Hadhiya (part 6)


"މިޒް..." ޝަހާނީ އެހެން ބުނެލުމާއެކު މިރްޒާންގެ ދެލޯ ބޮޑުވެ މުޅި މީހާ ގަނޑުވެގެން ދިޔައެވެ. އޭނައަށް ޝަހާނީއާއި ދިމާލަށް ބަލާލެވުނީ ކުއްލިއަކަށެވެ. ކުރިމަތިން ޝަހާނީ ފެނުނެއްކަމަކު މިރްޒާންގެ ލޮލަށް ސިފަވަމުން ދިޔައީ އެހެން ސޫރައެކެވެ. ކަންފަތުގައި ގުގުމަން ފެށީ މީގެ އެތައް އަހަރެއް ކުރިން އޭނަ މަސްތުކުރުވި ޖާދުވީ ހުނުމުގެ އަޑެވެ. އެ ހުނުމުގެ ތެރެއިން ދެންމެ އޭނައަށް ގޮވާލެވުނު ނަމުން އޭނައަށް ގޮވާލެވުނު އަޑެވެ. ހަމަ އެއާއެކު އޭނަގެ މޭގައި އުފެދުނު ތޫނު ރިހުމަކާއެކީ އޭނަގެ ދެލޯ ރަތްވިއެވެ. އެ ރިހުމާއެކީގައިވެސް އޭނަގެ ދެބުމަ ކައިރިވީ ކަމަކާމެދު ވިސްނެން ފެށުމުންނެވެ. އޭނަގެ ޙަޔާތުގައި ވެސް އޭނައަށް އެ ނަމުން ގޮވާފައިވަނީ އެންމެ މީހެކެވެ. ވީއިރު ޝަހާނީ ދެންމެ އޭނައަށް އެފަދައިން ގޮވާލީ ކީއްވެ ހެއްޔެވެ؟ މިއީ އިއްތިފާޤަކަށް ވެދާނެ ހެއްޔެވެ؟ އެހެނަސް ޝަހާނީގެ މޫނުމަތީގައިވި ކުލަވަރުން މިއީ އިއްތިފާޤަކަށް ނުވާނެކަން މިރްޒާނަށް ޔަޤީނާއި ގާތް ކުރެވުނެވެ. ނަމަވެސް އެހެންވާންވީ ކީއްވެ ހެއްޔެވެ؟ މާޖިދު ވާހަކަ ދައްކަން ފެށީ މިރްޒާން އެ ފަހު ސުވާލާއިމެދު ވިސްނަމުން ދަނިކޮށެވެ.

"ހެހެހެ.....މާ ރީތި ނަމެއް ދެއްތޯ ޝަހާނީ ތި ހެއްދެވީ؟ ދަންނަވަންތޯ މިރްޒާނަކީ ވެސް ކުރިން މި ޗެނަލްގެ ސީނިއާރ ޖާނަލިސްޓެއް. އެކަމަކު ޕާސަނަލް ޗޮއިސްއަކުން މިހާރު އެކަމުން ދުރުވެ ޑިރެކްޓްރީގެ ތެރެއަށް ވަދެގެން އުޅެނީ. އެހެންޏާ މިރްޒާނަކީ މުޅި މި ކުންފުނިން ވެސް ހޮވާލެވޭ ވަރުގެ ޖާނަލިސްޓެއް." މާޖިދު މިރްޒާންގެ ވާހަކަ ތަފްޞީލުކޮށް ކިޔައިދިނީ ޝަހާނީ ވަންނަން އުޅޭ ދާއިރާއާއި އެއް ދާއިރާއެއްގައި އޭނަ މަސައްކަތް ކޮށްފައިވާތީވެއެވެ. އެހެނަސް މިރްޒާން އެކަމާމެދު ނުރުހުންވިއެވެ. މާޖިދު ދެންމެ ކިޔައިދިން ވާހަކަތަކުން އޭނަ އެއްގޮތަކަށްވެސް ހަނދާންކުރަން ބޭނުންނުވާ ދުވަސްތައް ހަނދާންވެގެން ދިޔުމުންނެވެ. އަދި އެހެންނޫނަސް އޭނަގެ ޒާތީ ވާހަކަ މި ބީރައްޓެހި އަންހެން މީހާއާއި ޙިއްސާކުރަން ނުޖެހޭނެކަމުގެ ޚިޔާލުންނެވެ.

"ތެދެއް؟ ކީއްވެބާ މި ފީލްޑުން ދުރުވެލީ؟ އައި ސީރިއަސްލީ ވަންޑާ! އެނީވޭސް، ވީ ވިލް މީޓް އެންޑް ޓޯކް މޯ، ދޯ؟ ނެކްސްޓް!" ޝަހާނީ ބައްދަލުކުރާނެ ވާހަކަ ބުނުމުން މިރްޒާން އެއަށް ވަރުގަދަ ރައްދެއް ދޭން ބޭނުންވިއެވެ. އޭނަ ވަކި ހިލޭ އަންހެނަކާއެކީ ވަކިން ބައްދަލުކުރަން ޝައުޤުވެރިއެއްނުވާ ވާހަކަ އަންގަން ބޭނުންވިއެވެ. އެހެނަސް އެވަގުތު އޭނައަށް މާ ބޮޑަށް ރުޅި އިސްކުރެވިދާނެތީވެއާއި ޝަހާނީ އޭނަގެ ކައިރީގައި ހުރި ޒުވާނާއަށް ބަލާލުމުން މިރްޒާން އަމިއްލަ ނަފްސު ހަމައަކަށް އެޅުވޭތޯ ބެލިއެވެ. ނަމަވެސް އޭނައަށް ދެންވެސް އޭނަގެ ހިތަށް ދެންމެ ވެރިވި ސުވާލުތަކާމެދު ހުއްޓުމެއްނެތި ވިސްނެމުންދިޔައެވެ. ސިކުނޑިއަށް ވެރިވަމުން ދިޔަ ޚިޔާލުތަކުން އޭނަގެ ނާރުތަކަށް ވާންވަމުން ދިޔަހެން އޭނައަށް ހީވިއެވެ. މީޓިންގް ނިންމުމަށްފަހު އާތިފް އޭނަގެ ފަހަތުން ދަމުން އެއްޗެކޭ ބުނުމުން އޭނައަށް ސަމާލުކަމެއް ނުދެވުނީވެސް އެހެންވެއެވެ.

