Nur (part 8)
"އަފޫ ބަލާބަލަ! ޝަރަފް ޢައްބާސްގެ
މެސެޖެއް!!" ފައިހާ ބުނެލި ވާހަކައިން އަފާފަށް ހީވީ އޭނަގެ ހިތް
ހުއްޓުމަކަށް އައީހެންނެވެ. އޭގެ ދެވަނަ ސިކުންތުގައި ފައިހާ އެ މެސެޖު
ކިޔާލިއެވެ.
"ހޫ އާރ ޔޫ؟ ފޯ ރިއަލް؟" ފައިހާ ސުވާލުގެ
ރާގަކަށް މެސެޖު ކިޔާލިއެވެ. އެއާއެކު ފަޅި ސިކުންތެއްގެ ތެރޭގައި އޭނައަށް އެ
ޝަރަފް ޢައްބާސްއާ ބެހޭ ގޮތުން އެތައް ޚިޔާލެއް ކުރެވުނެވެ. އެމީހަކަށް ޙަޤީޤަތުގައި
ވެސް އޭނަ އެނގެނީބާއެވެ؟ އެނގެންޏާ އެނގެނީ ހާދަ ތަފްޞީލުކޮށެވެ. ބިންތު
ޢައްމާރަކީ އޭނަ ހިންގާ ޕޭޖެއްކަން މިހާތަނަށް އެނގިފައިވާނީ ފައިހާއަށާއި އޭނަގެ
މަންމައާއި ބައްޕައަށް އެކަންޏެވެ. ޝަރަފް ޢައްބާސް މި ޕޭޖަށް މެސެޖެއް މި ކުރީ
މިއަދު އޭނަ ފެނުނީތީ ހެއްޔެވެ؟ އެ ސުވާލު ހިތަށްވެރިވީ ވަގުތު ވެސް އޭގެ މޮޔަކަން
އަފާފަށް އިޙްޞާޞް ކުރެވުނެވެ. އެހެނަސް ފަހަކަށް އައިސް ޝަރަފްގެ ނަމާއި އޭނައަށް
ކުރިމަތިވަނީ ހާދަ ގިނައިންނެވެ. ސިކުނޑިއަށް ވެރިވި އެ ޚިޔާލާއެކީ އަފާފަށް
ޝައިޠާނީ ވަސްވާސްތައް ލިބެން ފެށިއެވެ. މިއީ ފިލްމުތަކުން ފެންނަހެން އޭނަގެ
ޙަޔާތުގައި ޙާއްސަވާން އުޅޭ މީހެއްބާއޭ އަފާފްގެ ހިތަށްއެރިއެވެ. ފައިހާ،
ޝަރަފްއަށް ރިޕްލައި ކުރަން ހިނގާށޭ ކިޔައި އާދޭސްކުރަން ފެށުމުން އެ
ވަސްވާސްތަކަށް އިތުރު ހިތްވަރެއް ލިބުނެވެ. އޭނަ މިހާތަނަށް އެ ޕޭޖަށް އައި
އެއްވެސް ފިރިހެނެއްގެ މެސެޖަށް ރިޕްލައި ނުކުރިޔަސް ޝަރަފްގެ މި މެސެޖަށް
ރިޕްލައި ކުރަން އޭނަގެ ހިތް ސިކުންތުކޮޅަކަށް ބުންޏެވެ. އެ ހިނދު ދެލޯ މަރާލެވުނު
ވަގުތު، އިސާހިތަކު އަފާފްގެ ހަނދާނަށް އައި އާޔަތެއްގެ ސަބަބުން އޭނައަށް އޭނަގެ
ނަފްސު އަމިއްލަ ބާރުގެ ދަށަށް ގެނެވުނެވެ. އަދި އޭނައަށް ވާހަކަ ދެކެވުނެވެ.
"ނޫން ފައި.....ރިޕްލައި ނުކުރާނެ!" އަފާފް
ސީރިއަސްކަމާއެކީ އަންގާލީއެވެ.
"ބަޓް ވާއި؟!!! ވެދާނެއެއްނު އޭނަ ތައުބާވާން
ބޭނުންވެގެން އަފާފަށް މެސެޖެއް ކުރީ ކަމަށްވެސް؟" ފައިހާ އިނީ ޝަރަފަށް
މެސެޖެއްކުރަން އިންތިހާއަށް ބޭނުންވެފައެވެ.
"ތައުބާވާން ބޭނުންވެގެން އުޅޭނެ މީހަކު ކުރާނެ
ސުވާލެއްނޫން އެއީ އަންހެން ކުއްޖެއް ކައިރިން." އަފާފް ބުނެލިއެވެ.
"ދެން އަފޫ! އަފޫއަށް ތިހެންވެގެންނޭ އިންނާނެ
ކުއްޖަކު ނުލިބެނީ. އަފޫ ބްލައިންޑްވީމައެއްވެސް ނޫން ނުލިބިގެން އުޅެނީ. އަފޫ
މީހުން އެވޮއިޑް ކުރާތީ. އެހެން ހެދީމަ ރަނގަޅު މީހަކު ވެސް އަތުން ގެއްލިދާނެއޭ
އަފޫ. ވިސްނާލަބަލަ!" ފައިހާ ވާހަކަ ދެއްކީ އަފާފްގެ ހިތަށް އެންމެ އުނދަގޫވާ
މިޞްރާބުންނެވެ. އެހެނަސް އޭނަ ދެންވެސް އަމިއްލަ އިޙްޞާޞްތަކުގެ މައްޗަށް ބާރު
ފޯރުވަމުން ފޭސްބުކް ޕޯސްޓް ލިޔަން ހިނގާށޭ ބުނެލީ މަޢުޟޫއު ބަދަލުކޮށްލުމަށެވެ.
ފައިހާ ޗޮއްކަނޑާލަމުން އަފާފް ބުނިގޮތަށް ހެދިއެވެ.
އަފާފް އެރޭ ނިދަން އޮށޯތުމުން ވެސް އޭނައަށް ޝަރަފްގެ
ޚިޔާލުތަކާއި ދުރެއްނުވެއެވެ. ހަވީރުގެ ހަނދާންތަކާއި ޝަރަފްގެ ފަރާތުން ލިބުނު
މެސެޖާއެކީ ފައިހާ އޭނަގާތު އެންމެ ފަހަކަށް ދެއްކި ވާހަކަތައްވެސް އޭނަގެ
ސިކުނޑީގައި އެނބުރެމުން ދިޔައެވެ. ފައިހާގެ ބަސްތަކާމެދު އޭނަ އޭރު އަޅާނުލިޔަސް
އެނދުމަތީގައި އޮވެ އެ ބަސްތަކާމެދު ވިސްނާލުމުން އަފާފްގެ ހިތްދަތިވާ ގޮތްވިއެވެ.
އަރަޝްއަށްފަހު އޭނަގެ މަންމައާއި ބައްޕަވެސް ވަނީ އޭނަގެ ކައިވެނީގެ ވާހަކަ
ދެއްކުން ހުއްޓާލާފައެވެ. އެ ވާހަކަ ދެއްކުން ހުއްޓި ފަހުން އޭނަގެ ޒަވާޖީ ޙަޔާތެއް
ދުވަހަކުވެސް އޮންނާނެ ކަމުގެ އުއްމީދުވަނީ ވަރަށް ވެސް ކުޑަވެފައެވެ. އަރަޝް އޭނަ
ދޫކުރި ސަބަބު ކިޔައިދިން ފަހުން ޚުދު އޭނައަށް ވެސް އަމިއްލަ ނަފްސާއިމެދު ޤަބޫލު
ކުރެވެމުންދަނީ އޭނައަކީ ޒަވާޖީ ޙަޔާތަކަށް ޤާބިލު މީހެއްނޫން ހެންނެވެ.
