް ވީއިރު ވެސް އެކައްޗެއް އިވެން ފެށުމުން އައްޒާމްގެ ހިތް ނުތަނަވަސްވިއެވެ. ހިތަށް ބިރުވެރިކަމެއްވަނީ، ކުރު މުއްދަތެއްގެ ތެރޭގައި އޭނައާއި ނުހަނު ގާތްވި އެކުވެރިޔާ އެންމެ ފަހުން އޭނައަށް ފެނުނު ދުވަހު ބުނެލި ވާހަކަތައް ހަނދާނަށް އައުމުންނެވެ.

"ވަރަށް އަމާން ދަތުރަކަށް އެދެން އައްޒާމަށް. ވަރަށް ދެރަވޭ އައްޒާމާއި ވަކިވާން ޖެހޭތީ. މިހާތަނަށް އައިއިރު އަހަންނާ ވަރަށް ގިނަ ޒާތްޒާތުގެ މީހުންނާ ދިމާވެފަހުރީ. އެކަމަކު އައްޒާމާއި އައްޒާމްގެ ކާފަ ފަދަ އިޚްލާޞްތެރި، ހިތްހެޔޮ ބަޔަކު ނުދެކެން. މިއީ ވެދާނެ އައްޒާމަށް އަހަރެން ފެންނަ އެންމެ ފަހު ފަހަރު ކަމަށްވެސް. މި ވޭތުވި 3 މަސް ތެރޭގަ އައްޒާމް ދެރަވާފަދަ އެއްވެސް ކަމެއް އަހަންނަށް ކުރެވިފައިވާނަމަ އަހަންނަށް މަޢާފު ކޮށްލަދިނުން އެދެން. ވަރަށް ބޮޑަށް ޝުކުރުވެރިވަން އައްޒާމާއި އައްޒާމްގެ ކާފަ އަހަންނަށް ވެދިން އެހީތެރިކަމަށްޓަކައި. މާތް ﷲ ތިޔަ ދެމީހުންނަށް ވެސް ހެޔޮ ރަޙްމަތް ލައްވާށި." ހަސަން އޭނަ މުލަކަށް ފުރުވަން އެއާރޕޯޓަށް އައިސްހުރެ ދެއްކި ވާހަކަތަކަކީ އެއީއެވެ. ހަސަން އޭނައަށްވުރެ ހަގު ވިޔަސް އޭނަގެ ކިބައިގައި ދީންވެރި ގޮތެއް ހުންނާތީ 'މާދަމާވެސް މަރުވެދާނެކަމުގެ' ޝަޚްޞިއްޔަތު އޭނަގެ ފަރާތުން ފެނުނީކަމަށް އައްޒާމަށް އެދުވަހު ހީކުރެވުނެވެ. އެހެނަސް އެވަގުތު ފޯނުން އިވެމުން ދިޔަ ވާހަކައިން އެހެނިހެން ގޯސް ޚިޔާލުތަކެއް އޭނައަށް ކުރެވެން ފެށިއެވެ.

Comments

Popular posts from this blog

Arabic Pronouns (dhameer)

Harf of Nasb (English + Dhivehi)

Mudhaaf-mudhaaf ilaihi and pronouns (English lesson)