މުޅި އެދުވަހު އައްޒާމްގެ ސިކުނޑިވެސްވީ ކަންބޮޑުވުމެއްގެ ތެރޭގައެވެ. އެދުވަހު މެންދުރު ނަމާދަށް ދިޔުމަށްޓަކައި މަރުކަޒުގެ ކައިރީގައި އޮތް ކާރަށް އެރީއްސުރެ، އެރެއާއި ޖެހެންދެން ވެސް އޭނައަށް ވިސްނެމުން ދިޔައީ އެންމެ މީހަކާއި މެދުގައެވެ. މާޝާއާއި މެދުގައެވެ. ކޮޓަރީގެ މޭޒުދޮށުގައި އޭނަގެ ލެޕްޓޮޕުން މަސައްކަތެއް ކުރަން އިނދެ އޭނައަށް ޓައިޕްކުރުން ހުއްޓާލަމުން ކީބޯޑު މަތީގައި އޭނަގެ ދެއަތް ބާއްވާލެވުނީ، އޭނައަށް ރަނގަޅަށް ނުވިސްނޭހެން ހީވުމުންނެވެ. ސައިޓެއް ހެދުމަށްޓަކައި ލިޔަން ފަށާފައިވި ކޯޑު ލެޕްޓޮޕްގެ ސްކްރީނުން ފެންނަމުން ދިޔައިރު، މި ވޭތުވި ބައިގަޑިއިރު ތެރޭގައި އޭނައަށް ލިޔެވުނު ކުރު ތަންކޮޅުވެސް ލިޔެވިފައިވީ ގޯހުންގޯހަށްކަން އެނގުންވުމުން އައްޒާމަށް ޗޮއްކަނޑާލެވުނެވެ. އަމިއްލަ ނަފްސަށްވީ ނުރުހުމުގައި އޭނަ ހުރިހާ އެއްޗެއް އެކީގައި ފޮހެލަމުން ލެޕްޓޮޕް ލައްޕާލިއެވެ. އެއަށްފަހު ގޮނޑިން ތެދުވެ ލަސް ހިނގުމެއްގައި ގޮސް އެކޮޓަރީގައި ހުރި ކުޑަދޮރު ބަރީގެ ކައިރީގައި ގޮސް މަޑުކޮށްލިއެވެ. އަދި ކުޑަދޮރެއްގެ ތިރީގައި އަތް ވިއްދާލަމުން ބޭރަށް ނަޒަރު ހުއްޓާލިއެވެ. ގެސްޓް ހައުސް ހުރި ހިސާބެއްގެ ސަބަބުން އެ ކުޑަދޮރުގެ ބޭރުން ފެންނަމުން ދިޔައީ އަތިރިމަތީގެ ހިތްގައިމު މަންޒަރެވެ. ރާޅުތައް ބީއްސާ އަޑުން އައްޒާމަށް ހިތްހަމަޖެހުމެއް ލިބުނު ވަގުތަކީ ފިނި ވައިރޯޅިއެއް އައިސް އޭނަގެ ހަށިގަނޑުގައި ބީހިލީ ވަގުތުވެސްމެއެވެ. އެވަގުތުކޮޅުގައި ޤައިދުވެލަން އެދެމުން އައްޒާމަށް ދެލޯ މަރާލެވުނެވެ. ލައްޕާލެވުނު އެސްފިޔަތަކުގެ ދޭތެރެއިން މިއަދު ހިނގި ކަންތައް ފެންނަން ފެށިހެން އައްޒާމަށް ހީވިއެވެ. މާޝާ ސައިކަލުން ވެއްޓުނު މަންޒަރެވެ. އެއަށްފަހު އެންމެން ދިޔުމުން މާޝާ އެކަނިމާއެކަނި ތެދުވަން އުޅުނު ގޮތެވެ. އޭނަ މާޝާގެ ކައިރިއަށް ދިޔުމުން މާޝާ އޭނައަށް ބަލަހައްޓައިގެން އިން ގޮތެވެ. އޭގެފަހުން އޭނަ ތެދުވެވޭތޯ އެހުމުން ވެސް މާޝާ ހިތްވަރު ކޮށްފައި އަމިއްލައަށް ތެދުވުނު ގޮތެވެ. ވެއްޓެން އުޅުމުން ވެސް އަމިއްލައަށް އަމިއްލަ ނަފްސު ހަމައަކަށް އެޅުވި ގޮތެވެ. ކާރު ތެރޭގައި ވެސް މާޝާ އިން ހަމަހިމޭންކަމެވެ.

އައްޒާމަށް ކުއްލިއަކަށް ލޯހުޅުވާލެވުނީ މާޝާގެ ބައްޕަގެ ހަރުއަޑު އޭނަގެ ކަންފަތުގައި ގުގުމަން ފެށިހެން ހީވުމުންނެވެ. އެހިނދު އޭނަގެ މޫނުމައްޗަށް ވެރިވީ މިއަދު މަރުކަޒުގައި ހުއްޓާ އެ މަންޒަރު ފެނުނު ހިނދުވެސް އެ މޫނުމައްޗަށް ވެރިވި ކުލަވަރެވެ. އެއާއެކު އޭނައަށް ހާސްވަނަ ފަހަރު މާޝާގެ ބައްޕަ އެ ހެދިގޮތާއިމެދު ތަފްޞީލުކޮށް ވިސްނެންފެށިއެވެ. މާޝާ އެކްސިޑެންޓެއްވީ އޭނަ ފިރިހެން ކުއްޖެއްގެ ފަހަތަށް އަރައިގެން ދުއްވާފައި ދަނިކޮށްކަން އައްޒާމަށް އެނގުންވެގެން ދިޔައީ މާޝާގެ ބައްޕަ އެ ދެއްކި ވާހަކަތަކުންނެވެ. އެއާއެކު އޭނަގެ ހިތުގައި މާޝާއަށް ދެވިފައިވި ޤަދަރަށް ކިލަނބުކަމެއް އައެވެ. އެހެނަސް އެންމެންގެ ކުރިމަތީގައި މާޝާގެ ބައްޕަ އެހެދީ ރަނގަޅަކަށް ނޫންކަމަށްބުނެ އޭނަގެ ހިތް ހަޅޭއްލެވިއެވެ. އެވަގުތުވެސް އެ ބަސްތައް ހިތަށް ވެރިވުމުން އައްޒާމް ޚުދު އޭނަގެ އަމިއްލަ ޙަޔާތުގައި ވޭތުވި ދުވަހެއްގެ މަތިން ހަނދާންވިއެވެ.

"ޑޭޑް މި ގަނޑު ޒާމް ނެގިޔަސް ރަނގަޅުތަ؟" 6 އަހަރުގެ އައްޒާމް އޭނަގެ ބައްޕަގެ ކިޔަވާ މޭޒުދޮށުގައި ހުރި ގަނޑުތަކެއްގެ ތެރެއިން ގަލަމުން އެކި ތަންތާނގައި ކުރަހާފައި އޮތް ގަނޑެއް ނަގަމުން އަހާލިއެވެ. އޭރު ކިޔަވާ މޭޒާއި ޖެހިގެން އެއްފަރާތެއްގައި ހުރި ކޮމްޕިއުޓަރު ދޮށުގައި އިން އައްޒާމްގެ ބައްޕަގެ ފުރަގަސްވީ އޭނައަށެވެ.

"އާނ ނަގާ." ބައްޕަ އެހެން ބުނެލީ އޭނައަށް ކަޅިއެއް ދީފައި މާ ބޮޑު ސަމާލުކަމެއް ނުދީއެވެ. އެފަދަ ކަންކަމަށް އަދާވެފައިވި އައްޒާމް ހިނިތުންވެލީ އޭނައަށް ގަނޑެއް ލިބުމުންނެވެ. ނޭނގުމެއްގެ ތެރެއިން އޭނައަށް އެ ގަނޑުވެސް ބޭނުން ކުރެވެން ފެށީ އޭނަގެ ބައްޕައާއި މަންމަގެ ސަމާލުކަން އޭނައަށް ލިބިދާނެ ކަމެއް ކުރުމަށެވެ. އޭނައަށް އެންމެ ފަހަކަށް މޮޅުކަމެއްގެ ގޮތުގައި ދަސްވެފައިވަނީ ގަނޑުން ފްލައިޓް ހެދުމެވެ. އެހެންކަމުން އޭނަ އޭނައަށް ލިބުނު ގަނޑުން އެ ހުރިތާ ހުރެ ފްލައިޓެއް ހަދައި އޭނަ ގެނައި ކުލަ ފަންސުރުކުލަ ދަޅުގެ ތެރެއިން ކުލައަކުން އޭގައި 'މަމް' އޭ ޖެހިއެވެ. މަންމަ އެރޭގެ އެ ވަގުތުގައި ހުރީ އޮފީސް ޕާޓީއަކަށް ގޮސްފައިކަން ހަނދާންވީ އޭތި ލިޔެ ނިމުނު ފަހުންނެވެ. އެހެންކަމުން އޭނަ ހަމަ އެވަގުތު ބައްޕައަށްޓަކައި އެހެން އެއްޗެއް ހަދަން ބޭނުންވިއެވެ. މަންމައަށް ދީފައި ބައްޕައަށް ނުދީފިނަމަ ބައްޕަ މާ ދެރަވެދާނެކަމަށް ހީކުރެވުމުންނެވެ. އެހެންކަމުން އޭނަ އެ މޭޒުމަތިން އެހެން ގަނޑެއް ނެގިއެވެ. އޭގައި ޕްރިންޓް ކުރެވިފައިވި ލިޔުމެއްވިއެވެ. އޭތި ނަގަމުން އައްޒާމަށް އަނެއްކާވެސް ވާހަކަ ދެކެވުނެވެ.