ކަންމިހެން އޮތްވާ އޭނަ މިދަނީ ފައިހާ ބުނިހެން މީހުން އެނގިފައިވެސް ނޭނގޭކަމަށް
ހަދަމުންނެވެ. އެއީ ހަމައެކަނި ﷲ ގެ ރުހިވޮޑިގަތުން ހޯދުމުގެ ނިޔަތުގައެވެ. އޭނަ
ދީންވެރި ނުވިނަމަ އޭނަދެކެ ލޯބިވާނެ މީހެއް ހުރީހޭ ހިތަށްއެރި ވަގުތު އަފާފަށް
ބޯހޫރުވާލެވުނީ އެ ޚިޔާލާއިމެދު ނުރުހުންވީވަރުންނެވެ. އޭނަ ވަގުތުން އޭނަގެ
ކަނާތް ފަރާތަށް އަތްދިއްކޮށް އޭނަގެ ފޯނުގައި އަތްޖެހޭތޯ ބެލީ ޤުރުއާން އަޑު
އެހުމަށްޓަކައެވެ. ފޯނު އަންލޮކް ނުކޮށް ވެސް ސްކްރީންގެ ކޮންމެވެސް
އެއްދިމާލަކަށް ފިތާލުމުން ޤުރުއާން ޕްލޭއި ކުރެވިގެން ދާނެތީ އަފާފްވަނީ އޭނަގެ
ފޯނު ބާލީސް ކައިރީގައި ބާއްވަން މަންމަގާތު ބުނެފައެވެ. އޭނަ އެކަން ކުރަން
އާދަވެފައިވުމުން އެރޭވެސް ސިކުންތުކޮޅެއްގެ ތެރޭގައި އޭނައަށް ޕްލޭއި ބަޓަންގައި
އޭނަގެ އިނގިލި ޖައްސާލެވުނެވެ. އެއާއެކު ބިސްމިއަށްފަހު ފެށިގެން ދިޔައީ ޠާހާ
ސޫރަތެވެ. ސޫރަތް ފެށިގެން ދިޔަތާ މާ ގިނައިރެއްނުވެ އަފާފްގެ މޫނުމައްޗަށް
ހިނިތުންވުމެއް ވެރިވީ އެ އާޔަތްތައް ޚުދު އޭނައާއި ވާހަކަ ދެއްކިހެން
ހީވުމުންނެވެ. ޤުރުއާން ބާއްވައިލެއްވުނީ، ހިތްދަތިވެ އަބާއްޖަވެރިވުމަށްޓަކައި
ނޫންކަމަށް އަންގަވާފައިވުމުން އަފާފްގެ ލޮލަށް ކަރުނަތައް ޖަމާވިއެވެ. އޭނަ
އެކަން ހަނދާން ނެތުނީ ކީއްވެބާއޭ ހިތަށްއެރިއެވެ. ﷲ އެންގެވި އެއްވެސް ކަމަކީ
އޭނައަށް ހިތްދަތިކަން ލިބުމަށްޓަކައި އަންގަވާފައިވި ކަމެއްނޫނެވެ.
އެހެނެއްކަމަކު އެކަލާނގެ އެންގެވި ހުރިހާ ކަންތައްތަކަކީ އޭނައަށް މިދުނިޔެއާއި
އާޚިރަތުގައި ވެސް ހެޔޮކަން ލިބުމުގެ މަގުފަހި ކުރެއްވުމަށްޓަކައި އަންގަވާފައިވި
ކަންތައްތަކެވެ. ﷲ ގެ އަމުރުފުޅުތަކާއި އެއްގޮތަށް ޢަމަލު ކުރުމުން އޭގެ ހެޔޮ
ނަތީޖާ އޭނައަށް ވަގުތުން ނުފެނިދާނެއެވެ. އެހެނަސް ކޮންމެވެސް އެއްދުވަހަކުން
ފެންނާނެއެވެ. މި ދުނިޔޭގައި ނުފެނުނިއްޔާ އާޚިރަތުގައި އޭނައަށް އޭގެ ޖަޒާ
ލިބޭނެއެވެ. ވީއިރު އޭނަ ހިތްދަތިވާންވީ ކީއްވެ ހެއްޔެވެ؟
ހިތަށް ލިބުނު އެ ހިތްހަމަޖެހުމާއެކީ އަފާފް ދެލޯ
މަރާލިއެވެ. އޭގެ މާ ގިނައިރެއްނުވެ އޭނަ ފުން ނިންޖެއްގެ ތެރެއަށް ގެނބިގެން
ދިޔައީ، އޭނައަށް އަނެއްކާވެސް ހިތްދަތިކަމެއް ލިބިގެންދާނެފަދަ ކެއްސެއް ލިބެން
އުޅޭކަން ރޭކާލުމެއްނެތިއެވެ.
**
ފައިހާ އެރޭ
ޑިއުޓީ ނިންމާލުމަށްފަހު ގެއަށް ގޮސްފައިވަނީ 8:30 ވީ ވަގުތެވެ. އެއީ އޭނަގެ
ޑިއުޓީ ނިމޭގަޑި ކަމަށްވިޔަސް އެހެން ރޭރެއާ ޚިލާފަށް އޭނަ މަޑެއް ނުކުރެއެވެ.
އޭނަ ހުރީ އަފާފް ކަންތައް ކުރި ގޮތުން މޫޑު ޚަރާބުވެފައެވެ. ފިރިހެނަކާ ކުޑަކޮށް
ވާހަކަ ދައްކާލިޔަސް އަފާފް ނަރަކައަށްދާނީތޯ ބުނެ ފައިހާ ހިތާހިތުން އަފާފާއި
ދިމާލަށް އެއްޗެހި ގޮވަމުން ދިޔައެވެ.
