Hiya (part 4) - Blog post (Dhivehi)
'ޕްރިންސް ޗާރމިންގް'ގެ މަޢުޟޫއަށް އަޅުގަނޑު
އަލިއަޅުވާލަން ބޭނުންވީ ވަރަށް ސާދާ ސަބަބަކާ ހެދިއެވެ. އަޅުގަނޑުމެންގެ ތެރެއިން
ގިނަ މީހުންނަކީ އެ ނަން ދެވިފައިވާ ޝަޚްޞިއްޔަތު ހުރި ވާހަކަތައް ކިޔައި
ކާޓޫނުތަކާއި ފިލްމުތައް ބަލަމުން ބޮޑުވި މީހުންނެވެ. އަދި އަޅުގަނޑުމެންގެ
ތެރެއިން ގިނަ އުޚްތުންނަކީ އެ ކާޓޫނުތަކާއި ފިލްމުތަކުގެ ސަބަބުން ވަކި ގޮތަކަށް
ވިސްނުން ބައްޓަންވެގެން އައި އުޚްތުންނެވެ. (އަޅުގަނޑުވެސް ވާހަކައެވެ.) އެ
ވިސްނުމަކީ ނުހަނު ރީތި ފިރިހެނަކު ހުދުކުލައިގެ އަހެއްގައި އައިސް އަޅުގަނޑުމެން
'ސަލާމަތް' ކޮށްގެން ނުހަނު އުފާވެރި ދިރިއުޅުމެއްގައި އަބަދުގެ އަބަދަށް
ދިރިއުޅޭނެ ކަމުގެ ވިސްނުމެވެ.
އެހެނަސް ބޮޑުވަމުން އަންނަ ވަރަށް ޙަޤީޤީ ދިރިއުޅުން
އަޅުގަނޑުމެންނަށް ފަހުމްވެގެންދެއެވެ. ޙަޤީޤީ ދިރިއުޅުމުގައި ޝާހީ
ގަނޑުވަރުތަކާއި، އެ ގަނޑުވަރުތަކަށް ނިސްބަތްވާ ހުދުކުލައިގެ އަސްތަކާއި،
ކައިވެންޏަކަށް އަންހެން ކުއްޖަކު ހޯދަން އުޅޭ ރަސްގެފާނުގެ ދަރިކަލުންނެއް
ނުއުޅުއްވައެވެ. އެހެންކަމުން 'ޕްރިންސް ޗާރމިންގް' އެއް ހޯދުމުގެ ޚިޔާލުން
އަޅުގަނޑުމެން ދުރުވެގެންދެއެވެ. އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ އުޚްތުންގެ
ވިސްނުން ގެއްލުންދެނިވި ގޮތަކަށް ބަދަލުވެގެން ދަނީ އެ ޚިޔާލުން ދުރުވާ
ދުރުވުމަގައެވެ. އެހެނީ އެހާ ހިސާބުން އަޅުގަނޑުމެންނަށް ހީވަނީ އަޅުގަނޑުމެން
ކުޑައިރު ޚިޔާލު ކުރިހާ ފުރިހަމަ ފިރިހެނެއް ޙަޤީޤީ ދިރިއުޅުމުގައި ނުފެންނާނެތީ
އަޅުގަނޑުމެން ޖެހޭނީ ބައެއް ކަންތައްތައް 'ޤުރުބާން' ކުރަންހެންނެވެ.
އަޅުގަނޑުމެން އެގޮތަށް 'ޤުރުބާން' ކުރަން ނިންމާ ބައެއް ކަންތައްތަކެއްގެ
ސަބަބުން އަޅުގަނޑުމެންގެ ޙަޔާތަށް ވަރަށް ބޮޑު އަސަރެއް ކުރެއެވެ. އެގޮތަށް
ހެދުމުގެ ތެރޭގައި އަޅުގަނޑުމެންނަށް ބުނެވޭ ބައެއް ބަސްތަކަކީ މިއީއެވެ.