"ޑޭޑް މީތި ވެސް ނަގަނީ އިނގޭ؟" އައްޒާމް އެހެން އަހާލީ އެ ގަނޑު ހިއްލައި ދެއްކޭތޯ މަސައްކަތް ކުރަމުންނެވެ. މިފަހަރު ބައްޕަ އޭނައަށް ބެލުމެއްވެސް ނެތި ހޫންލައްވާލިއެވެ. އައްޒާމް ދެންވެސް އެ ގަނޑަށް ބަލާފައި ޔަޤީންކުރުމުގެ ގޮތުން ބައްޕަގެ މޫނު ފެންނާނެހެން މޭޒުގެ އަނެއްކޮޅަށް ދިޔައެވެ.

"ބަލާބަ ޑޭ...." އައްޒާމްގެ ވާހަކަ ފުރިހަމަ ނުވަނީސް އޭނަގެ ބައްޕަގެ ރުޅިވެރި އަޑުއިވުނެވެ.

"ޕިސް! އަޑު ނުއިވެނީތަ ނަގާށޭ ބުނީމަ؟ ގެޓް ލޮސްޓް!" ބައްޕަ ރުޅިވެރިކަމާއެކީ އެންމެ ފަހުން ބުނި ބަސްތަކުގެ މާނައެއް އައްޒާމަކަށް ނޭނގުނެވެ. އެހެނަސް ބައްޕަ އޭނައަށް ނުރުހުންވެއްޖެކަން އެނގުންވުމުން އައްޒާމް ލަސް ހިނގުމެއްގައި ގޮސް އޭނަ ކުރީގައި ހުރިތަނަށް ދިޔައެވެ. އަދި ނުހަނު ގަޔާވެގެން ހުރެ އޭނަގެ ބައްޕައަށްޓަކައި ފްލައިޓެއް ހަދައި 'ޑޭޑް'އޭ ލިޔެލިއެވެ. އެއަށްފަހު އެ ފްލައިޓް ބައްޕަގެ މޭޒުމަތީގައި ބާއްވަމުން އުޖާލާވި ހިނިތުންވުމަކާއެކީ ބައްޕައަށް ބަލާލީ، ބައްޕަ މަސައްކަތް ނިންމާފައި އޭތި ފެނުމުން ނުހަނު އުފާވެގެން އޭނަ ބައްދާލާނެ ކަމުގެ އުއްމީދުގައެވެ. އައްޒާމް އެވަގުތު ކިޔަވާ ކޮޓަރިން ނިކުމެގެން ދިޔައީ އޭގެ ސަބަބުން ބައްޕަގެ ރުޅިވެސް ފިލައިދާނެކަން ޔަޤީންކުރަމުންނެވެ. އެހެނަސް އޭގެ ގަޑިއިރެއްފަހުން އޭނަ ކޮޓަރީގައި އިންދާ ބައްޕަ ކުއްލިއަކަށް އައިސް ކޮޓަރީގެ ދޮރު ހުޅުވާލި ގޮތުން އައްޒާމްގެ މޭގަނޑު އަތަށްއައެވެ.

"ކަލޭތަ މި އެގްރިމެންޓުގެ އެންމެ މުހިއްމު ގަނޑު ގުޅައަކަށްލީ؟" ބައްޕަ އެހެން އަހާލި ހަރުއަޑުން އައްޒާމްގެ ޅަ މޭގަނޑު ރޫރޫއެޅިއެވެ. ހިނދުކޮޅެއްގެ ތެރޭގައި އޭނަގެ ލޯ ކަރުނުން ފުރިގެން ދިޔައެވެ. ބައްޕަގެ އަތުގައި އޭނަ ބައްޕައަށް ދިން ހަދިޔާ ނިއުޅާލެވިފައިވި ގޮތުން ދެރަވީ ވަގުތު ކުއްލިއަކަށް ބައްޕަ އައިސް އޭނަގެ އަތުގައި ހިފައި ތެދުކޮށް ދަމަމުން ކޮޓަރިން ނެރެ ސިޓިންގް ރޫމަށް ގެންދިޔައެވެ. އެވަގުތު ބައްޕައާއި ބައްދަލުކުރަން ކޯޓު ފަޓުލޫނުގައި އައިސްފައި ތިބި ޢިއްޒަތްތެރިންގެ ނަޒަރު ވެސް އޭނައަށް އަމާޒުވެގެން ދިޔައެވެ. އެމީހުން ފެނިފައި ވީ ޖެހިލުންވުމާއި ގަތް ލަދެއްގެ ސަބަބުން އޭނަ އެތަނުން ދާން ބޭނުންވިއެވެ. އެހެނަސް.....

"މީނަގެ ސަބަބުން މިއަދު އެ ކޮންޓްރެކްޓް އާ ނުކުރެވޭނީ. މި ހުރިހާ އެންމެންނަށް ކަލޭ މަޢާފަށް އެދެންވީ ހަމަ މިވަގުތު!" ބައްޕަ އެތާތިބި ހުރިހާ މީހުންނަށް ޢިޝާރާތްކުރުމުން އޭނައަށް އެ އަމުރު ކުރިއެވެ. މިއީ ބައްޕަ ގިނަ ބައެއްގެ ކުރިމަތީގައި އޭނައާއި ދިމާލަށް އެއްޗެހި ގޮވި ފުރަތަމަ ފަހަރެވެ. އެހެންކަމުން ޢާއްމު ގޮތެއްގައި ބައްޕަ އޭނައަށް އެއްޗެހި ގޮވުމުން ނުކުރެވޭ އިޙްސާސްތަކެއް ކުރެވުނެވެ. އިންތިހާއަށް ލަދުގަތް ވަގުތު އޭނައަށް އިސްއުފުލާލަން ވެސް ނުކެރުނެވެ. އޭނަގެ އަމިއްލަ ބައްޕަ އެންމެންގެ ކުރިމަތީގައި އޭނަ ގޯސްކުރުމުން މޭތެރޭގައި އޮވެ ބާރަށް ތެޅެމުން ދިޔަ ހިތުގައި ވޭންވެސް އަޅަމުން ދިޔައެވެ. ބައްޕަ ބުނި ގޮތަށް ހަދަން ނުކުޅެދުނީ އޭނަގެ އަރު ބެދުމުންނެވެ.

"އަޑެއް ނުއިވެނީތަ މަ ބުނި އެއްޗެއްގެ އަޑު؟!" ބައްޕަ ގުދުވެ އޭނަގެ ކަންފަތާއި ކައިރިވެ އެހެން ބުނުމުން ލިބުނު ސިހުމާއެކީ އޭނައަށް ވާހަކަ ދެކެވުނެވެ.

"ސް....ސޮރި...ރީ." ކުރުވެފައިވީ ނޭވާގެ ސަބަބުން އޭނައަށް އެހެން ބުނެވުނީ ކެނޑިކެނޑިގެންނެވެ. އެއާއެކު ކުއްލިއަކަށް ހަރުއަޑުން ބާރަށޭ ބައްޕަ ބުނެލި އަޑަށް އަނެއްކާވެސް ސިއްސައިގެން ދިޔަ ވަގުތު އޭނަގެ ސޯޓު ތެމުނެވެ. އެއާއެކު އައްޒާމަށް ރޮވެން ފެށުމުން ބައްޕަ އިހުނަށްވުރެ ބޮޑަށް ރުޅިއައިސްގެން ކިޔަން ފެށި އެއްޗެހި އޭނައަކަށް ނުވެސް އިވުނެވެ. އިވުނުހާ ވެސް އެއްޗަކީ މި 'ނަޖިސްއެތި' ދުރަށް ގެންދިޔުމަށް ގޭގެ މަސައްކަތު ދައްތަ ކައިރި އެދުނު އެދުމެވެ.

އެ ދުވަސްފަހުން އެތައް އަހަރެއް ވޭތުވިއެއްކަމަކު އެ ދުވަހުގެ ހަނދާންތައް އައްޒާމްގެ ސިކުނޑީގައި ބިންވަޅު ނެގިފައިވެއެވެ. އެދުވަހުގެ ހަނދާންތައް އިއްޔެވީ ކަމެއްހެން އާވެ އޭނަގެ ލޯ ކަރުނުން ވިދަން ފެށީ އެހެންވެއެވެ. އައްޒާމް ހުރިގޮތަށް ކުޑަދޮރު ކައިރީގައި ހުއްޓާ ކާފަ ގޮވާލި އަޑު އިވުނެވެ.