މިއީ އަފާފް ފިރިހެނަކަށް ޖަވާބުދޭން އިންކާރު ކުރި
ފުރަތަމަ ފަހަރަށް ނުވިޔަސް އެހެން ފަހަރުތަކާއި ޚިލާފަށް މިފަހަރު ފައިހާ
ނުރުހުންވާ ގޮތްވިއެވެ. އެއީ މިހާތަނަށް އަފާފަށް މެސެޖުކޮށްފައިވަނީ ހުސްވެސް
ހުތުރު ބަހުން ވާހަކަ ދައްކާ މީހުންނެވެ. އެހެންނޫނީ ތައުބާވެގެން ފައިހާގެ
ނަޒަރުން 'އަނެއްކޮޅަށް' ޖެހިފައިތިބި މީހުންނެވެ. އެހެނަސް މިރޭ ޝަރަފް
މެސެޖުކުރި ގޮތް ފައިހާގެ ހިތަށް ކަމުދިޔައެވެ. އެއީ އޭނައަށް ރީތިވެފައި، ކަމުވެސްދާނެ
ޝަޚުޞިއްޔަތެއްހެން އޭނައަށް ހީވިއެވެ. އެހެނަސް އަފާފް އޭނައާއި ޝަރަފް ވާހަކަ
ދެއްކުމަށް ފުރުޞަތު ނުދިނުމުން އޭނަ އަފާފަށް ފުރަތަމަ ފަހަރަށް ރުޅިއައެވެ. އަދި
ޝަރަފް އަފާފް ދެނެގަންނަން އުޅޭކަމަށްޓަކައި ހިސާބެއްގެ ޙަސަދަވެރިކަމެއްވެސް
އުފެދިގެން ދިޔައެވެ. އެފަދަ އިޙްޞާޞްތަކެއްގައި ހުރެ ފައިހާ އެރޭ ގެއަށް ގޮސް
އޭނަގެ ފޯނުން ބިންތު ޢައްމާރުގެ ޕޭޖަށް ދިޔައެވެ. އެއަށްފަހު އަދިވެސް އެއްފަހަރު
ޝަރަފްގެ ޕްރޮފައިލަށް ގޮސް ޝަރަފްގެ ފޮޓޯ ބެލުމުގައި އިރުކޮޅެއް ހޭދަކުރުމަށްފަހު
އަނެއްކާވެސް ޕޭޖަށް ދިޔައެވެ. އެއަށްފަހު ޝަރަފްގެ މެސެޖަށް ބަލާލަމުން
ރިޕްލައިއެއް ލިޔަންފެށިއެވެ.
"ބިންތު ޢައްމާރަކީ އަފާފް ހުސެއިން. ޕުއާރ
ބްލައިންޑް ގާރލް. އޭނައަށް އަމިއްލައަކަށް މި ޕޭޖް ނުހިންގޭ. އަހަރެންގެ
ހެލްޕާއެކީ ހިންގަނީ. އަހަންނަށް ކިޔަނީ ފައިހާ." ފައިހާ އެ މެސެޖު ލިޔެ
ފޮނުވާލީ އޭނަގެ ހިތް މޭތެރޭގައި ބާރަށް ތެޅިތެޅި އޮތް ޙާލުގައެވެ. އޭނަ ފުރަތަމަ
ބޭނުންވީ ވެސް ބިންތު ޢައްމާރަކީ އޭނަ ކަމަށް ބުނާށެވެ. އެހެނަސް ޝަރަފްގެ
ޕްރޮފައިލް ފޮޓޯގައި އޭނަގެ އަތުގައި ހުރި ޓެޓޫތައް ފެނިފައި ބިންތު ޢައްމާރު
ކަހަލަ މީހަކު ޝަރަފަށް ކަމުނުގޮސްދާނެއޭ ހިތަށްއެރިއެވެ. އަފާފް އަނދިރިކަމުގެ
ވާހަކަ އިތުރުކޮށްލީ ޝަރަފަށް އޭނަ ކަމުދިޔުމުގެ ހުރިހާ ފުރުޞަތެއް ގެއްލުވާލުމުގެ
ނިޔަތުގައެވެ. މެސެޖު ފޮނުވާލި ވަގުތު އެ މެސެޖާހެދީ އޭނަގެ ވަޒީފާވެސް ގެއްލިދާނެ
ކަމުގެ ބިރުވެރިކަމެއް އޭނަގެ ހިތުގައި އުފެދުނެވެ. އެހެނަސް އަފާފަށްޓަކައި
ހިތުގައިވި ޙަސަދަވެރިކަން އެ ބިރުވެރިކަމަށްވުރެ ބޮޑުވެފައިވީތީ ފައިހާގެ
މޫނުމައްޗަށް ވެރިވީ ނުލަފާ ހިނިތުންވުމެކެވެ.
**
އެރޭ ޢައްބާސްގެ ގޭގެ ތެރެއަށް ވެރިވެފައިވީ ނުތަނަވަސް
އިޙްޞާޞްތަކެވެ. ރޭގަނޑު ކެއި ގަޑީގައި ޝަބާއަށް ވެސް ޝަރަފްގެ އަތުގައި
ކުރެހިފައިވި ޓެޓޫ ފެނުމަށްފަހު ޝަބާއާއި ޝަރަފާއި ދެމެދު ވެސް ފާރެއް ލެވުނު
ފަދައެވެ. ޓެޓޫ ފެނުނު ފުރަތަމަ ވަގުތުވެސް ޝަބާ އެއްޗެކޭ ބުނަން އުޅުނެވެ.
އެހެނަސް ޢައްބާސް ބޮލުގެ ޢިޝާރާތުން އެކަމަށް މަނާ ކުރުމުން ޝަބާ އޭނަގެ އަނގަ
ބަންދުކޮށްލިއެވެ. އެއަށްފަހު މުޅި އެރޭ އޭނަ ޝަރަފާއި ވާހަކައެއް ނުދައްކައެވެ.
ޝަރަފް އެއީ މާ ބޮޑު ކަމަކަށް ނެހެދިއެވެ. އެއްގެއެއްގައި އުޅޭނަމަ ކިތަންމެ
ވާހަކަ ދައްކަން ނުއުޅުނަސް ވާހަކަ ދެއްކޭނެކަމަށް އޭނައަށް ނިންމުނެވެ. އަދި މިއީ
ބައްޕައަށާއި ދޮންތައަށް އޭނަގެ ޓެޓޫ ފެނުނު ފުރަތަމަ ފަހަރަށްވުމުން ވާގޮތޭ
އޭނަގެ ހިތް ބުންޏެވެ. ޝަރަފްގެ ޓެޓޫ ފެނިފައި އުފާވި މީހަކަށް ހަމައެކަނި ހުރީ
އާހިލްއެވެ. އާހިލް ހާދަ 'ކޫލް'އޭ ކިޔާފައި އެ ޓެޓޫއާ ބެހޭގޮތުން ސުވާލުކުރިއެވެ.
ޝަރަފް ހެވިފައިހުރެ ކާމޭޒުދޮށުގައި އެންމެން ތިއްބާ އާހިލްއަށް ކިޔައިދީ ސަމާސާ
ކުރިއެވެ. އެހެނަސް އެ ސަމާސާތަކުން ޢައްބާސްއާއި ޝަބާއަށް ނުހެވެއެވެ. އެމީހުން
ހިމޭންކަމާއެކީ ނުރުހުމުގެ ނަޒަރުތައް ދީދީ ތިބީއެވެ. ކިތަންމެ ނޫންކަމަށް
ހަދައިގެން އިނަސް ޝަރަފް އެވަގުތު ވެސް އެ ނަޒަރުތަކާމެދު ނުތަނަވަސްވިއެވެ. އެއީ
ވަކި އޭނަގެ ޓެޓޫގެ ސަބަބުންނެއްނޫނެވެ. އޭނަ ގޭތެރޭގައި ހުރި މޭޒެއްގެ ދަށުގައި
ފޮރުވާފައި ހުރި ހަދިޔާގެ ސަބަބުންނެވެ. ދޮންތަ އެ މޭޒުގެ ކައިރިއަށްދާ ކޮންމެ
ފަހަރަކު ޝަރަފްގެ މޭގަނޑު އަތަށް އަންނަހާވަރު ވަމުންދިޔައެވެ. އެހެނަސް އެރޭ
އެންމެން ނިދުމަށްޓަކައި ކޮޓަރިތަކަށް ވަނީވެސް އެ ފޮށިގަނޑު އެތާ ހުރިކަން
އެކަކަށް ވެސް ނޭނގިއެވެ.