"އޭނައަކީ މުއްސަނދި ޢާއިލާއަކަށް ނިސްބަތްވާ
މީހެކެވެ. އެހެންކަމުން އޭނަ ވާހަކަ ދައްކާއިރު ދޭތެރެއަކުން ހުތުރު ބަސް
ބޭނުންކުރިޔަސް އަހަރެން އެއީ މާ ބޮޑުކަމަކަށް ހަދައިގެން ނުވާނެއެވެ. އެއްވެސް
މީހަކީ ފުރިހަމަ މީހެއްނޫނެވެ."
"އޭނަ އެހެން އަންހެން ކުދިންނާއެކީ މާ އެކުވެރިވެ
ގައިގޯޅިވިޔަސް ކޮންކަމެއް ހެއްޔެވެ؟ އޭނަ އަހަރެން ބޭނުންވާ ވަރަށް އަހަންނަށް
ސަމާލުކަން ދީ އަހަންނަށް ލޯބިދެއެވެ. އެހާވަރަށް ރަނގަޅުވާން އެއްވެސް މީހަކީ
މަލާއިކަތެއްނޫނެވެ."
"އޭނަ ދޭތެރެއަކުން ދޮގު ހެދިޔަސް މައްސަލައަކީ
ކޮބައިހެއްޔެވެ؟ އޭނަ ނުލާހިކު ރީތި ވެފައި މޮޅު ކާރެއް ދުއްވައެވެ. އޭނަ
ދޫކޮށްފިއްޔާ އަހަންނަށް ދެން އޭނަ ކަހަލަ މީހަކު ނުލިބިދާނެއެވެ."
އަޅުގަނޑުމެންނަށް ފުރިހަމަ ދިރިއުޅުމެއް ނުލިބޭނެތީ
އަޅުގަނޑުމެންގެ ތެރެއިން ގިނަ އުޚްތުން ނުފެންނަ ކަމަށް ހަދަނީ ދުވަހަކުވެސް ނުފެންނަ
ކަމަށް ހަދަން ނުޖެހޭ ކަންތައްތަކަށެވެ. މީގެ ސަބަބުން އަޅުގަނޑުމެން މުޅި ޢުމުރު
ދުވަހު ހިތާމަކުރަން ޖެހޭ ފަދަ ނިންމުންތައް ނިންމެއެވެ. އަޅުގަނޑުމެންގެ ޙަޔާތަށް
އެތައް ވޭންތަކެއް ގެނެސްދޭނެ މީހުން ޙަޔާތަށް ގެނެވެއެވެ.
އެހެންކަމުން 'ޕްރިންސް ޗާރމިންގް' ގެ ޝަޚްޞިއްޔަތަކީ
ޙަޤީޤީ ދިރިއުޅުމުގައި ފެނިދާނެ ޝަޚްޞިއްޔަތެއް ހެއްޔެވެ؟ މީގެ މަސްތަކެއް ކުރިން
އަޅުގަނޑާއި އެ ސުވާލު ކުރެވުނު ނަމަ އަޅުގަނޑު ބުނީހީ ނޫނެކެވެ. އެހެނަސް
ވޭތުވެދިޔަ މަސްތަކުގެ ތެރޭގައި 'ޕްރިންސް ޗާރމިންގް' ގެ ޝަޚްޞިއްޔަތާއިމެދު
ވިސްނިވިސްނުމުން އަޅުގަނޑަށް ކަމެއް ފާހަގަވިއެވެ. އެ ފާހަގަވި ކަމަކީ ޕްރިންސް
ޗާރމިންގް ޝަޚްޞިއްޔަތު އެހާ ރީތިވަނީ އޭނަގެ ސޫރައާއި މުދަލުގެ ސަބަބުންނެއް
ނޫންކަމެވެ. ޕްރިންސް ޗާރމިންގް ހުންނަ ވަރަށް ގިނަ ވާހަކަތަކުގައާއި
ފިލްމުތަކުގައި އެ ޝަޚްޞިއްޔަތު ޢާއްމު މީހެއްކަމަށް ހެދިގެން އުޅޭތަން ވެސް
އާދެއެވެ. އެ ޝަޚްޞިއްޔަތު ޙަޤީޤަތުގައި ރީތި ކުރުވާ ކަމަކީ އެ ޝަޚްޞިއްޔަތުގެ
އަޚްލާޤެވެ. އަޅުގަނޑު މިތަންކޮޅު ތަކުރާރު ކޮށްލާނަމެވެ. އެ ޝަޚްޞިއްޔަތު
ރީތިވަނީ އެ ޝަޚްޞިއްޔަތުގެ އަޚްލާޤުގެ ސަބަބުންނެވެ.