"އައްޒާމް! ހެހެ......މާ ރީތި މަންޒަރެއްވީމަ ދޯ ތިތާ ތިހިރީ؟ އާދޭ ކާން! މިތާ ކައިރި ހުރި ގެއެއްގެ ދައްތައަކު ގެނައި ކާއެއްޗެހިވެސް އެބަހުރި." ހާޝިމް އިހުނަށްވުރެ ރަނގަޅު ހިނގުމެއްގައި ކޮޓަރީގެ ހުޅުވާލެވިފައިވި ދޮރުމައްޗަށް އަރަމުން ބުނެލިއެވެ. އައްޒާމް އޭނަގެ ލޮލުގެ ކައިރިން އިނގިއްޔެއް ހިންގާލަމުން ހިނިތުންވުމެއް ވެރި ކުރުވައި ކާފައަށް ބަލާލިއެވެ. އަދި ހިނގާށޭ ބުނެ ކާފައާއި ދިމާލަށް ހިނގައިގަތެވެ.

ރޭގަނޑުގެ ކެއުމަށް އިންސާފު ކުރަމުން ދިޔައިރު ހާޝިމަށް ދޭތެރެދޭތެރެއިން އައްޒާމަށް ބެލެމުން ދިޔައީ އޭނަގެ އާދަޔާ ޚިލާފު ހިމޭންކަމުގެ ސަބަބުންނެވެ. އައްޒާމަށް އައި ބަދަލު ހާޝިމަށް ފާހަގަ ކުރެވެމުން ދިޔައީ އެދުވަހުގެ މެންދުރުއްސުރެއެވެ. ކެއުމުގެ ތެރޭގައި އައްޒާމަށް ބަލަން ހުރެ ހާޝިމް ކަރުކެހިލީ އޭނަގެ ސަމާލުކަން ހޯދުމަށެވެ. އައްޒާމް އޭނައަށް ބަލާލުމުން ހާޝިމް ވާހަކަ ދެއްކިއެވެ.

"ކޯޑު ދިމާނުވެގެންތަ މާ ބޯ ބޮޑުވެގެން ތިއުޅެނީ؟" ހާޝިމް ސަމާސާ ރާގަކަށް އަހާލިއެވެ. އެއާއެކު އައްޒާމްގެ ހީލި އަޑު އިވުމުން ހާޝިމްގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ.

"ނޫނޭ ކާފާ.....މިއަދު ދިމާވި ކަންތައްތަކާމެދު މާ ބޮޑަށް ވިސްނެނީ." އައްޒާމް ބުނެލިއެވެ. ހާޝިމަށް ކޮން ކަމެއްތޯ އަހާލެވުނެވެ. އެއާއެކު އައްޒާމް ފުން ނޭވައެއް ދޫކޮށްލަމުން މާޝާ މަރުކަޒަށް ގެންދިޔުމުން ކަންތައްވެގެން ދިޔަ ގޮތުގެ ވާހަކަ ކާފައަށް ކިޔައިދޭން ފެށިއެވެ. މާޝާގެ ބައްޕަ ފެނުނުއިރު ވަރަށް އޯގާތެރި ވައްތަރުވި ކަމާއި އެހެނަސް ފަހުން އެ ބައްޕައަށް އައި ބަދަލުގެ ވާހަކަ ކިޔައިދިނެވެ. އެ ބައްޕަ އެއްޗެހި ކިޔުމުން މާޝާއަށް ވީގޮތުގެ ވާހަކަ ވެސް ކިޔައިދެވުނީ ދެރަވެފައިވި ހިތަކާއި އެކީގައެވެ.

"އެކަމަކު އަސްލު އެއީއެއްނޫން ދޯ ނަޞޭޙަތްތެރިވާންވީ ގޮތް؟ އަހަރެން ވެސް ޤަބޫލުކުރަން އެކުއްޖާވެސް އެ ހެދީ ވަރަށް ބޮޑު ގޯހެއްކަން. އެކަމަކު އެ ބައްޕައަށް އެއަށްވުރެ ރަނގަޅަށް ކަންތައް ކުރެވުނީހޭ ހިތަށްއަރަނީ." އައްޒާމް އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިނދެ ބުނެލިއެވެ. ހާޝިމަށް އެ ވާހަކަތައް ސީރިއަސްކަމާއެކީ އަޑުއަހަން އިނދެވުނެވެ. އަޑުއަހަމުން ދިޔަދިޔަހެން އައްޒާމަށް މިކަން މާ ބޮޑުކަމަކަށްވީ ކީއްވެކަން ވެސް އޭނައަށް ފަހުމްވެގެން ދިޔައެވެ. އެއާއެކު ހާޝިމް ތުންފިއްތާލަމުން މޭޒުމަތީގައި އޮތް އައްޒާމްގެ އަތްމަތީގައި އަތްއެޅިއެވެ. އަނެއްކާވެސް އައްޒާމް އޭނައަށް ބަލާލުމުން ހާޝިމް ވާހަކަ ދެއްކިއެވެ.

"ދަރިފުޅު ވަރަށް ރަނގަޅަށް އަޑުއަހައްޗޭ ކާފަ މި ދައްކާ ވާހަކަ.....ރުޅި އިސްކުރާ ކޮންމެ މީހަކީ ގޯސް މީހެއްނޫން. ވެދާނެ އެ ރުޅި އިސްކުރި މީހަކު ފަހުން އެކަމާމެދު ހިތާމަކުރާ ކަމަށްވެސް. އަހަރުމެންނަކަށް ހަމަ އެއްގޮތަކަށް ވެސް ނޭނގޭ....އެނގޭ ދަރިފުޅަށް ޙަޔާތުގައި ކުރެވިފައިވަނީ އެފަދަ ވަރަށް ހިތި ތަޖުރިބާތަކެއްކަން. އެކަމަކު އެ ތަޖުރިބާތަކަކީ ދަރިފުޅު ހިތްހަރު ކުރުވާ ސަބަބަކަށް ނަހަދާތި. ޙަޔާތުގައި ވޭތުވެދިޔަ ބާބެއްގެ ސަބަބުން މުސްތަޤްބަލުގައި ދިމާވާ މީހުންނާމެދު ގޯސްކޮށް ވިސްނައި ކަތި ފިޔަވަޅުތައް ނާޅާތި." ހާޝިމަށް އެހާ ހިސާބަށް ވާހަކަ ދެކެވުނުތަނާހެން އައްޒާމް ދެންވެސް ވާހަކަ ދެއްކިއެވެ.

"އެކަމަކު އަހަރެން ހެޔޮކޮށް ވިސްނައިގެން ހުއްޓާ ހަމަ އެފަދަ މީހެއްގެ ސަބަބުން އެހެން ކުއްޖެއްގެ ދިރިއުޅުން ބަރުބާދުވެއްޖެއްޔާ ކިހިނެއް ހަދާނީ؟" އައްޒާމަށް އެހެން އަހާލެވުނީ އިންތިހާއަށް ކަންބޮޑުވެފައިވި ހިތަކާއެކީގައެވެ. އޭނަ ކަންބޮޑުވަނީ ކާކާއިމެދުކަން އެނގުންވުމުން އޭނައަށް ޙައިރާންކަމެއް ލިބުނެވެ. މާޝާއާއިމެދު އޭނަ މިހާ ބޮޑަށް ހިތް ނުތަނަވަސްވާން ފެށީ ކޮން އިރަކުތޯ އަމިއްލަ ނަފްސާއި ސުވާލުކޮށްލެވުނެވެ.

"ހުމް....ރަނގަޅަށް ތި ބުނީވެސް. އެކަމަށްޓަކައި ޖެހޭނީ ތި ޢާއިލާ ރަނގަޅަށް ދެނެގަންނަން. ކޮން ނަމެކޭ އައްޒާމް ބުނީ އެކުއްޖާގެ ބައްޕައަށް ކިޔަނީ؟" ހާޝިމް އަހާލިއެވެ.

"އެކުއްޖާގެ މަންމަ އެ ބައްޕައަށް ލަތީފްއޭ ކިޔާ އަޑު އިވުނު." އައްޒާމް ހަނދާން ކޮށްލަމުން ބުނެލިއެވެ.