އެރޭ 11:30 ވީ ވަގުތު ޝަރަފް ބައްޕަގެ ކޮޓަރީގައި އޮތް
ގޮދަޑީގައި އޮވެފައި ތެދުވެލީ ބައްޕަ ނިދައިފިކަން ޔަޤީންވުމުންނެވެ. އެވަގުތު
އެއީ ކިތަންމެ ފިނި ރެއެއްކަމަކު އޭނައަށް ހޫނުކަމެއް އިޙްޞާޞް ކުރެވި ދާހިއްލަން
ފަށާފައިވިއެވެ. މަސްތުނުވެ މާ ގިނައިރުވީކަން ނަގައިގަނެވުމުން ޝަރަފަށް ގޮދަޑިން
ތެދުވެ ކޮޓަރިން ނިކުންނަން ދެވުނީ ދާން ބޭނުންވިވަރަށް ވުރެ ބާރަށެވެ. އަދި މާ
ބޮޑު ވިސްނުމެއްނެތި ކޮޓަރީގެ ތަޅު އަނބުރާލާފައި ބާރަށް ހުޅުވާލެވުނު ހިނދު
އޭނައަށް ނުތަނަވަސްވެފައި ފަސްއެނބުރި ބައްޕައަށް ބަލާލެވުނެވެ. އެހިނދު
ބޮޑުކޮޓަރީގައި އޮތް ފަނޑު އޮރެންޖް ކުލައިގެ ބޮކީގެ އަލީގައި ބައްޕަ ގަދައަށް
ނިދިފައި އޮތް މަންޒަރު ފެނިފައި ޝަރަފް ލަސްލަހުން ނިކުމެ އެ ދޮރު މަޑުމަޑުން
ލައްޕާލިއެވެ. އެއަށްފަހު އަވަސްއަވަހަށް ގޮސް މޭޒު ދަށުގައި ހުރި އޭނަގެ ހަދިޔާ
ފޮށި ނަގައި އެ މޭޒުމަތީގައި އޮތް ކަޓަރެއްގެ އެހީގައި ފޮށި ކަނޑާލުމަށްފަހު އޭތި
ދަމައިގެން ގޮސް ކާމޭޒު ކައިރިއަށް ޖެއްސިއެވެ. އެއަށްފަހު ޓީވީއާއި ކުރިމަތިވާނެ
ގޮތަށް މޭޒުދޮށުގައި އިށީނދެ ހަމަޖެހިލައިގެން ފުޅިއެއް ނަގައި ކަނޑާލުމަށްފަހު
ބޯންފެށީ އެއްވެސް ބިރެއްނެތިއެވެ. އޭނައަށްވުރެ މަތީ ފަރާތެއްގެ އެއްވެސް
ހަނދާނެއްނެތް އިރު އެންމެ ކުޑަމިނުން ދޮންތައާއި ބައްޕައަށް މިކަން
އެނގިދާނެތީވެސް އޭނަ ޖެހިލުމެއްނުވެއެވެ. ޖެހިލުމެއްނުވީ އޭނަ މިކަން ކުރާކަން
ބައްޕައާއި ދޮންތައަށް އެއްގޮތަކަށް ވެސް ނޭނގޭނެކަމަށް ހިތް ބުނީތީވެއެވެ.
ތަންކޮޅެއް މަދުން ބޭނުންކޮށްފިނަމަ އޭނައަށް ހަމަހޭގައި ހުރެވޭނެކަމަށް އަމިއްލަ
ނަފްސަށް ވިސްނައިދެވުނީތީވެއެވެ.
ކާމޭޒުދޮށުގައި އިށީންތާ މާ ގިނައިރެއްނުވެ ޝަރަފް
ކައިރީގައި އޮތް ރިމޯޓު ނަގައި ޓީވީ ޖައްސާލީ، މިއީ ގޭގަ ހުރިއްޔާ އޭނަގެ އަބަދުވެސް
އާދަ ކަމަށްވާތީވެއެވެ. ޓީވީ ހުޅުވިގެން ދިޔުމާއެކު ކުއްލިއަކަށް ނުހަނު ބާރަށް
ޤުރުއާން ކިޔަވަން ފެށި އަޑު އިވިފައި ޝަރަފްގެ ހިތަށް ވެރިވި ބިރުވެރިކަމާއެކު
އޭނަ ވޮލިއުމް ދަށްކުރާ ބަޓަނަށް ބާރަށް ފިތާލަމުން އަޑު މަޑުކޮށްލިއެވެ.
އެއަށްފަހު ގޭގެ ދެކޮޓަރީގެ ދޮރަށް ވަކިވަކިން ބަލައި އެ ކޮޓަރިތަކުގެ ތެރެއިން
އެއްވެސް އަޑެއްއިވޭތޯ ސަމާލުވެލިއެވެ. ސިކުންތުކޮޅެއްވީއިރުވެސް އަޑެއް
ނުއިވުމުން ޝަރަފް ހަމަޖެހުމުގެ ނޭވައެއް ލުމަށްފަހު އަނެއްކާވެސް ޓީވީއަށް ބަލާލީ
ނުރުހުންވެފައި ހުރެއެވެ. އެރޭ 10 ޖަހަން ގާތްވެފައިވަނިކޮށް ދޮންތަ އެ ޓީވީ
ޑީވީޑީ ޕްލޭޔަރާއި ގުޅައި އެއަށް ޤުރުއާން ސީޑީއެއް ލެއްވި ހަނދާން އޭނަ ނުވެސް
ނެތީއެވެ. އޭނައާއި އާހިލް ކޮންމެވެސް ފިލްމެއް ބަލަން ތިއްބާ ދޮންތަ އެހެން
ހެދުމުން އޭނައާއި އެއްވަރަށް އާހިލް ވެސް ނުރުހުންވިކަން ޝަރަފަށް އެނގުނެވެ.
އަޑުއިވުނު ވާހަކަތަކުން އާހިލް ވީހާވެސް ގިނައިން ޤުރުއާން ކިޔަވަން ދޮންތަ
އުޅޭކަންވެސް ޝަރަފަށް އެނގުނެވެ. ދޮންތަ ދިޔުމުން، އެއީ ޤުރުއާން
މުބާރާތަކަށްޓަކައިތޯ ޝަރަފަށް އަހާލެވުނެވެ.
"ނޫން! ވީހާވެސް ގިނައިން ޤުރުއާން ކިޔަވައި ޤުރުއާން
އަޑުއަހަންވާނެޔޯ މަންމަ އަބަދު އަބަދު ބުނާނީ. ވަރަށް ފޫހިވޭ! ކިރިޔާވެސް ލައިކްވަނީ
އަފޫ ދައްތި ޤުރުއާނުގެ މާނަ ކިޔައިދޭއިރު......އަސްލު ބައެއް އާޔަތްތައް ވަރަށް
ސަޅި. ވެދާނެ އަފޫ ދައްތި ކިޔައިދޭގޮތުން ކަމަށްވެސް." އާހިލް އޭނައަށް
ކިޔައިދިނެވެ. އާހިލް ކިޔައިދިން ވާހަކަތަކުގެ ތެރެއިން އަފާފްގެ ވާހަކަ އައުމުން
އެދުވަހު އަފާފް އެގެއަށް އައިސްފައިހުރީ ކީއްވެކަން ޝަރަފަށް ނަގައިގަނެވުނެވެ.