އެ ޝަޚްޞިއްޔަތުގެ އެ އުޅުމާއި އަޚްލާޤާއި މެދު ވިސްނި
ވަރަކަށް އަޅުގަނޑަށް އެހެންކަމެއް ފާހަގަވިއެވެ. އެ އުޅުމާއި ރަސޫލާ ޞައްލަ ﷲ
ޢަލައިހި ވަސައްލަމްގެ ސުންނަތާއި ހުރި އެއްގޮތްކަމެވެ. އަދި ހަމަ އެހެންމެ
ޤުރުއާނުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ސިފަކުރައްވާފައިވާ 'ޤައްވާމް' ގެ ސިފަތަކާއި
ވެސް ހުރި އެއްގޮތްކަމެވެ. އަޅުގަނޑުގެ ނަޒަރުން އެ ސިފަތަކާއި ރަސޫލާ ޞައްލަ ﷲ
ޢަލައިހި ވަސައްލަމްގެ ސުންނަތް އެ މަޝްހޫރު 'ޕްރިންސް ޗާރމިންގް' ގެ
ޝަޚްޞިއްޔަތަށް ވުރެ ވެސް ފުރިހަމައެވެ.
އެހެންކަމުން ލޮބުވެތި އުޚްތުންނެވެ! އެއްވެސް މީހަކީ
ފުރިހަމަވާނެ މީހެއް ނޫންކަމަށް ވިޔަސް ތިބާ ޙަޔާތުގެ ބައިވެރިއެއް ހޯދާއިރު ތިބާ
އުއްމީދު ކުރާ ފަދަ ފުރިހަމަ އަޚްލާޤެއް ނުފެންނަނީސް އެއްވެސް ވަރަކަށް
ޤުރުބާންކުރަން ޚިޔާލުވެސް ނުކުރާށެވެ. ތިބާގެ 'ސްޓޭންޑާޑް'ތައް ތިބާ މަތިކުރާށެވެ.
އެހެން ހެދުމުން ތިބާގެ ވަށައިގެން ތިބި މީހުންނަށް ތިބާގެ އަގަކީ ކޮބައިކަން
އެނގޭނެއެވެ. އަދި އެމީހުންވެސް ﷲ އާއި އެކަލާނގެ ރަސޫލާ (ޞ.ޢ.ވ) ދަސްކޮށްދެއްވި
އެ މަތިވެރި 'ސްޓޭންޑާޑް'ތަކުގައި ހިފަހައްޓަން މަސައްކަތްކުރާނެއެވެ. (އިން ޝާ ﷲ)
ނޯޓް: މި ވާހަކައިގައި 'ޤައްވާމް' (ޤުރުއާނުގައި
ފިރިހެނުން ސިފަކުރައްވާފައިވި ގޮތް) އެއްގެ ސިފަތައް އަޅުގަނޑު ކުރިން އަލި
އަޅުވާފައިނުވާ ފަދައަކުން އަލި އަޅުވާނެ ވާހަކަ ދަންނަވަމެވެ. ފިރިހެނެއްގެ
ކިބައިން އަޅުގަނޑުމެން އުއްމީދުކުރަންވީ ކޮންކަހަލަ ސިފަތަކެއްކަން
އަޅުގަނޑުމެންނަށް ސާފުވާނެ ފަދައިންނެވެ. (އިން ޝާ ﷲ)
'ހިޔާ' މިވާހަކަ ތިރީގައިވާ ސައިޓްއިން ކިޔާލަން ލިބޭނެ ވާހަކަ ދަންނަވަމެވެ.
Comments
Post a Comment