حَرف جَر
حَرف
جَر
بِ تَ كَ لَ وَ مِنْ فِي عَنْ عَلَى حَتَّى إِلَى
މުޟާފް-މުޟާފް އިލައިހިއަށްފަހު މިއަދު އަޅުގަނޑުމެން
ބަލާލާނީ 'ޖާރް-މަޖްރޫރް' ނަމަކަށް ކިޔާ ޢިބާރާތަކަށެވެ.
މި ޢިބާރާތާއި ބެހޭގޮތުން ދަސްކުރުމަށްޓަކައި މަތީގައިވާ
ޙަރްފުތައް އެނގުން މުހިއްމެވެ.
މި ޙަރްފްތަކަކީ އެހެން ބަހަކާއި ނުގުޅޭނަމަ މާ ބޮޑު
މާނައެއް ދޭހަކޮށްދޭ ބަސްތަކެއްނޫނެވެ.
ޙަރްފްއެއްގައި ކުރިން އަޅުގަނޑުމެން ބަލާލި
ސިފަތަކެއްވެސް ނުހުރެއެވެ. (މަޤާމް، ޢަދަދު، ޖިންސު، ވައްތަރު)
ޙަރްފް ޖަރްގެ ފަހަތަށް އަންނަ ބަސް އަބަދުވެސް އޮންނާނީ
ޖަރްގެ މަޤާމުގައެވެ. ތިރީގައި މި ވަނީ އޭގެ މިސާލުތަކެވެ.
މިސާލު 1: أَعُوْذُ
بِاللّهِ
بِ އައިފައި އެވަނީ ﷲ އެ ބަސްފުޅުގެ ކުރިއަށެވެ. 'ﷲ' މި
ބަސްފުޅު އިބިފިލިން ނިމިފައިވަނީ ޙަރްފް ޖަރްއެއް އޭގެ ކުރީގައި އޮތީމައެވެ.
މި ޙާލަތުގައި بِ ވާނީ 'ޖާރް' އަށެވެ. އަދި 'ﷲ' މި ބަސްފުޅު ވާނީ
'މަޖްރޫރް' އަށެވެ.
މިސާލު 2: مِنَ
الشَّيْطَانِ
مِنْ އަކީ ޖާރް އެވެ.
الشَّيْطَانِ އަކީ މަޖްރޫރްއެވެ.
މިސާލު 3: بِسْمِ
اللّهِ
بِ
އަކީ ޖާރްއެވެ.
إِسْم
އަކީ މަޖްރޫރްއެވެ.
ތަމްރީން 1: ތިރީގައިވާ ޢިބާރާތްތަކުން ޖާރް އާއި މަޖްރޫރް
ފާހަގަކޮށް ވަކިން ލިޔޭ!
لِلّهِ
ޖާރް –
މަޖްރޫރް –
فِيْهِ
ޖާރް –
މަޖްރޫރް –
عَلَيْكُمْ
ޖާރް –
މަޖްރޫރް –
لِرَبِّكَ
ޖާރް –
މަޖްރޫރް –
ޖަވާބުތައް:
لِلّهِ
ޖާރް – لِ
މަޖްރޫރް – ﷲ މި ބަސްފުޅު
فِيْهِ
ޖާރް – فِي
މަޖްރޫރް – هِ
(މިއީ هُوَ ގެ ނަޞްބް ނޫނީ ޖަރް ވައްތަރެވެ. އެހެނަސް މި ޙާލަތުގައި
މި ބަސްވަނީ ހަމަ ޔަޤީނުންވެސް ޖަރްގެ މަޤާމުގައެވެ. ޙަރްފް ޖަރްއެއްގެ ފަހަތަށް
މީތި އައުމުންނެވެ.)