އަފާފްގެ ހަނދާނުގައި ހުރެ ޝަރަފަށް ނޭނގޭ ސަބަބަކާހެދި ޓީވީގެ އަޑު ކުޑަކޮށް ހަރުކޮށްލެވުނެވެ.
އަފާފް އެ ބުނެދެނީ ކޯޗެއްކަން ދެނެގަންނަން ބޭނުންވީތީވެ ކަންނޭނގެއެވެ. އަޑު
ހަރުކޮށްލިތާ މާ ގިނައިރެއް ނުވެ ބިސްމިއަށްފަހު ފެށިގެން ދިޔައީ ނަބައު ސޫރަތެވެ.
އެތައް އަހަރެއްފަހުން ޤުރުއާނުގެ އަޑު އޭނަގެ ކަންފަތުގައި ޖެހުމުން އޭނަގެ
ގައިން ހީބިހި ނަގައިގެން ދިޔައެވެ. ނޭނގޭ ސަބަބަކާހުރެ އޭނަގެ ހިތަށްހަމަޖެހުމެއް
ލިބުނެވެ. މިއީ ކުޑައިރު އޭނަ އެހާވަރަށް ކިޔަވައި އެހާވަރަށް ނުބަލައި ދަސްކުރި
ފޮތޭ ހިތަށްއެރި ވަގުތު ޝަރަފަށް އާދަޔާ ޚިލާފު އިޙްޞާޞެއް ކުރެވުނެވެ. އޭނައަށް
ޤުރުއާން އަޑުއަހަން އިނދެވުނީ އަތުގައި އިން ފުޅީގެ މަތިން ވެސް ހަނދާން
ނެތިފައެވެ. ކޮންމެ އާޔަތަކަށްފަހު އޭގެ މާނަ ކިޔެމުން ދިޔައިރު ޝަރަފަށް މާނައަށް
މާ ބޮޑު ސަމާލުކަމެއް ނުދެވުނީ، ދެން އަންނާނެ އާޔަތް އޭނަގެ ސިކުނޑި އޭނައަށް
ހަނދާންކޮށްދެމުން ދިޔައީތީވެއެވެ. އޭނަގެ ސިކުނޑީގައި އޮތް އާޔަތް އެއޮތް ގޮތަށް
ދެން ކިޔެވެން ފެށުމުން ޝަރަފް އަޖާއިބުވެ އަންތަރީސްވާގޮތް ވިއެވެ. އޭނަ އެއްވެސް
ވަރަކަށް ޤުރުއާން ކިޔަވައި އަދި އަޑުއަހައި ނަހަދާތާ މިހާރު 8 އަހަރަށްވުރެ ވެސް
ގިނަ ދުވަސްވާނެއެވެ. ޙަޤީޤަތަކީ ޓީވީއިން ފެންނަމުން ދިޔަ ޢަރަބި އާޔަތްތައް
އޭނައަށް ކިޔަން ވެސް ދަތިވިކަމެވެ. އެހެނަސް ނޭނގޭ ސަބަބަކާހުރެ އޭނަ ދަސްކުރި
އާޔަތްތައް އޭނަގެ ހިތުތެރޭގައި ރައްކާކުރެވިފައިވި ފަދައެވެ. އެކަމަކު އެހެންވާނީ
ކިހިނެއް ހެއްޔެވެ؟ އޭނަ އެހެން ފޮތްތަކުން ދަސްކުރާ އެއްވެސް ވާހަކައެއް އެ ހުރި
ގޮތަށް މިހާ ގިނަ ދުވަސްވަންދެން ހަނދާނެއް ނުހުރެއެވެ. މިއީ ދުނިޔޭގައިވި
އަޖާއިބުތަކުގެ ތެރެއިން އަޖާއިބަކީ ހެއްޔެވެ؟
ވިސްނުމެއްގެ ތެރޭގައި ވަނިކޮށް ޝަރަފަށް އެންމެ ފަހުން އެ
އާޔަތްތަކުގެ މާނަތަކަށްވެސް ސަމާލުކަން ދެވޭ ގޮތްވިއެވެ. އޭރު ކިޔެވެމުން ދިޔައީ
ނަރަކައާއި ބެހޭ އާޔަތްތަކެވެ. މާނައަށް ބަލަން ފެށިތާ މާ ގިނައިރެއްނުވެ އެއްވެސް
ދީނެއް ޤަބޫލުނުކުރާ އޭނަގެ އެކުވެރިންގެ ވާހަކަތައް ޝަރަފްގެ ހަނދާނަށް އަންނަން
ފެށިއެވެ. މިހާ ބޮޑު ޢަޒާބެއް އިންސާނުންނަށް ދެވެންވީ ކީއްވެގެންތޯ ހިތަށްއަރަން
ފެށިއެވެ. ކިތަންމެ ބޮޑު ކުށެއް ކުރިޔަސް މިފަދަ ޢަޒާބެއް އެއްވެސް މީހަކަށް
ޙައްޤުވާނެތޯ ޝަރަފްގެ ހިތަށްއެރިއެވެ.
އެހިނދު އޭނަގެ ހިތުގައިވި ސުވާލަށް ޖަވާބެއް ލިބިގެން ދިޔައީ އިވިގެން
ދިޔަ އާޔަތަކުންނެވެ. އެއީ އެމީހުންގެ ޢަމަލުތަކާއި އެއްގޮތްވެގެންވާ
ޖަޒާއެއްކަމަށް މާނައިގައި ބުނެދެވިގެން ދިޔަ ހިނދު ޝަރަފަށް ނޭނގި އޭނައަށް ނޭވާ
ހިފަހައްޓާލެވުނެވެ. އޭނައަށް ކުއްލިއަކަށް ރިމޯޓު ނަގައި ޓީވީ ނިވާލެވުނީ ބިރެއް
ފެނިގެން އުޅޭ ފަދައަކުންނެވެ. އެއަށްފަހު އޭނައަށް ފުން ނޭވާތަކެއް ލެވެން ފެށީ
އޭނައަށް ކުރެވުނުހާ ފާފަތައް އޭނަގެ ހަނދާނަށް އަންނަން ފެށުމުންނެވެ. ހިތުގައި
އުފެދުނު ބިރުވެރިކަމެއްގެ ސަބަބުން ޝަރަފަށް އޭނަގެ ފުޅިވެސް މޭޒުމަތީގައި
ބަހައްޓާލެވުނެވެ. ދެންމެ ވީ ކަމަކީ އިއްތިފާޤަކުން ވީ ކަމެއްކަމަށް އޭނަ އަމިއްލަ
ނަފްސަށް ވިސްނައިދޭން އުޅުނެއްކަމަކު އޭނަގެ ހިތުގެ ފުން ހިސާބެއްގައި
ބިރުވެރިކަމެއް ހަރުލާފައި ވިފަދައެވެ.
ހިތްހަމަޖައްސަން ކުރެވިދާނެކަމެއް ނޭނގިގެން ޝަރަފް
އޭނަގެ ފޯނުން ލަވައެއް ޖަހާލަން ހިތަށްއެރިއެވެ. އެހެނަސް ޕްލޭލިސްޓުގައި
އެވަގުތު އޭނަ ޖަހަން ބޭނުންވާ އެއްވެސް ލަވައެއް އޭނައަށް ފާހަގައެއްނުވިއެވެ.