"ލަތީފް....އާނ ތީ އެއްކަލަ ވަޑާންކުރާ ލަތީފް ދޯ؟ ތިއީ ކާފަ ދަންނަ މީހެކޭ. އެ އަވަށުގަ މުސްކުޅި މީހަކަށްވެފައި ފުރާވަރުގެ އަންހެން ކުއްޖެއް ހުންނާނީ އޭނަގެ އެކަނި. ލަތީފަކީ ގޯސް މީހެއްނޫން. ވަރަށް ހިތްހެޔޮ ވާނެ. އެކަމަކު ދޭތެރެދޭތެރެއިން އޭނަ ލޭމަތިވާތީ އަޑުހަރު ކުރެވޭތަން އާދޭ. އެކަމަކު އޭނަ ވަރަށް އަވަހަށް މަޢާފަށް ވެސް އެދޭނެ. ހިއެއްނުވޭ އޭނަ އަމިއްލަ ދަރިފުޅަށް މާ ގިނަ ދުވަސް ވަންދެން ރުޅިވެގެން ހުންނާނެހެނެއް." ހާޝިމް އޭނައަށް އެނގޭ ވަރަކުން ކިޔައިދިނެވެ. ހާޝިމްގެ ފަހު ޖުމްލައިން އައްޒާމަށް ބޭއިޚްތިޔާރުގައި ހިނިތުންވެލެވުނީ ހިތަށް ވެރިވި ހަމަޖެހުމެއްގެ ސަބަބުންނެވެ. ހަމައެއާއެކު އޭނައަށް މި ވަނީ ކީއްތޯ އައްޒާމްގެ ހިތަށްއަރަމުން ދިޔައެވެ.

**

މާޝާ މެންދުރު މަރުކަޒުން ގެއަށް ދިޔަ ގޮތަށް ކޮޓަރިއަށްވަދެ ކޮޓަރިން ނިކުންނަން ޚިޔާލެއް ނުކުރެއެވެ. އޭނަ ހުރީ ބައްޕައަށް ނުރުހުންވެފައެވެ. ހަމައެއާއެކު އޭނައަށް ލިއާމާއި އެކީ މިއަދު ކުރެވުނު ކަމުގެ ލަދުވެތިކަން ވެސް އިޙްސާސް ކުރެވެމުން ދިޔައެވެ. އެ ލަދުވެތިކަމުގެ ތެރެއިން ލިއާމަށް ވެސް ހިތާހިތުން އެއްޗެހި ގޮވެމުން ދިޔައެވެ. އޭނަ ބުނުމުން ވެސް މާ ލަސްވުމުގެ ކުރިން ލިއާމް ޚިޔާލު ބަދަލު ނުކުރުމުންނެވެ. އަދި ލިއާމްގެ ޚިޔާލާއި އެއްގޮތަށް ކަންތައް ކުރުމުގެ ނަތީޖާއެއްގެ ގޮތުން އޭނައަށް އަނިޔާ ލިބުމުން ލިއާމް އޭނައާއި އަޅާވެސް ނުލި ގޮތުންނެވެ. ލިއާމާއި ދެން ބައްދަލުވާ ދުވަހަކު އޭނައާއި ވަކިވާން ނިންމި މާޝާގެ ހިތަށް އައްޒާމްގެ ޚިޔާލުތައް ވެސް އިރުއިރުކޮޅާ ސަވާރުވަމުން ދިޔައެވެ. އެހެނަސް އެ ޚިޔާލުތަކުގައި ގެނބެން އޭނައަށް ފުރުޞަތެއް ނުލިބެނީ ދޭތެރެދޭތެރެއިން ކޮޓަރީގެ ބޭރުން އިވޭ އޭނަގެ ބައްޕަގެ އަޑުގެ ސަބަބުންނެވެ. އެއްފަހަރު ބޭސް ކައިފިންތޯ އެހިއްޔާ އަނެއްފަހަރު އަދިވެސް އަތަށް ތަދުވޭތޯ އަހާފާނެއެވެ. އޭގެއިން ކޮންމެ ފަހަރަކު އެ އަޑު އިވެމުން ދިޔައީ ސީރިއަސް ރާގެއްގައި ކަމަށްވުމުން މާޝާ އެއްގޮތަކަށް ވެސް އެއިން އެއްވެސް ސުވާލަކަށް ޖަވާބު ދޭ ހިތެއްނުވިއެވެ. ބައްޕައަށް އައިސްފައިވި ރުޅިއެއްގެ ސަބަބުން އޭނަ ކާންވެސް ބޭރަށް ނުނިކުމެވެ. ބަނޑުހައިވިއެއްކަމަކު އޭނަ އޭނަގެ ގޮތުގައި ހިފެހެއްޓީ އޭނަގެ ވެސް ޤަދަރެއް އޮންނަކަން ދެއްކުމަށްޓަކައެވެ.

މާޝާއަށް ނޭނގުނުކަމަކީ ބައްޕަ އޭނައަށް އެއްޗެހި ކިޔުމުން އޭނަ ދެރަވި ވަރަށްވުރެ ބޮޑަށް އޭނަގެ ބައްޕަ ދެރަވި ކަމެވެ. މާޝާ ގެއަށް އައިގޮތަށް އޭނައަށް ނުވެސް ބަލާ ގޮސް ކޮޓަރިއަށްވަދެ ދޮރު ލައްޕާލި ގޮތުން ލަތީފްގެ ހިތްދަތިވިއެވެ. އޭނައަށް ހެދުނީ ކިހާ ބޮޑު ގޯހެއްކަން އޭނައަށް އިޙްސާސްކުރެވުނީ އެހާ ހިސާބުންނެވެ. އިތުރަށް ދެރަވެގެން ދިޔައީ މާޝާ ކާންވެސް ބޭރަށް ނުނިކުތުމުންނެވެ. ދޭތެރެދޭތެރެއިން އެ ދޮރުމައްޗަށް އަރައި ސުވާލުކުރެވެމުން އައީ ހިތުގައިވި ކެކުޅުމެއްގެ ސަބަބުންނެވެ. މާޝާ ކައިފިތޯ ހާފިޒާ ކައިރިން ތަކުރާރުކޮށް އެހެމުން ދިޔައީ އަމިއްލައަށް ކެއުމެއް ނެތިއެވެ. އެރޭވެސް ލަތީފް ކާ މޭޒުދޮށުގައި އިނދެ އެއްވެސް އެއްޗެއްގައި އަތްނުލައި ތެދުވެލިއެވެ. އަދި މާޔޫސީ ގޮތަކަށް ހިނގާފައި ގޮސް ސިޓިންގް ރޫމުގެ ސޯފާގައި އިށީނީ ވަރުބަލިވެފައިވި ފަދައަކުންނެވެ. ހާފިޒާ ކަންބޮޑުވެފައިހުރެ ލަތީފްގެ ގާތަށް ދިޔައެވެ.

"ލަތީފް.....އެ މަންޖެ އަދި އަންނާނެއޭ ބޭރަށް. ތިހެން އުޅެނިކޮށް ލަތީފް ބަލި ބޮޑުވެއްޖެއްޔާ މާ ދެރައެއްނު؟" ހާފިޒާ ކައިރީގައި ހުރި ސޯފާގައި އިށީންނަމުން ވިސްނައިދެވޭތޯ ބެލިއެވެ. ލަތީފްގެ ލޮލުން ކަރުނަ ފައިބަމުން ދިޔަކަން ހާފިޒާއަށް އެނގުންވީ އެވަގުތެވެ. ހާފިޒާގެ ޖުމްލަ ނިމުނު ހިނދު ލަތީފަށް ކަރުނަތައް ފޮހެމުން ވެސް ގިސްލެވެން ފެށިއެވެ. ހާފިޒާ ބުނާނެ އެއްޗެއް ނޭނގިފައި ދެރަ މޫނަކާއެކީ ބަލަން އިންދާ ލަތީފް ވާހަކަ ދެއްކިއެވެ.

