ޤަވާޢިދުތަކަށް ދިރުންދޭ އާޔަތްތައް
ސޫރަތުލް ކަހަފްގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ މޫސާ
ޢަލައިހިއްސަލާމްއާއި ޚިޟުރުގެފާނުގެ ވާހަކަ ވަޙީކުރައްވާފައެވެ.
(ތަފްޞީލުތަކަށްޓަކައި ކަހަފް ސޫރަތް ބައްލަވާ) އެ ވާހަކައިގެ އެންމެ ފަހަކަށް
ހިނގާ ކަންތަކުގެ ތެރެއިން މޫސާ ޢަލައިހިއްސަލާމްއާއި ޚިޟުރުގެފާނު ކޮންމެވެސް ރަށަކަށް
ދެއެވެ. އެ ރަށުގެ މީހުންނަކީ އެހާ ރަނގަޅު ބައެއް ނޫނެވެ. އެ ދެބޭކަލުން
ބަނޑުހައިހޫނުކަމުގައި ކާއެއްޗަކަށް އެދުމުން ކާއެއްޗެއް ދޭން އެ ރަށުގެ މީހުން
އިންކާރު ކުރިއެވެ.
ރަށުގެ ތެރެއިން ދެ ބޭކަލުން ހިންގަވާފައި
ވަޑައިގަންނަވަނިކޮށް ވެއްޓެން ކައިރިވެފައި ހުރި ފާރެއް ދެބޭކަލުންނަށް
ފެނިވަޑައިގަތެވެ. އެއްވެސް މީހަކު އެއްވެސް އެއްޗެކޭ ބުނުމެއްގެ ނެތި ޚިޟުރުގެފާނު
އެ ފާރު ސީދަލަށް ހުންނާނެހެން ރޭއްވެވިއެވެ. މި މަންޒަރު ފެނިވަޑައިގެން މޫސާ
ޢަލައިހިއްސަލާމް ދެންނެވިއެވެ. އެ މަސައްކަތަށްޓަކައި އުޖޫރައެއް ހޯއްދެވި ނަމައެވެ.
އެހެނީ އޭރު އެ ދެބޭކަލުންވެސް ވީ ފައިސާއަށް ނުހަނު ބޭނުންވެފައެވެ.
އެހިނދު ޚިޟުރުގެފާނު އެކަލޭގެފާނު މިހާތަނަށް ކުރެއްވި
ހުރިހާ ކަމެއްގެ ފަހަތުގައިވި ސަބަބުތައް މޫސާ ޢަލައިހިއްސަލާމްއަށް ކިޔައި
ދެއްވައެވެ. ތިރީގައި މިވާ ޢިބާރާތްކޮޅު ނެގިފައިވަނީ އެ ކިޔައިދެއްވި
ކަންތައްތަކުގެ ތެރެއިން އެންމެ ފަހު ކަމުގެ ތެރޭގައެވެ. އެ ފާރަކީ ދެ ޔަތީމު
ކުދިންނަށް ނިސްބަތްވާ ފާރެއްކަމަށް ޚިޟުރުގެފާނު ކިޔައިދެއްވިއެވެ. އަދި އެ
ފާރުގެ ދަށުގައި ކަންޒެއް (ޚަޒާނާއެއް) ފޮރުވިފައިވި ވާހަކަ ކިޔައިދެއްވިއެވެ. އެ
ފާރު ވެއްޓުނުނަމަ އެ ރަށުގެ މީހުންގެ ޒާތުން އެ މީހުން އެ ކަންޒު ފެނިފައި ވަގަށް
ނެގީހެވެ.
މި ވާހަކަ ކޮޅުގައި އެންމެ ފުރަތަމަ ޚިޟުރުގެފާނު
ބޭނުންކުރެއްވި ޢިބާރާތަކީ كَنْزُلَّهُمَا އެވެ. މީގެ މާނައަކީ އެ ކަންޒު ނިސްބަތް ވަނީ އެ
ދެމީހުންނަށެވެ. އެ ޢިބާރާތަކީ މުޟާފް-މުޟާފް އިލައިހިއެއް ކަމުގައި
ނުބެލެވޭނެއެވެ. އެހެނީ މުޟާފް-މުޟާފް އިލައިހިގެ ދެމެދަށް އެއްވެސް އެއްޗެއް
ނާންނާނެއެވެ. އެހެނަސް އެ ޢިބާރާތުގައި އިސްމް އާއި ގުޅިފައިވާ ޟަމީރުގެ
ދެމެދުގައި لَّ އެބައޮތެވެ.
އެ ފަހުން ޚިޟްރުގެފާނު ވިދާޅުވެއެވެ. ﷲ އިރާދަކުރެއްވީ
އެދެކުދިން ބާލިޣުވެ ފުރާ ފުރިހަމަވުމުން އެ ކަންޒު އެމީހުންނަށް ލިބުމަށެވެ. ހަމަ
އެ ވާހަކަކޮޅުގެ ތެރޭގައި ޚިޟުރުގެފާނު ބޭނުންކުރެއްވި ޢިބާރާތަކީ كَنْزَهُمَا (އެދެމީހުންގެ ކަންޒު) އެވެ. ތިބާއަށް ފާހަގަވާނެ
ފަދައިން މިއީ މިހާރު މުޟާފް-މުޟާފް އިލައިހި ޢިބާރާތެކެވެ. އެ ވާހަކަކޮޅުގެ
ތެރެއިންވެސް އެދެކުދިން ފުރާ ފުރިހަމަވުމުން އެ ދެކުދިންނާއި އެ ކަންޒާއި ދެމެދު
ދުރުމިނެއް ނެތްފަދައެވެ. އެދުވަހަކުން އެދެކުދިން އެ ކަންޒާއި ވަކި ނުކުރެވޭނެއޭ
ބުނެވޭ ފަދައަކުންނެވެ. ސުބްހާނަ ﷲ! މާތް ﷲ ގެ ބަސްފުޅުގެ ފުރިހަމަކަމުގެ
ދަރަޖައަކީ މިއީއެވެ. އެކަލާނގެ ބަސްފުޅު ފަހުމްވުމަށްޓަކައި ޢަރަބި ދަސްކުރަންވީ
މިހެންވީމައެވެ.
*އުސްތާޒް
ނުޢުމާން ޢަލީ ޚާންގެ ޢަރަބިކް ވިތް ޙުސްނާ އިން ނެގިފައި
Comments
Post a Comment