އޭނަގެ ހިތްހަމަޖެހުމަށްޓަކައި ދެންމެ ވީ ކަމަކީ ޙައިރާންވާންވީ ކަމެއްނޫންކަން
އޭނައަށް ވިސްނެން ޖެހޭކަން އޭނައަށް އެނގުންވިއެވެ. އެކަމަށްޓަކައި އޭނަ ވަގުތުން
ފޯނުން ފޭސްބުކަށް ވަދެލިއެވެ. އޭނައަށް މެސެޖެއް ލިބިފައިވިއެއްކަމަކު އޭތިވެސް
ބެލުމެއްނެތި ޝަރަފް ވަގުތުން އޭނައަށް އެންމެ ކަމުދާ ޕޭޖަށް ދިޔައެވެ. އެ ޕޭޖުގައި
ތިބި އެކި ޕޯސްޓްތައް ކިޔުމުން ވެސް އޭނަގެ ހިތަށް ހަމަޖެހުމެއް ލިބޭ
ގޮތެއްނުވިއެވެ. މިއީ އެއްވެސް މީހަކު އޭނަގެ ސިކުނޑި ދޮވެގެން ކުރެވޭ އިޙްޞާޞެއް
ނޫންކަން އޭނައަށް ޔަޤީން ކުރެވުނީތީވެއެވެ. މީހަކު ސިކުނޑި ދޮންނަން ކުރީ ފަހެ
ކޮންކަމެއް ހެއްޔެވެ؟ އޭނައަށް މިހެން މިވަނީ އޭނައަށް އިވިގެން ދިޔަ
އާޔަތްތަކެއްގެ ސަބަބުންނެވެ.
ވިސްނުމެއްގެ ތެރޭގައި ވަނިކޮށް ވަރަށް ގަދައަށް ޝަރަފްގެ
ބޮލުގައި ރިއްސަންފެށިއެވެ. އެ ހިނދު އޭނައަށް އޭނަ އެމޭޒުމަތީގައި ހުރި ފުޅިއާއި
ދިމާލަށް ބަލާލެވުނެވެ. އެ ފުޅިތަކާއި ދުރުވުމުގެ ސަބަބުން ވާ ގޮތެއްކަން ޝަރަފަށް
އެނގުނެވެ. ދެ ޚިޔާލެއްގެ މަތީގައި ހުރެ ޝަރަފަށް އެ ފުޅި ނެގުނީ
ބޭއިޚްތިޔާރުގައެވެ. އެއަށްފަހު އޭނައަށް އޭނަގެ ޙަރަކާތްތަކުގެ މައްޗަށް ބާރެއް
ނުފޯރުވުނު ފަދައެވެ. ފުޅިތައް ހުސްވަމުން ދިޔަ ވަރަކަށް ޝަރަފްގެ ސިކުނޑީގައި
އުފެދިފައިވި ހާސްކަންވީ އިތުރެވެ. ހާސްކަން އިތުރުވުމުގެ ސަބަބުން ބޮލުގެ
ރިހުންވެސް ގަދަވިއެވެ. އެންމެ ފަހު ފުޅި ހުސްވީވަގުތު ޝަރަފަށް ވީނުވީއެއްނޭނގި
އޭނަގެ ދެލޯ މެރި ގޮނޑީގައި އިނދެ މޭޒުމަތީގައި އޮށޯވެވުނެވެ. އެ ފުޅިތަކުގެ
ބަދަލުގައި އޭނައަށް އިވުނު އާޔަތްތައް އޭނަގެ ބައިވެރިއަކަށް ހެދިނަމަ ކިހާ
ރަނގަޅުވީސްކަން އޭނައަށް ރޭކާވެސް ނުލައެވެ.
އޭގެ އަނެއްދުވަހު ޝަބާއަށް ހޭލެވުނީ 7 ޖެހި ފަހުންނެވެ.
ގަޑި ފެނިފައި އޭނައަށް ފުންމައިގެން ތެދުވެވުނީ ފަތިސް ނަމާދަށް ހޭނުލެވޭކަން
އެނގުންވުމުންނެވެ. އިސާހިތަކު އޭނަގެ ހިތަށް ވެރިވި މާޔޫސްކަމާއެކު އޭނަ ވަގުތުން
އާހިލްއަށްވެސް ގޮވާލަމުން ކޮޓަރިން ނުވެސް ނިކުމެ ނަމާދުކުރަން އަވަސްވެގަތެވެ.
ޝަބާ އޮފީހަށްދާން ތައްޔާރުވެ، ރީތިވެލައިގެން ފަތިސް
ނަމާދުކޮށްލިއެވެ. އަދި އެއަށްފަހު އަނެއްކާވެސް ނިދިފައި އޮތް އާހިލްއަށް
ގޮވާލަމުން ކޮޓަރިން ނިކުންނަން ދިޔައެވެ. އޭނަ ކޮޓަރީގެ ދޮރު ހުޅުވާލީ އާހިލް
އެނދުން ތެދުވާނެހާ ވަރަށް އޭނައަށް އުނދަގޫކޮށްލާފައެވެ. އާހިލް ޝަކުވާގެ
ރާގަކަށް މަންމާއޭ ކިޔައި ގޮވާލުމުން ޝަބާއަށް ހިނިތުންވެލެވުނެވެ.
"އާނ ދެން މަންމައަށް ޝުކުރުކުރާތި ސުވަރުގެއަށް ދެވޭ
ދުވަހަކުން އިން ޝާ ﷲ......ޗުއްޓީ ވިޔަސް ގޭގަ ހުރެގެން ފޮތްތައް ކިޔާތި!"
ޝަބާ އެހެން ބުނެ ކޮޓަރިން ބޭރަށް ނިކުތެވެ. އޭނަ ހިނިތުންވުމެއްގައި ހުރެ އެ ދޮރު
ލައްޕާލަން އުޅުނު ވަގުތު ފެނުނު މަންޒަރަކުން އެ ހިނިތުންވުން ގެއްލިގެން ދިޔައީ
ކުއްލިއަކަށެވެ. މޭޒުމަތީގައި ބޯ އަޅައިގެން ޝަރަފް އޮތް އިރު އޭނަ އިން ގޮނޑި
ކައިރީގައި ފެހި ކުލައިގެ ބިއްލޫރި ފުޅިތައް އެހެން މިހެން ތިބި މަންޒަރު ފެނިފައި
ޝަބާއަށް އޭނަގެ ލޮލަށް ވެސް އިތުބާރުކުރަން ދަތިވިއެވެ. ކަންވެފައި އޮންނާނެ ގޮތް
ޚިޔާލަށް ގެނެވުމުން ޝަބާގެ ދެލޯ ރަތްވެ އޭނަގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ.
ހަމައެއާއެކު ޝަރަފްގެ ނަންމަތީގައި އިއްޔެ އެގެއަށް އައި ފޮށިގަނޑުގެ މަތިން ވެސް
ޝަބާ ހަނދާންވިއެވެ. މާޒީގެ ވެސް ހިތި ހަނދާންތައް އާވެގެން ދިޔުމުން ރުޅީގެ
އަލިފާނެއް ޝަބާގެ ހިތުގައި ރޯވިއެވެ. އޭނަގެ ކުރިމަތިން ފެންނަމުން ދިޔައީ އޭނަގެ
ކޮއްކޮކަން ވެސް އޭނަ ހަނދާން ނެތިގެން ދިޔަހެން އޭނަ އަޑު އިސްކުރެވުނެވެ.
