Hiyaa (Part 14) - Blog post dhivehi



"ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަލޭގެފާނު ދޫކޮށްނުލައްވައެވެ. އަދި ނުރުހުންވެވޮޑިއެއް ނުގަންނަވައެވެ." ސޫރަތް އައްޟުޙާ، 3

 

ޟުޙާ ސޫރަތުގެ މި އާޔަތް ފެނުމުން އަޅުގަނޑުގެ ހަނދާނަށް އަންނަނީ ޔޫސުފް ޢަލައިހިއްސަލާމްގެ ވާހަކައެވެ. އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކަށް އެނގޭނެ ފަދައިން ޔޫސުފް ޢަލައިހިއްސަލާމް ވަނީ އެކަލޭގެފާނުގެ ޙަޔާތުގައި ވަރަށް ގިނަ އިމްތިޙާންތަކާއި ކުރިމަތިލައްވާފައެވެ.

 

އެންމެ ފުރަތަމަ އިމްތިޙާނެއްގެ ގޮތުން އެކަލޭގެފާނުގެ އަމިއްލަ ބޭބެމެންގެ ނަފްރަތާއި ޙަސަދައާއި ކުރިމަތި ލައްވަން އެކަލޭގެފާނަށް ޖެހިވަޑައިގަތެވެ. ބޭބެމެންނާއެކީ އުފާވެރި ދުވަހެއް ހޭދަކުރެއްވުމުގެ އުއްމީދުގައި އެ ބޭބެމެންނާއެކީ ވަޑައިގަތީ އެއީ ނުބައި ރޭވުމެއްކަން އެނގިވަޑައިގަތުމެއް ނެތިއެވެ. އެކަލޭގެފާނުގެ ބޭބެމެން އެކަލޭގެފާނު ވަޅަކާއި ދިމާލަށް ކޮއްޕަން ފެށުމުން އެކަލޭގެފާނަށް ލިބިވަޑައިގަންނަވާނެ ސިހުން ޚިޔާލަށް ގެންނާށެވެ. ވަޅުގެ އަނދިރިކަމުގެ ތެރެއަށް ވެއްޓިގެންދާ ވަގުތު އެކަލޭގެފާނަށް އިޙްސާސްވެ ވަޑައިގަންނަވާނެ ބިރުވެރިކަން ޚިޔާލަށް ގެންނާށެވެ. ވަޅުގެ ތެރޭގައި ވަނިކޮށް ދަތުރުކުރާ ބަޔަކު އެކަލޭގެފާނު ނަގައިގެން މިޞްރުގެ ޢަޒީޒަށް ވިއްކާލެވުނު ވަގުތު ހިތްޕުޅުގައި ވާނެ ނުތަނަވަސްކަން ޚިޔާލަށް ގެންނާށެވެ.

 

ޔޫސުފް ޢަލައިހިއްސަލާމްގެ މަޤާމުގައި އަޅުގަނޑުމެންގެ ތެރެއިން މީހަކުވި ނަމަ އެފަދަ ޙާލަތެއްގައި ހިތަށްއެރީހެވެ. އަހަރެންގެ ޙަޔާތުގައި މިފަދައިން ކަންތައް ވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާ އަހަރެންނަށް ނުރުހުންވެވޮޑިގެންވާތީވެއެވެ. މިހާ ގިނަ ދަތިތަކާއި ކުރިމަތިވާނީ ﷲ އަހަރެން 'ދޫކޮށްފައި' ވާތީވެއެވެ. އެހެނަސް ޔޫސުފް ޢަލައިހިއްސަލާމްގެ ވާހަކަ މިހާ ހިސާބަށް އައިތަނާހެން ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައި އޮތް ބަސްފުޅަށް ބައްލަވާށެވެ.