"މާޝާގެ އަޚްލާޤް ނުބައިވިއްޔާ ނުބައިވަނީ ހަމަ އަހަ.....އަހަރެންގެ ސަބަބުން. ވަރަށް ދެރަވޭ މާޝާ އެދޭ ކަހަލަ ބައްޕައަކަށް އަހަރެން ނުވީތީ." ލަތީފް ކުރެހިފައިވި އަޑަކުން އޭނަގެ އިޙްސާސްތައް ހާމަކުރިއެވެ. އެއިން ހާފިޒާގެ ހިތަށްވެސް ކުރި އަސަރާއެކީ އޭނައަށް އިސްޖަހާލެވުނެވެ. އެއަށްފަހު ހިމޭންކަމުގެ ވަގުތުކޮޅެއް ވޭތުވިއެވެ. އެ ހިމޭންކަން ނެތިދިޔައީ ލަތީފް ކުއްލިއަކަށް ވާހަކަ ދެއްކުމުންނެވެ.

"އޭ! އެ މަންޖެއަށް މީރު ވައްތަރުގެ ނޫޑުލީހެއްގެ ނަން ހަނދާން އެބަހުރިތަ ހާފިޒާ؟" ލަތީފް ކަމެއް ހަނދާންވި ފަދައަކުން އަހާލިއެވެ. ހާފިޒާ ހަނދާން ކުރަން މަސައްކަތް ކުރަމުން ނޭނގެއޭ ބުނެލުމާއެކު ލަތީފް ކޮޅަށް ތެދުވެލިއެވެ. އަދި މާޝާ އޭތި ލިޔެދިން ގަނޑުކޮޅެއް ކޮޓަރީގެ ވަތްގަނޑުގައި އޮންނާނެއޭ ކިޔައި އަވަސް ހިނގުމެއްގައި ކޮޓަރިއަށް ދިޔައެވެ. އަދި އެއަށްވުރެ އަވަހަށް ކޮޓަރިން ނިކުމެގެން އައީ ތިމަންނަ އެ ގަނެގެން އަންނާނަމޭ ކިޔަމުންނެވެ.

10 މިނެޓް ތެރޭގައި ކަންމަތީ ފިހާރައަކުން ނޫޑޫލްސް ގަނެގެން ލަތީފް އައެވެ. އަދި ހާފިޒާއާއެކީ އެ ނޫޑޫލްސް ކެއްކުމުގައި ބައިވެރިވިއެވެ. މާޝާއަށް މީރުވާނެހެން ނޫޑޫލްސްގެ މަތީގައި އެޅުމަށްޓަކައި ބިސްގަނޑެއް އެޅީވެސް ލަތީފެވެ. ފަހަކަށް އައިސް އަތުގައި ކުޑަ ތުރުތުރެއް ހުރުމުގެ ސަބަބުން އެކަން ކާމިޔާބު ކުރެވުނީވެސް ތިންވަނަ ފަހަރުގެ މަތިންނެވެ. މާޝާގެ ތަށްޓަށް ހާފިޒާ ނޫޑޫލްސް އެތިކޮޅު އަޅާލުމުން ލަތީފް އޭގެ މަތީގައި ބިސްގަނޑު ބޭއްވިއެވެ. ތަން ސާފުކުރުމަށްފަހު ލަތީފް އަނެއްކާވެސް އޭނަގެ ކޮޓަރިއާއި ދިމާލަށް މިޞްރާބުޖެހިއެވެ. އެ ދިޔަ މަގުމަތީގައި މާޝާގެ ކޮޓަރީގެ ދޮރު ފެނިފައި ގޮވާލަން ހިތަށްއެރިއެވެ. އެހެނަސް މާޝާ ދެންވެސް އޭނައަށް ޖަވާބެއް ނުދޭނެއޭ ހިތައި ލަތީފް އޭނަގެ ކޮޓަރިއަށް ވަނެވެ. އަދި އަނެއްކާވެސް އޭނަ އެކި ގަނޑުކޮޅުތައް އަޅާފައި ހުންނަ ރީތިވާ މޭޒުގެ ވަތްގަނޑަށް ދަމާލިއެވެ. ވަތްގަނޑު ހާވަމުން ދަނިކޮށް ތަންކޮޅެއް ބޮޑުކޮށް ލަންބާލެވިފައި އޮތް ގަނޑެއް އަތުގައި ޖެހުމުން އޭނަ އޭތި ނެގިއެވެ. އަދި ލަސްލަހުން އޭތި ހުޅުވާލިއެވެ. އޭގެ މެދުގައި ބޮޑު އަކުރުން 'ސޮރީ'އޭ ލިޔެ ތިރީގައި ދެރަ މޫނެއް ކުރެހިފައިވިއެވެ. މިއީ މީގެ އަހަރެއްހާ ދުވަސްކުރިން މާޝާ އޭނަގެ ކޮޓަރީގެ ދަށުން ފޮނުވާލި ގަނޑެކެވެ. މާޝާ ކޮންމެވެސް އެއްކަމަކާ ރުޅިއައިސްގެން އޭނައާއި ދިމާލަށް ދުވަހަކުވެސް ވާހަކަ ނުދައްކާ ފަދައަކުން ދެކެވުމުން މަޢާފަށް އެދޭނެ އެހެން ގޮތެއް ނުވިސްނިގެން ފޮނުވި ގަނޑުކޮޅެކެވެ. ލަތީފް އެއަށް ބަލަން ހުރެފައި ކަމަކާ އުޅެން ފެށިއެވެ.

**

ނުކައި ގިނައިރުވުމުގެ ސަބަބުން ރޭގަނޑުގެ އެވަގުތުވީއިރު މާޝާގެ ބަނޑުގައި ރިއްސަން ފަށާފައިވިއެވެ. އަދި މިއަށްވުރެ ގިނައިރުވާން ފަށައިފިނަމަ އޭނަ ހޮޑުލަވައި، ރަނގަޅުވާން ގިނަ ދުވަސް ނަގާނެކަން މާޝާގެ ތަޖުރިބާއިން އޭނައަށްވަނީ އެނގިފައެވެ. އެހެނަސް މިދުވަސްކޮޅު ބަލިވެގެން ވާކަށް ނެތެވެ. އަންނަ ހުކުރު ހޮނިހިރު ދެދުވަހު ނިންމަން ޖެހިފައިވި ސްކޫލްގެ މަސައްކަތްތައް ބައިވަރެވެ. މާޝާ އެނދުމަތިން ތެދުވެލީ އެ މަސައްކަތްތަކާމެދު ވިސްނަމުންނެވެ. ބަނޑުގައި އަތް އަޅައިގެން ގޮސް ކޮޓަރީގެ ދޮރާއި ހަމަވީ ވަގުތު ކޮޓަރީގެ ދޮރު ދަށުން ކޮޓަރީގެ ތެރެއަށް އެއްޗެއް އައިހެން އޭނައަށް ހީވިއެވެ. ތިރިއަށް ބަލާލިއިރު އެއީ ލަންބާލެވިފައިވި ގަނޑެކެވެ. ހިސާބެއްގެ ޙައިރާންކަމަކާއެކީ މާޝާ ގުދުވެ އެ ގަނޑު ނަގައި ހުޅުވާލިއެވެ. އެ ހިނދު އޭގެ މެދުގައި އިނގިރޭސި ބޮޑު އަކުރުން 'ސޮރީ'އޭ ލިޔެވިފައިވީއިރު ދަށުގައި ދެރަ މޫނެއް ކުރެހިފައިވިއެވެ. އެ ލިޔުމުގައިވި ތުރުތުރު މާޝާއަށް ފާހަގަވީ، މިއީ ކާކު ފޮނުވާނެ އެއްޗެއްތޯ ހިތަށްއެރި ވަގުތެވެ. އެއާއެކު ފެންކަޅިވެފައިވާ ދެލޮލާއެކީ މާޝާއަށް ދޮރު ހުޅުވާލެވުނީ ކުއްލިއަކަށެވެ. ކުރިމަތިން ބައްޕަ ފެނިފައި މާޝާ ސިހުންވިއެވެ. ލަތީފަށް ވެސްވީ އެކަހަލަ ގޮތެކެވެ. އެހެނަސް އޭނަ ވާހަކަ ދެއްކިއެވެ.