"ޝަރަފް ޢައްބާސް!!" ޝަބާއަށް ގޮވާލެވުނީ އޭނަގެ
އަޑުގެ ކޮޅަށެވެ. އެ އަޑު ހަމަ ދާދި ދެންމެއަކު ހޭލެވުނު ޢައްބާސްއަށާއި
ކޮޓަރީގައި ހުރި އާހިލްއަށް ވެސް އިވުނެވެ. އާހިލް ވަގުތުން ކޮޓަރިން ނިކުމެ ދޮރު
ހުޅުވައި ބަލާލިއެވެ. އެހިނދު ޝަރަފް ވެސް ދެލޯ ތަގުޅި ކޮށްލަމުން ލޯހުޅުވޭތޯ
މަސައްކަތް ކުރަނީއެވެ.
"ބަލަ ކަލެއަށޭ މަ މިގޮވަނީ. ދެންވެސް
ހޭއަރާބަލަ!" ޝަބާ އައިސްފައި ހުރި ރުޅީގައި ޝަރަފްގެ ގާތަށް ގޮސް އޭނަގެ
އަތުގައި ހިފައި ވައްޓާލިއެވެ. އެއާއެކު ޝަރަފް ސިހިގެން ދިޔަ ފަދައަކުން ދެންވެސް
އުނދަގުލާއެކީ ލޯ ހުޅުވައިގެން ހުރެ ތެދުވެ ޝަބާއަށް ބަލާލިއެވެ. ހަމަ އެއާއެކު
ޝަބާގެ ހޫނު އެތިފަހަރެއް ޝަރަފްގެ ކޯތާފަތަށް އެރިއެވެ. އެ ހިނދު ޝަރަފަށް ހަމަ
ހޭވެރިކަމެއް ލިބިގެން ދިޔައެވެ. އޭނަގެ ބޮލުގައިވި ރިހުން އޭރުވެސްވިއެވެ.
އޭނައަށް ހުރިހާ ކަމެއް އެއްފަހަރާ ހަނދާންވެ މިހާރު މިވަމުން ދާގޮތް
އެނގުންވީހިނދު ޝަރަފްގެ ހިތަށް ނުތަނަވަސްކަމެއްވެރިވިއެވެ. އޭނަ ވަގުތުން
ޝަބާއާއި ވީ ފަރާތަށް އެނބުރި، ބޮލުގައި ވި ރިހުމާއެކީގައި ވެސް ކޮޅަށް
ތެދުވެލިއެވެ. އޭނަ ދޮންތާއޭ ކިޔައި އެއްޗެކޭ ބުނަން އުޅުނުތަނާހެން އަނެއްކާވެސް
ޝަބާގެ ހޫނު އެތިފަހަރެއް ޝަރަފްގެ އަނެއް ކޯތާފަތަށް އެރިއެވެ. އެ ހިނދު
ކޮޓަރީގައި އިން ޢައްބާސްވެސް ކިހިނެއްވަނީތޯ ސުވާލުކޮށްލި އަޑު އިވުނެވެ.
"ބައްޕަގެ ލޯބިވާ ދޮންފުތު ކުރާ ކަމެއް އެނގެންޏާ
ބައްޕަވެސް މިހާވަރު ނުކޮށެއް ނުހުންނާނެ! ކަލޭ ތިކަން ކުރަންޏާ މިކޮޅަށް އައީ
ކީއްކުރަން؟ އެނ؟ އެ އޮސްޓްރޭލިޔާގަ މާ ފަސޭހައިން ތި ކުޅިވަރެއް
ކުޅެވިދާނެއެއްނު؟ މިތަނަށް އައީ ތިކަން ކޮށްގެން އަހަރުމެންގެ ދިރިއުޅުން
ބަރުބާދުކުރަންތަ؟" ޝަބާ ރުޅިން ރަތްވެފައިހުރެ އެތައް ސުވާލެއް ކުރީ އެތާނގަ
އާހިލް ހުރިކަން ވެސް ހަނދާން ނައްތާލަމުންނެވެ. ޝަރަފް އެއްޗެކޭ ބުނަން
އުޅުނުތަނާހެން ޝަބާ އަނެއްކާވެސް ވާހަކަ ދެއްކިއެވެ.
"އޮހް! ހަނދާން ނެތުނީއޭ. ކަލޭ ބަނގުރޫޓުވެގެން
ކުރާނެ ކަމެއް ނޭނގިގެން ދޯ އަހަރުމެން ކައިރިއަށް ތިއައީ؟ އެކަމަކު ހަނދާން ކުރާތި!
މަގޭ އެންމެ ލާރި ފޮއްޗެއްވެސް ކަލޭގެ އަތަކަށް ނުލިބޭނެ ތިކަން ކުރާކަށް. ކަލޭ
ބޭނުމިއްޔާ ކަލޭ އަމިއްލައަށް ލާރި ހޯދައިގެން އެކަންކުރޭ. އަހަރުމެން ނުހޯދާނަން
ކަލޭ އަތުން އެއްވެސް އެއްޗެއް. އަދި ބޭނުމިއްޔާ މިގެއިން ވެސް ނިކުމެގެން
ދިޔައިއްޔާ ރަނގަޅީ.....ވަރަށް ގިނަ ދުވަހު ވޭން ތަޙައްމަލުކޮށްފިން ތިކަހަލަ
މީހެއްގެ ސަބަބުން. އަހަންނަށް ލެއްވި ރަޙްމަތެއްގެ ސަބަބުން އޭނަ މަރުވެގެން
ދިޔައީ! ދެން ބަރުދާސްތެއް ނުކުރެވޭނެ އެކަހަލަ ކަމެއް. މި ހިތުގައި އެ
ހިތްވަރެއްނެތް..." ޝަބާގެ ވާހަކަ ނިމުނުއިރު އޭނަގެ ނޭފަތް ރަތްވެ ދެލޯ
ފެންކަޅިވެފައިވިއެވެ. ދޮންތައަށް ބަލައިގެން ޝަރަފަށް އެއްޗެކޭ ނުބުނެ ހުރެވުނީ
ދޮންތަ ބުނި އެއްޗަކާއިމެދު ވިސްނެމުން ދިޔައީތީވެއެވެ. 'އެކަމުގައި މަރުވެގެން'
ދިޔައީ ކާކުތޯ ހިތަށްއެރިތާ މާ ގިނައިރެއްނުވެ އެއީ ދޮންތަގެ ފިރިމީހާކަން
ޝަރަފަށް ނަގައިގަނެވުނެވެ. ހަމައެއާއެކު ދޮންތަ ތަޙައްމަލުކޮށްފައިވާނެ ވޭންތައް
އޭނައަށް ތަޞައްވުރު ކުރެވުނެވެ. މިފަހަރު އޭނަ އެއްޗެކޭ ބުނަން އުޅުނުތަނާހެން
ދޮންތަ ކަރުނަތައް ފޮހެމުން އޭނައަށް ފަސްދީފައި ދާން ހިނގައިގަތެވެ. ދޮންތަ ގޭގެ
ދޮރު ހުޅުވައި ލައްޕާލީ ވަރަށްވެސް ބާރަށެވެ. އެވަގުތު ޝަރަފްގެ ހިތަށް
މާޔޫސްކަމެއް ވެރިވިއެވެ. ދޮންތަ އޭނައަށް ނުރުހުންވީ މިންވަރު އިޙްޞާޞް
ކުރެވުމުންނެވެ. އެހެން މީހަކު ފަދައިން އޭނަވެސް ދޮންތައަށް އަނިޔާ ކޮށްފާނެހެން
ދޮންތައަށް ހީވަނީ ހެއްޔެވެ؟ އޭނަ އަނބުރާ އައި ސަބަބަކީ ދޮންތަ އަތުން ލާރި ހޯދުންހެން
ދޮންތައަށް ހީވަނީ ހެއްޔެވެ؟ އެހެނަސް އެއީ ޙަޤީޤަތާއި ހާދަ ދުރު ހީތަކެވެ.