 

وَاللَّـهُ غَالِبٌ عَلَىٰ أَمْرِهِ

 

"...އަދި ﷲ އީ، އެކަލޭގެފާނުގެ ކަންތައްތަކުގެ މައްޗަށް ބާރުވެރިވަންތަ ރަސްކަލާނގެއެވެ..." ސޫރަތް ޔޫސުފް، 21

 

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވާ ގޮތުން އެ ޙާލަތުގައިވެސް ޔޫސުފް ޢަލައިހިއްސަލާމްގެ ހުރިހާ ކަމެއްގެ މައްޗަށް އެކަލާނގެ ބާރުވެރިކަން އެބައޮތެވެ. ޔޫސުފް ޢަލައިހިއްސަލާމް އެ އިމްތިޙާންތަކުގެ ތެރެއަށް ﷲ ދޫކޮށްލެއްވީއެއްނޫނެވެ. އެހެނެއްކަމަކު އެ ހުރިހާ ކަމެއް ނުހަނު ރޭވުންތެރިކަމާއެކީ ޔޫސުފް ޢަލައިހިއްސަލާމްއަށްޓަކައި ނިންމެވީއެވެ.

 

ވާހަކައިގެ ފަހުކޮޅުން ޔޫސުފް ޢަލައިހިއްސަލާމް އުޅުއްވަނީ އެ ޢަޒީޒްގެ ގޭގައި ކަން އަޅުގަނޑުމެންނަށް އެނގެއެވެ. ނުކުރާ ކުށެއްގެ އިލްޒާމެއްގެ ސަބަބުން ޔޫސުފް ޢަލައިހިއްސަލާމް ޖަލަށް ވަޑައިގަންނަވަން ޖެހިވަޑައިގަންނަވައެވެ. ކަންތައް މިހެން ނުވި ނަމަ ހުވަފެންތަކުގެ މާނަ ކިޔައިދޭން ނުހަނު މޮޅު މީހަކު ޖަލުގައި ހުންނެވި ކަމެއް ރަސްގެފާނަށް އެނގިނުލެއްވީހެވެ. އަދި އޭގެ ސަބަބުން ޔޫސުފް ޢަލައިހިއްސަލާމް މިޞްރުގެ ޚަޒާނާތަކުގެ ވެރިޔަކަށް ވެވަޑައިނުގަތީހެވެ. އަދި މުސްތަޤްބަލުގައި މިޞްރަށް އަންނާނެ ބަނޑުހައިހޫނުކަމުގެ ދުވަސްވަރަށްޓަކައި މިޞްރުގެ އިޤްތިޞާދު ދެމެހެއްޓޭނެ ފަދަ ރޭވުމެއް ޔޫސުފް ޢަލައިހިއްސަލާމްގެ ޒަރިއްޔާއިން ނުރޭވި މުޅި މިޞްރުގެ އިޤްތިޞާދު ނެތިދިޔައީހެވެ.

 

އެހެންކަމުން ލޮބުވެތި އަޚުންނާއި އުޚްތުންނެވެ. ދިރިއުޅުމުގައި ދަތި ދުވަސްތަކާއި ކުރިމަތިވިޔަސް އެއީ ﷲ ތިބާދެކެ ނުރުހުންވެވޮޑިގެންވާތީވެކަމަށް އަދި އެކަލާނގެ ތިބާ ދޫކޮށްލީ ކަމަށް ހީނުކުރާށެވެ. އެހެނެއްކަމަކު އެ ހުރިހާ އިމްތިޙާނަކީ މާ ބޮޑު ރޭއްވެވުމެއްގެ ކުޑަ ބައެކެވެ. ތިބާދެކެ އެންމެ ލޯބިވެވޮޑިގެންވާ ރަޙްމާންވަންތަ ރަސްކަލާނގެ ހަމައެކަނި ތިބާއަށްޓަކައި ރާއްވަވާފައިވި ރޭވުމެއްގެ ބައެކެވެ.

 

މާތް ﷲ އަޅަމެންނީ ދަތި ޙާލަތްތަކުގައި ވެސް އެކަލާނގެއަށް ވަކީލުކޮށް ސާބިތުކަން މަތީ ތިބޭ ބަޔަކު ކަމުގައި ލައްވާށި! އާމީން!

 

 

 

*************

'ހިޔާ' މި ވާހަކަ ތިރީގައިވާ ލިންކް އިން ކިޔޭނެ ވާހަކަ ދަންނަވަން

Comments

Popular posts from this blog

Arabic Pronouns (dhameer)

Harf of Nasb (English + Dhivehi)

Mudhaaf-mudhaaf ilaihi and pronouns (English lesson)