لِرَبِّكَ
ޖާރް – لِ
މަޖްރޫރް – رَبِّ
ޙަރްފް ޖަރްތަކުގެ މާނަތައް:
ޙަރްފް ޖަރްތަކުގެ މާނަތައް ޙާލަތަކާއި ގުޅިގެން
ބަދަލުވެއެވެ. ތިރީގައި މިވަނީ ޢާއްމުގޮތެއްގައި އެ ޙަރްފްތަކުގެ މާނަ އަންނަ
ގޮތެވެ.
بِ
– އެކީގައި
މިސާލު: بِسْمِ
اللّهِ (ﷲ ގެ ނަންފުޅާއި އެކީގައި)
تَ
– ގަންދީ
މިއީ ހަމައެކަނި ﷲ ގެ ނަންފުޅުން ހުވާކުރަން ޚާއްޞަ
ޙަރްފްއެވެ.
މިސާލު: تَاللّهِ
(ﷲ ގަންދީ)
كَ
– ގޮތަށް
މިސާލު: كَوَلَدٍ
(އެކުއްޖާ ގޮތަށް)
لَ ނޫނީ لِ – މި ދެބަހުގެ ވެސް މާނަ އަންނާނީ މިވެނި ކަމަކަށް
'ޓަކައި' ބުނުމަށެވެ.
ޟަމީރުތަކާއެކީ ބޭނުން ކުރާނީ لَ
އެވެ. މިސާލު: لَكُمْ
(ތިޔަބައިމީހުންނަށްޓަކައި)
އެހެން ހުރިހާ ޙާލަތެއްގައި ބޭނުންކުރާނީ لِ އެވެ. މިސާލު: لِلّهِ
(ﷲ އަށްޓަކައި)
وَ – (ގަންދީ)
تَ ޔާއި ޚިލާފަށް ﷲ ފިޔަވައި އެހެން އެއްޗެހި ގަންދީ
ހުވާކުރަން ވެސް وَ ބޭނުންކުރެވެއެވެ.
މިސާލަކަށް: وَالْعَصْرِ (ޒަމާން ގަންދެއްވަމެވެ)
ނޯޓް: ﷲ ފިޔަވައި އެހެން އެއްޗެހި ގަންދީ ހުވާ ކުރުމަކީ
ޙަރާމްކަމެކެވެ. އެ ޙައްޤު ލިބިގެންވަނީ ހަމައެކަނި ﷲ ސުބުޙާނަހޫ ވަތަޢާލާއަށެވެ.
مِنْ
– ފަރާތުން/ޙަޟްރަތުން
މި ބަސް އެހެން ބަހަކާއި ގުޅިގެން އަންނައިރު ن ގެ މަތީގައި އޮންނާނީ އަބަފިލިއެކެވެ.
މިސާލު: مِنَ
اللّهِ (ﷲ ގެ ޙަޟްރަތުން)
فِي
- ތެރޭގައި
عَنْ
– ބެހޭގޮތުން
މި ބަސް އެހެން ބަހަކާއި ގުޅިގެން އަންނައިރު ن ގައި އޮންނާނީ އިބިފިލިއެކެވެ.
މިސާލު: عَنِ
الْمُجْرِمِيْنَ (މުޖުރިމުންނާއި ބެހޭގޮތުންނެވެ.)
عَلَى
– މަތީގައި/މައްޗަށް
ޟަމީރްއަކާއި ގުޅިގެން އަންނައިރު މި ޙަރްފް ކިޔާނީ
'ޢަލައި' މިހެންނެވެ.
މިސާލު: عَلَيْكَ (ތިބާގެ މައްޗަށް)
حَتَّى – ޖެހެންދެން
إِلَى – ދިމާލަށް/އަށް
ޟަމީރްއަކާއި ގުޅިގެން އަންނައިރު މި ޙަރްފް ކިޔާނީ
'އިލައި' މިހެންނެވެ.
މިސާލު: إِلَيْهِ (އޭނައާއި ދިމާލަށް/އޭނައަށް)
Comments
Post a Comment