"ކް...ކާން އާދޭ." ލަތީފް ބުނަން ނުބުނަން ކަމަށް ހުރެ ބުނެލީ މާޝާ އަޑުއަހާނެ ކަމުގެ ޔަޤީންކަމެއް ނެތުމުންނެވެ. ބައްޕަގެ މޫނުމަތިން އޭނައަށްޓަކައިވި ކަންބޮޑުވުން އެ ސީރިއަސްކަމުގެ ތެރެއިން މާޝާއަށް ފެނުނީ އެވަގުތެވެ. އަދި ބައްޕަ ދެރަވެފައިވި މިންވަރު ވެސްމެއެވެ. ބައްޕަ ދެންވެސް އަންނާށޭ ބުނުމުން މާޝާ ހިނގައިގަތީ ވަކި އެއްޗެކޭ ބުނަން ނުކުޅެދިފައި ހުރެއެވެ. ކާގެއަށް ގޮސް އެ މޭޒުމަތީގައި މަންމައާއި ބައްޕަ ހަމައެކަނި އޭނައަށްޓަކައި ކޮށްފައި ހުރި ތައްޔާރީތައް ފެނުމުން މާޝާގެ ލޮލުން ކަރުނަތައް ފައިބައިގެން އައެވެ. އޭނައަށް އެކަން ޙައްޤު ނުވާކަން އޭނަ އަންގަން ބޭނުންވިއެވެ. އެހެނަސް މަންމަ އެ މޭޒުދޮށުގައި އޭނަ ބޭންދުމުން މާޝާއަށް ރުއިން ނޫންކަމެއް ނުކުރެވުނެވެ. އޭނަ މަންމައާއި ބައްޕައާއި ދޭތެރޭ ދެރަކޮށް ކަންތައް ކުރުމުން ވެސް އެމީހުން އޭނައާއި ދޭތެރޭ ކަންތައް ކުރާ ގޮތުގެ ފުރިހަމަކަން ފުރަތަމަ ފަހަރަށް އިޙްސާސް ކުރެވެމުންނެވެ. ބައްޕަ މިއަދު އޭނަ ކުށެއް ކުރުމުން އޭނައަށް ކިޔުނު އެއްޗެހި މި ވޭތުވެ ދިޔަ އަހަރުތަކުގެ ތެރޭގައި އޭނަ ބައްޕައާއި ދިމާލަށް ކިޔާފައިވާ އެއްޗެއްސާއި އަޅާވެސް ނުކިޔޭނެވެ. ވީއިރު ބައްޕައާއި މަންމަ އޭނައަށް މިހާ ރަނގަޅީ ކީއްވެ ހެއްޔެވެ؟

މާޝާ ރޯންއިންއިރު ހާފިޒާއާއި ލަތީފް ތަކުރާރުކޮށް ހުއްޓާލުމަށް އެދެމުން ދިޔައެވެ. އެމީހުންގެ އަޑުތަކުގެ ތެރެއިން އެއްޗެކޭ ބުނަން މާޝާއަށް އިރުކޮޅެއް ނެގިއެވެ.

"އައި...މް ސޮރީ ބައްޕާ...." މާޝާއަށް ރުއިމުގެ ތެރެއިން ބުނެވުނީ ހަމައެކަނި އެހާވަރަށެވެ. މިއީ އޭނަ އިޚްލާޞްތެރި ހިތަކާއެކީ ބައްޕައަށް މަޢާފަށް އެދުނު ފުރަތަމަ ފަހަރެވެ. ކުރިން އެ ބަސްތައް ބުނި ކޮންމެ ފަހަރަކު އޭނަ ބުނެފައިވީ އަމިއްލަ އެދުމަކާއި އެކީގައެވެ. އެހެނަސް މިފަހަރު އޭނަ މަޢާފަށް އެ އެދުނީ ބަދަލުގައި އެއްވެސް ކަމެއް އެދުމެއްނެތިއެވެ. އަދި ބައްޕަ އުފާވާނެހެން އުޅުން ބަދަލުކުރަން ނިންމަމުން ވެސްމެއެވެ. މާޝާއަށް ނޭނގުނުކަމަކީ ހެޔޮ މަގާއި ދިމާލަށް އޭނައަށް އެޅުނު ފުރަތަމަ ފިޔަވަޅަކީ އެއީ ކަމެވެ. ހިތުގެ އަޑިން ކަމަކަށް ޝުކުރުވެރިވެ ރަނގަޅު މީހަކަށްވުމަށް ޢަޒުމް ކަނޑައެޅުމެވެ.

އޭގެ އަނެއްދުވަސްވެގެން ދިޔައީ މުލަކަށް ވިއްސާރަ ދުވަހަކަށެވެ. ގަދަ ނިދީގައި އޮތް މާޝާއަށް ހޭލެވުނީ ވެހެމުން ދިޔަ ވާރޭގެ އަޑުގެ ތެރެއިން ފަތިސް ނަމާދަށް ބަންގި ގޮވާ އަޑަށެވެ. ނޭނގޭ ސަބަބަކާހުރެ އެދުވަހު ކަންނެތް ނުވެ މާޝާއަށް ތެދުވެލެވުނެވެ. އަދި ފަތިސް ނަމާދަށްފަހު އޭނަ ނިދާކަށްވެސް ނޫޅުނެވެ. އޭގެ ބަދަލުގައި ފަތިހު ފަތިހާ އޭނަ ސްކޫލްގެ މަސައްކަތް ފެށިއެވެ. މަންމަ އޭނަ ހޭލީތޯ ބަލަން އައީ އޭނަ އެ މަސައްކަތުގައި އިންދައެވެ. އޭނަ ނަމާދަށް އަރައިފިކަން އެނގުމުން މަންމަ އުފާވުމުން މާޝާވެސް އުފާވިއެވެ. މަންމަ ސައިބޯން އަންނާށޭ ބުނުމުން ވެސް އޭނައަށް ބޮޑާ ހޭކުމެއްނެތި ބަސްއެހުނެވެ. އޭނައަށް މިއައި ކުއްލި ބަދަލުގެ ސަބަބުން މާޝާ ހިސާބަކަށް ޙައިރާންވިއެއްކަމަކު އޭނަ އެކަމާމެދު މާ ބޮޑަށް ނުވިސްނައެވެ.

ސައިބުއިމަށްފަހު މާޝާ އަނެއްކާވެސް ކޮޓަރިއަށް ގޮސް އޭނަގެ ލެޕްޓޮޕް ހުޅުވާލީ ޕްރެޒެންޓޭޝަނެއް ހެދުމަށްޓަކައެވެ. ފަހަކަށް އައިސް އޭނަގެ ލެޕްޓޮޕްގެ ޓަޗް ޕެޑް ގިނަ ފަހަރު މަސައްކަތް ނުކުރާތީ އޭނަ ހުންނަނީ އޭތި ހުޅުވަން ވެސް ފޫހިވެފައެވެ. އެހެނަސް ހުޅުވާލީ އެއިން އޭނަގެ މަސައްކަތް ކުރެވޭތޯއެވެ. އެދުވަހު ވެގެން ދިޔައީ އަދި މާ ދެރަ ގޮތެވެ. ޓަޗް ޕެޑް މުޅިން ވެސް މަސައްކަތް ނުކޮށް ހުއްޓުނެވެ. އޭނަ އުޅެއުޅެ ސްކްރީނުން ފެންނަމުން ދިޔަ ކާސާރއަށް ގޮތެއް ނުވިއެވެ. ގޭގައި މައުސްއެއްވެސް ނެތުމުން މިއަދު މީތިން މަސައްކަތެއް ނުކުރެވޭނެކަން އޭނައަށް އެނގުނެވެ. އެއާއެކު ހަދާނެ ގޮތެއް ނުވިސްނުމުން އޭނައަށް ދޮންބެއަށް ގުޅާލެވުނެވެ.

**

ފަތިސް ނަމާދަށްފަހު ނިދާފައި އޮތް މިރްޒާނަށް ހޭލެވުނީ ބާލީސް ކައިރީގައި އޮތް އޭނަގެ ފޯނު ރިންގުވާ އަޑަށެވެ. ގުޅަނީ ކާކުތޯ ވެސް ނުބަލައި އޭނަ ފޯނު ކަންފަތުގައި ޖައްސާލުމާއެކު މާޝާގެ ޝަކުވާގެ އަޑު އިވުނެވެ. އެއާއެކު މިރްޒާންގެ ނިދި ފިލައި ދިޔައެވެ. މާޝާ ހުރިހާ ވާހަކައެއް ކިޔައިދިނުމަށްފަހު އެދުނީ އޭނައަށް ވަގުތުން އާ ލެޕްޓޮޕެއް ގަނެދިނުމަށެވެ. އެހެން ބުނުމާއެކު މިރްޒާނަށް ވާހަކަ ދެކެވުނެވެ.