ދޮންތައަށް އެކަން އެނގޭނެ ނަމައެވެ. އޭނަ މިފުޅިތައް ގެއަށް ގެނައި ހަމައެކަނި
ސަބަބަކީ އޭނައަށް އެއާއި ނުލާ ނުއުޅެވޭނެހެން ހީވުމެވެ. އެއާއި ދުރުވުމަށް
އޭނައަށް އެހީވެދޭނެ މީހަކު ހުރިނަމަ އޭނަ އުފާވީހެވެ.
އަމިއްލަ
ޚިޔާލުތަކެއްގައި ހުރެފައި ޝަރަފަށް ބަލާލެވުނީ އާހިލްއަށެވެ. އެ ހިނދު އާހިލްވެސް
ވީ ހިތް ނުތަނަވަސްވެ މާޔޫސްވެފައިވާ ޙާލެއްގައެވެ. އެއީ އޭނަގެ ބައްޕަގެ ޙަޤީޤަތް
އެނގުމުންކަން ޝަރަފަށް އެނގުންވިއެވެ. ޝަރަފަށް އެއްޗެކޭ ނުބުނެވެނީސް އާހިލް
އޭނަގެ ކޮޓަރިއަށްވަނެވެ. އެ ހިނދު އޭނައަށް ފުރަގަހުން މީހެއްގެ ގިސްލުމުގެ އަޑު
އިވެން ފެށިއެވެ. ޝަރަފް ފަސްއެނބުރި ބަލާލިއިރު އެ އަޑު އިވެމުން ދިޔައީ ބައްޕަގެ
ކޮޓަރިންނެވެ. އޭނަ ގޮސް ދޮރު ހުޅުވާލިއިރު އޭނަދެކެ އެހާ ލޯބިވާ ބައްޕަ އޮތީ ދެލޮލުގައި
އެއްއަތް އަޅައިގެން ގަދައަށް ރޯށެވެ. އެ މަންޒަރު ފެނިފައި ޝަރަފްގެ މޫނުމައްޗަށް
ވަގުތުން ހިތާމަވެރިކަން ވެރިވިއެވެ. އޭނަ ކުރި އެންމެ ކަމެއްގެ ސަބަބުން ދެރަ މި
ކޮށްލެވުނީ އޭނަދެކެ ލޯބިވާ ކިތައް މީހުންތޯ އޭނަގެ ހިތަށްއެރިއެވެ. ހަމަ އެވަގުތު
ދެން ދުވަހަކުވެސް އެމީހުން ދެރަވާފަދަ ކަމެއް ނުކުރަން ޝަރަފްގެ ހިތުގައި
ޢަޒުމެއް ކަނޑައެޅުނެވެ. ވޭތުވެ ދިޔަ އަހަރުތަކުގައި އޭނަ މިފަދައިން ކަނޑައަޅާ
ޢަޒުމްތައް ފަސޭހައިން ގުޑައިގެން ގޮސްފައިވި ގޮތުން އެ ޢަޒުމްވެސް އެގޮތުގައި
ދެމި އޮންނާނެކަމުގެ ޔަޤީންކަމެއް ޝަރަފްގެ ހިތުގައި ނެތެވެ. އެހެނަސް އޭނަ
ލަސްތަކެއް ނުކޮށް ބައްޕަގެ ކައިރިއަށް ގޮސް ބައްޕަގެ ލޮލުން ކަރުނަތައް
ފޮހެލަދިނެވެ. އަދި އޭނައަށް މަޢާފުކޮށްދިނުމަށް އެދި އޭނަ ދެން އެހެން
ނަހަދާނެކަމަށް ބައްޕަ ގާތު ބުނެވުނެވެ. އެއަށްފަހު އޭނަ ބައްޕަ ތާޒާވެލުމަށް
އެހީވެދީ ފަތިސް ނަމާދަށްޓަކައި ވުޟޫ ކުރުވިއެވެ. ބައްޕަ ނަމާދުކުރަން ފެށުމުން
މިފަހަރުވެސް ޝަރަފް ނަމާދުކުރާ ކަހަލަ ޚިޔާލެއް ނުކުރިއެވެ. އޭގެ ބަދަލުގައި
އޭނައަށް ދެން ގޯސްކޮށް ކުރެވިފައިހުރި ކަންތައް ރަނގަޅު ކުރަން ފެށިއެވެ. އެންމެ
ފުރަތަމަ ކަމަކަށް ބޮޑު ކޮޓަރި ސާފުކޮށް ހުރިހާ ފުޅިތަކެއް އޭނަ އުކާލިއެވެ.
އެއަށްފަހު އާހިލްގެ ގާތަށް ގޮސް އާހިލް ހިތްހަމަޖައްސާލުމަށްޓަކައި އޭނައާއި
ވާހަކަ ދައްކާ ސަމާސާކުރިއެވެ. އަދި އާހިލްއާއެކީ އެންމެންނަށް ސައި ތައްޔާރުކޮށް
ބައްޕަވެސް ގެނެސްގެން އެންމެން އެކީގައި ހެނދުނުގެ ނާސްތާކުރިއެވެ.
ނާސްތާއަށްފަހު ޝަރަފް ބޮޑުކޮޓަރި ތެރޭގައި އުޅެނިކޮށް ޓީވީ ރެކް ތެރޭގައި އޮތް
ނޫހެއް އޭނައަށް ފެނުނެވެ. ނޫހުގައި ހުޅުވިފައިވި ގަނޑުގައި އޮތީ ކޮންމެވެސް
ވަޒީފާގެ ފުރުޞަތެއްގެ ވާހަކައެވެ. އެއީ 'އެލެގެންޓް ހޯމްސް' ނަމަކަށް ކިޔާ
ކުންފުންޏެއްގެ އެގްޒެކިއުޓިވް އެސިސްޓެންޓެއްގެ މަޤާމެވެ. މުސާރަވެސް
ފުދޭވަރަކަށް ރަނގަޅުވުމުން ޝަރަފް ޝައުޤުވެރިވިއެވެ. އޭނަ ހަމަ ވަގުތުން ވަގުތަށް
އިންޓަވިއުއަށްދާން ބޭނުންވިއެވެ. ދޮންތަ ގެއަށް އައުމުގެ ކުރިން ވެސް ދޮންތަ
އުފާވާނެ ފަދަ ކަމެއް ކުރުމަށްޓަކައެވެ. އަދި އޭނަ ދޮންތައަށް ގެއްލުން ދިނުމުގެ
ބަދަލުގައި ދޮންތައަށް އެހީވާން ބޭނުންވާކަން ވެސް ދެއްކުމަށްޓަކައެވެ.
Comments
Post a Comment