"މަޑުކޮށްބަ މާޝް....އަދި އެއްޗެއް ހަލާކުވީމަ އޭތި ވަގުތުން އުކާނީއެއްނޫން ދޯ؟ ރަނގަޅު ކުރެވޭނެ ގޮތްތައް ވެސް ހުންނާނެ. ދޮންބެ އެބަ ބަލަން ކުޑަކޮށް. ބަލާފަ އެބަ ގުޅަން." މިރްޒާން އެހެން ބުނެ ފޯނު ކަނޑާލިއެވެ. އަދި އެނދުމަތީގައި އިށީންނަމުން އާތިފަށް ގުޅާލަން އުޅުނެވެ. ހަމަ އެވަގުތު އާތިފްގެ ފަރާތުން މެސެޖެއް އައިސްފައިވި ތަން ފެނިފައި އޭނަ އެ މެސެޖު ހުޅުވާލިއެވެ. އެ މެސެޖުގައި އޮތީ އައިޓީ އައްޒާމް ހުރީ މުލަކުގައި ކަމަށެވެ. އަދި އޭގެ ތިރީގައި އައްޒާމަށް ގުޅޭނެ ނަންބަރުވެސް ލިޔެވިފައިވިއެވެ. ލިބުނު ފަސޭހައަށްޓަކައި ހިތާހިތުން ޙަމްދުކޮށްލަމުން މިރްޒާން ވަގުތުން އެ ނަންބަރަށް ފިތައި ގުޅާލިއެވެ.

**

ބޯ ވާރޭ ތެރެއިން ހެނދުނުގެ އެވަގުތުގައި ދުވެފައި ދިޔަ އައްޒާމް ހުރީ ބޯ ކޯޓެއް ލައިގެން އެ ކޯޓުގެ ބައެއް އޭނަގެ ބޮލުގައި އަޅައިގެންނެވެ. ޖިންސްގެ ޖީބުގައި އޮތް އޭނަގެ ފޯނާއި ގުޅާލެވިފައިވި އިއާރފޯނު ކަންފަތާއި ގުޅާލެވިފައިވީއިރު އޭނަ އަޑުއަހަމުން ދިޔައީ ރެކޯޑު ކުރެވިފައިވި އިނގިރޭސި ފޮތެއްގެ އަޑެވެ. މިއީ އައްޒާމްގެ ކޮންމެ ދުވަހެއްގެ ވެސް އާދައެވެ. އެހެނަސް އެހެން ދުވަސްދުވަހާއި ޚިލާފަށް އޭނައަށް އެ އަޑުއަހަމުން ދިޔަ އެއްޗަކަށް ސަމާލުކަން ދޭން އުދަގޫވަމުން ދިޔައެވެ. އިއްޔެ ހިނގި ކަންތައް ފިލްމެއް ފަދައިން އޭނަގެ ލޯ ކުރިމަތިން ފެންނަމުން ދިޔަހެން އޭނައަށް ހީވަމުން ދިޔައެވެ. ވަކިން ޚާއްސަކޮށް މާޝާގެ ސޫރަ ހަނދާން ނައްތާލަން އޭނައަށް ދަތިވަމުން ދިޔަގޮތުން އައްޒާމް އަމިއްލަ ނަފްސަށް ނުރުހުންވަމުން ދިޔައެވެ. މިކަން މިހެން ވަނީ މާޝާ ވެސް އޭނަ ވީ ފަދަ ޙާލެއްގައި ވުމުން އޭނަގެ ހިތުގައި މާޝާއަށްޓަކައި އުފެދުނު ޙަމްދަރުދީގެ ސަބަބުންކަމަށް އޭނައަށް ނިންމުނެވެ. އެ ޙަމްދަރުދީ، ޙަމްދަރުދީގެ ގޮތުގައި ދެމިއޮންނަން އޭނައަށް އެދެވުނެވެ. ކަންވާނީވެސް އެހެންކަމަށް އައްޒާމް އަމިއްލަ ނަފްސު ގާތު ބުނެލައިފިއެވެ. އޭނައަށް ދެން މާޝާ  ފެނުމަކީ ނާދިރު ކަމެކޭ ހިތަށް އެރި ވަގުތަކީ އޭނަގެ އިއާރފޯނުން ފޯނު ރިންގުވާން ފެށި އަޑު އިވުމުންނެވެ. އެއާއެކު އައްޒާމް އެތާ ކައިރީގައި ހުރި ކުޑަ ފިހާރައެއްގެ ހިޔަލަށް ވަދެ މަޑުކޮށްލަމުން ފޯނަށް ޖަވާބު ދާރީވިއެވެ.

"ހެލޯ؟" އައްޒާމް ބުނެލިއެވެ.

"ސަލާމް....އައިޓީ އައްޒާމް ދެއްތޯ؟ ފުވައްމުލަކުގަތޯ ތިއުޅުއްވަނީ؟" އިއާރފޯނުން އިވިގެން ދިޔައީ ބޮޑު ފިރިހެނެއްގެ އަޑުކަން އައްޒާމަށް އެނގުނެވެ. އެ ވާހަކައިގައިވި އަދަބުވެރިކަމުން އެމީހަކަށްޓަކައި އައްޒާމްގެ ހިތުގައި އިޙްތިރާމެއް އުފެދުނެވެ.

"އާދެ!" އައްޒާމްވެސް ވާހަކަ ދެއްކީ އިޙްތިރާމާއި އެކީގައެވެ.

"އަޅުގަނޑު މިއީ ޑިރެކްޓާރ އަހުމަދު މިރްޒާން ލަތީފް. އެނގިލައްވާނެކަމަށް އުއްމީދުކުރަން. އަޅުގަނޑު އެހެންނޫނަސް ތިފަރާތާއި ބައްދަލުކުރަން ބޭނުންވެގެން މިހުންނަނީ. އެކަމަކު މިއަދު މި ގުޅާލީ ކުޑަ ކަމަކު. އެނގޭ ހުކުރު ދުވަހެއްކަން. އެކަމަކު ތިފަރާތުން ކުޑަ ކަމެއް ޙައްލުކޮށްދެވިދާނެތޯ؟ އެކްސްޓްރާކޮށް ޗާޖުކޮށްގެން ވިޔަސް މައްސަލައެއްނެތް." އެކޮޅުން ވާހަކަ ދައްކަމުން ދިޔަ މީހެއްގެ ހައިބަތު އެނގުމުން އައްޒާމްގެ މެއަށް ކުޑަކޮށް ފިނިވެގެން ދިޔައެވެ. އެހެނަސް އޭނަ ދެންވެސް ސާބިތު އަޑަކުން ވާހަކަ ދެއްކިއެވެ.

"އާދެ! ކޮންކަމެއްތޯ؟" އައްޒާމަށް ބުނެލެވުނެވެ.

"ތިކޮޅުގަ ހުންނާނެ ހިޔާ ނަމަކަށް ކިޔާ ގެއެއް. އެގޭގެ ކުއްޖެއްގެ ލެޕްޓޮޕްގަ މައްސަލައެއް ޖެހިގެން މިއުޅެނީ. އެ ގެ މަޝްހޫރުވާނީ ވަޑާންކުރާ ލަތީފްގެ ގޭގެ ނަމުން. އެގެއަށް ގޮސްދެވިދާނެތޯ؟" މިރްޒާން އެކޮޅުން ކިޔުނު ނަމަކާއެކީ އެންމެ ފަހުން ކޮށްލި ސުވާލުން އައްޒާމް ހުއްޓުންއެރިއެވެ.

Comments

Popular posts from this blog

Arabic Pronouns (dhameer)

Harf of Nasb (English + Dhivehi)

Mudhaaf-mudhaaf ilaihi and pronouns (English lesson)